ކޮވިޑް-19 އަށް ފަރުވާ ހޯދަމުން ދަނިކޮށް މިއަދު ދެވަނަ މީހަކު މަރު ވެއްޖެ އެވެ.
އައިޖީއެމްއެޗްގެ އެމަޖެންސީ ރޫމުގައި ފަރުވާ ދެމުން ދިޔަ އެ މީހާ މަރުވެފައި ވަނީ މިއަދު ހެނދުނު 7:55 ހާއިރު އެވެ. އެއީ 79 އަހަރުގެ ފިރިހެނެކެވެ.
މިއަދު ކުރިން މަރުވެފައި ވަނީ 56 އަހަރުގެ ފިރިހެނެކެވެ. އޭނާ މަރުވެފައި ވަނީ ރޭ ދަންވަރު 2:41 ހާއިރު ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދަމުން ދަނިކޮށެވެ.
މިއާއެކު ކޮވިޑް ޖެހިގެން ރާއްޖެއިން މަރުވި މީހުން އަދަދު މިވަނީ 150 އަށް އަރާފަ އެވެ. މި މަހު މަރުވި މީހުންގެ އަދަދަކީ 77 އެވެ. ކޮވިޑް ބަލި ޖެހެގެން ކައިރިކައިރީގައި މަރުވާ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. އިއްޔެ ވެސް އެ ބަލީގައި ހަތަރު މީހަކު ވަނީ މަރުވި އެވެ..