މުހައްމަދު އަސްލަމް

އަސްލަމް އެދެނީ އިންޑިއާ ކޮންސިއުލޭޓް ހުޅުވުން އަވަސްކުރަން

އައްޑޫ ސިޓީގައި އިންޑިއާގެ ކޮންސިއުލޭޓް އޮފީހެއް ހުޅުވުމުން ރާއްޖެއާއި އިންޑިއާގެ ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އައްޑޫ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރިޔާސަތު ބެލެހެއްޓެވި ކެބިނެޓްގެ އިއްޔެގެ ބައްދަލުވުމުގައި ނިންމާފައި ވަނީ މިއަހަރު ނިމުމުގެ ކުރިން އައްޑޫގައި ކޮންސިއުލޭޓް ގާއިމު ކުރުމަށެވެ. ނަމަވެސް ކޮންސިއުލޭޓް އޮފީހެއް ހެދުމަށް އިންޑިއާ ސަރުކާރުން ދިވެހި ސަރުކާރާ އެކު މިހާތަނަށް މަޝްވަރާ ކޮށްފައި ނުވާ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ރޭ ވަނީ ވިދާޅުވެފަ އެވެ.

އަސްލަމް މިއަދު ވިދާޅުވީ އައްޑޫގައި ކައުންސިލޭޓް އަޅަންވީ ވަގުތު އައިސްފައިވާ ކަމަށެވެ. އަދި އެކަމަށް ސަރުކާރުން ވީހާވެސް އަަވަހަށް ހުއްދަ ދޭނެކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

"އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓެއް ހެދުމުން ދެ ގައުމުގެ ދެމެދުގައި ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހިވެ އައްޑޫގައި އިންޑިއާގެ އިންވެސްޓްމަންޓްތަކަށް މަގުފަހިވެގެން ދާނެ. އަދި އައްޑޫ ރައްޔިތުންނަށް ވިސާ ލިބުމުގައި ފަސޭހަވާނެ" އަސްލަމް ވިދާޅުވެފައިވެ އެވެ.

އިންޑިއާގެ އެމްބަސީއެއް މާލޭގައި ހުންނައިރު އެގައުމުގެ ކޮންސިއުލޭޓް އޮފީހެއް ރާއްޖޭގެ އިތުރު އެއްވެސް ސަަރަހައްދެއްގައި މިވަގުތު ގާއިމުކޮށްފައެއް ނުވެ އެވެ. ނަމަވެސް ރާއްޖޭގެ ކޮންސިއުލޭޓް އޮފީހެއް އިންޑިއާގެ ޓްރިވެންޑްރަމްގައި ހުރެ އެވެ.

ދިވެހިރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ އައްޑޫގައި ކޮންސިއުލޭޓް އޮފީހެއް ހެދުމަށް ނިންމީ އިންޑިއާގެ ސަރުކާރުން ގެންގުޅޭ "ނެއިބަހުޑް ފަސްޓް ޕޮލިސީ" އާއި "ސެކިއުރިޓީ އެންޑް ގްރޯތު ފޯ އޯލް އިން ދަ ރީޖަން"ގެ އަމާޒުގައި ރާއްޖެ އަކީ މުހިންމު ދައުރެއް އަދާކުރާ ގައުމަކަށް ވުމުން ކަމަށެވެ.

އިންޑިއާ ސަރުކާރުން ބުނީ އައްޑޫގައި ކޮންސިއުލޭޓް އޮފީހެއް ހެދުމަށް ބޭނުންވި ނަމަވެސް އެކަމުގެ އަމަލީ މަސައްކަތް ފަށާނީ އެ މަސައްކަތް ކުރުމަށް ދިވެހި ސަރުކާރުން ހުއްދަ ދިނުމުން ކަމަށެވެ.

ކޮންސިއުލޭޓް އޮފީހެއް އައްޑޫގައި ހުޅުވުމުން އިންޑިއާ އަށް ދަތުރުކުރަން ބޭނުންވާ އައްޑޫގެ ރައްޔިތުންނަށް ފަސޭހައިން ވިސާ ލިބޭނެ އިންތިޒާމުތަކެއް ހަމަޖެހިގެންދާނެ ކަމަށްވެސް އިންޑިއާ ސަރުކާރުން ބުނެފައިވެ އެވެ.

އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓް އޮފީހެއް ހުޅުވުމަށް ނިންމާފައި މިވަނީ 200 މިލިއަން ޑޮލަރުގެ މަޝްރޫއުތަކެއް އެ ގައުމުގެ އެހީގައި އައްޑޫގައި ފަށާފައި ވަނިކޮށެވެ.