އެކްސިޑެންޓް

މަރުގެ އެކްސިޑެންޓަށް ފަހު ފިލި މީހާ ނުހޯދޭ

May 27, 2021
2

މާލޭގައި ރޭ ހިނގި އެކްސިޑެންޓްގައި ސައިކަލް ދުއްވަން އިން މީހާ އަދި ހޯދިފައި ނުވާ ކަމަށް ފުލުހުން ބުނެފި އެވެ.

އެކްސިޑެންޓާ ގުޅިގެން އަވަސް އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ އެކްސެންޓްވީ ސައިކަލް ދުއްވަން އިން މީހާ އަދި ހޯދިފައި ނުވި ނަމަވެސް އޭނާ އަކީ ކާކު ކަން ދެނެގަނެވިފައިވާ ކަމަށެވެ.

މިއެކްސިޑެންޓް ހިނގީ މާލޭގައި ކާފިއު ހިންގާފައި އޮތް ގަޑީގައި ކަމަށްވާތީ އެމީހުން ބޭރުގައި އުޅުނީ ހުއްދަ ނަގައިގެންތޯ އެހުމުން ފުލުހުން ބުނީ އެމީހުންގެ އަތުގައި ބޭރުގައި އުޅުމުގެ ހުއްދައާއި ސައިކަލް ލައިސަންސް އޮތްތޯ ބަލާލުމަށްފަހު އެ މައުލޫމާތު ފަހުން ހާމަކުރާނެ ކަމަށެވެ.

އެކްސިޑެންޓާ ގުޅިގެން ސައިކަލް ފަހަތުގައި އިން އުމުރުން 22 އަހަރުގެ އިސްމާއިލް ޔަޒްދާން ވަނީ ލިބުނު އަނިޔާތަކާ ގުޅިގެން ރޭ މަރުވެފަ އެވެ.

އޭޑީކޭ ހޮސްޕިޓަލުން ބުނީ އޭނާ އަށް ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށެވެ.

އެމްބިއުލާންސްގައި ޔަޒްދާން ހޮސްޕިޓަލަށް ގެންދިޔައީ އެކްސިޑެންޓް ހިނގި ސަރަހައްދުގައި ތިބި ބައެކެވެ.

ގަލޮޅު ހުވަފެނީ ގޯޅީގައި އެކްސިޑެންޓް ހިނގުމާ އެކު ސައިކަލް ދުއްވަން އިން މީހާ ވަނީ އޭނާގެ ފަހަތުގައި އިން ޔަޒްދާނާއި އެމީހުން ދުއްވި ސައިކަލް ދޫކޮށް ފިލާފަ އެވެ.

މަންޒަރު ދުށް ބައެއް މީހުން ބުނާ ގޮތުގައި އެކްސިޑެންޓް ހިނގީ ބާރު ސްޕީޑްގައި ސައިކަލް ދުއްވާފައި އަންނަނިކޮށް ގޯޅިގައި ބަހައްޓާފައި ހުރި ގާޑިޔާގެ އަތްގަނޑުގައި ޖެހިގެންނެވެ. އަތްގަނޑު ވަނީ ޔަޒްދާންގެ ކަރަށް ކަމަށްވެސް ބައެއް މީހުން ވަނީ ބުނެފަ އެވެ.