ޑިޒާސްޓާ މެނޭޖްމެންޓް ސެންޓަރު

މޯނިންވިއުގެ އެއް އިމާރާތް ދެން ބޭނުން ނުކުރެވޭނެ

ރޭ ފަތިހު ރޯވި އަލިފާނުގައި މއ. މޯނިންވިއު ގޭގެ އެއް އިމާރާތް އަނދައި ބޭނުން ނުކުރެވޭ ވަރަށް ހަލާކު ވެފައިވާ ކަމަށް ޑިޒާސްޓާ މެނޭޖްމެންޓްގެ ސީއީއޯ އުމަރު ފިކުރީ ވިދާޅު ވެއްޖެ އެވެ.

މޯނިންވިއުއަކީ އެއްގޯތީގައި ދެ އިމާރާތް ހުންނަ ގެއެކެވެ. ފަތިހު އައި އަލިފާނުގެ ހާދިސާ ހިނގާފައިވާ މި ގޭގެ ހުޅަނގަށް ހުރި އިމާރާތް ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާ ކަމަށް އުމަރު ވިދާޅުވި އެވެ.

މޯނިންވިއު ގޭގައި 56 މީހަކު ދިރިއުޅެ އެވެ. އޭގެތެރޭގައި 18 އަހަރުން ދަށުގެ 17 ކުޑަކުދިން ހިމެނެ އެވެ. އެމީހުން ވަގުތީ ގޮތުން ބަދަލުކުރީ ޣިޔާސުއްދީން ސުކޫލުގައި ގާއިމްކުރި އެވަކުއޭޝަން ސެންޓަރަށެވެ. އަލިފާން ރޯވި ހުޅަނގު ފަރާތުގެ އިމާރާތުގައި ފަސް އާއިލާއެއްގެ 32 މީހަކު ދިރިއުޅެމުން އައެވެ. އެމީހުން ވަނީ ވަގުތީ ގޮތުން ގެސްޓް ހައުސްތަކަށް ބަދަލުކޮށްފަ އެވެ.

އެ މީހުންގެ ތެރެއިން ތިން މީހަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފަ އެވެ. އެޗްޕީއޭގެ އިރުޝާދާ އެއްގޮތަށް އެ ތިން މީހުން މިހާރު ވަނީ ކޮވިޑް ފެސިލިޓީއަށް ގެންގޮސްފަ އެވެ.

އުމަރު ވިދާޅުވީ މޯނިންވިއު އިރުމަތީ ފަރާތުގައި ހުރި އިމާރާތުގައި ދިރިއުޅުނު މީހުން މިހާރު އެމީހުންގެ އެޕާޓްމެންޓަތަކަށް ބަދަލު ކޮށްފައިވާ ކަމަށެވެ. އެ އިމާރާތަށް ބޮޑު ގެއްލުމެއް ލިބިފައި ނުވާ ކަމަށް ވެސް ވިދާޅުވި އެވެ.

ގެއްލުން ލިބުނު ފަރާތްތަކަށް ޑިޒާސްޓާ މެނޭޖްމެންޓްގެ ފަރާތުން އަންނައުނާއި ފައިސާގެ އެހީ ހަމަޖައްސައިދީފައި ވާނެ ކަމަށް ވެސް އުމަރު ވިދާޅުވި އެވެ. އެގޮތުން ކުރިއަށް އޮތް ތިން ދުވަހަށް ކޮންމެ މީހެއްގެ ކެއިން ބުއިމަށް ދުވާލަކަށް 200ރ. ދީފައި ވާނެ ކަމަށާއި އަންނައުނު ގަތުމަށް ކޮންމެ މީހަކަށް 1500ރ. ގެ އެހީ ދީފައިވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

އަދި ކުޑަކުދިންނަށް ކިރާއި ނެޕީ ފަދަ ތަކެއްޗާއި ސައިބޯނި ޝޭމްޕޫ ފަދަ ޒަރޫޒީ ބޭނުންތަކަށް ބޭނުންކުރާ ސާމާނު މިހާރު ފޯރުކޮށްދީފައި ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މި ހާދިސާގައި އެ ގެއަށް ލިބުނު ގެއްލުމުގެ އެސެސްމެންޓްތައް އެމްޑީއެމްއޭ އާއި އެމްއެންޑީއެފް ގުޅިގެން އާދީއްތަ ދުވަހު ފަށާނެ އެވެ. ،މި އެސެސްމެންޓުތަކުގައި އިމާރާތަށް ލިބުނު ގެއްލުމާއި ހިފައި ގެންގުޅޭ ސާމާނަށް ލިބުނު ގެއްލުން ދިރާސާ ކުރާނެ އެވެ.

މޯނިންވިއު ގޭގައި އަލިފާން ރޯވީ ރޭ ފަތިހު 5:00 އެހާކަންހާއިރު އެވެ. އަލިފާނުގެ ހާދިސާ ހިނގިތާ ގަޑިއެއްހާއިރު ތެރޭ އަލިފާން ވަނީ ނިއްވައިލާފަ އެވެ.