ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ދެވަނަ ފަހަރަށް ކޮވިޑް ޖެހޭތީ ސަމާލުވާން އެދިއްޖެ

May 29, 2021
1

ކޮވިޑް-19 ޖެހި ގަދަވާ ފަހުން ދެވަނަ ފަހަރަށް ވެސް އެ ބަލި ޖެހެމުންދާތީ ސަމާލުވާން ޑރ. މުހައްމަދު އަލީ އިލްތިމާސް ކުރައްވައިފި އެވެ.

އައިޖީއެމްއެޗްގެ އެތެރެހަށީގެ ޑޮކްޓަރު މުހައްމަދު އަލީ ވިދާޅުވީ އެހެން ގައުމުތައް ފަދައިން ރާއްޖޭގައި ވެސް ކޮވިޑް ބަލި ދެވަނަ ފަހަރަށް ޖެހިގެން ރެކޯޑް ކުރެވިފައިވާ ބަޔަކު އެބަތިބި ކަމަށެވެ.

"އެހެން ނަމަވެސް މިވަގުތު ދަތި އެއީ ސީދާ ކިހާ އަދަދެއްގެ ބައެއް ކަން،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކޮވިޑަށް ދެވަނަ ފަހަރަށް ޕޮޒިޓިވް ވަނީ ވަކި ސަބަބެއް ކުރިމަތި ވެގެން ކަމަށް ވިދާޅުވާން މިވަގުތު ދަތި ކަމަށެވެ. ނަމަވެސް އެއީ ކޮވިޑްގެ އާ ވޭރިއަންޓެއް އުޅޭތީ ދިމާވާ ކަމަކަށް ވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

މުހައްމަދު އަލީ ވިދާޅުވީ ކޮވިޑް-19 އަށް ދެވަނަ ފަހަރަށް ޕޮޒިޓިވްވާ މީހުން ދެނެގަންނަނީ ބައްޔަށް ޝައްކުވާ އަލާމަތްތައް ފެނުމުން ނޭފަތުން ނަގާ ސާމްޕަލާއި އެތެރެ ހަށީގެ އެކްސްރޭ ނަގައި އިތުރު ޓެސްޓްތައް ވެސް ހަދައިގެން ކަމަށެވެ.

އެޗްޕީއޭއިން ކޮވިޑް-19 އިގެ ތަފާސް ހިސާބުތައް އާންމު ކުރާއިރު ކޮވިޑް ދެވަނަ ފަހަރަށް ޖެހޭ މީހުންގެ ތަފާސްހިސާބު އެނގޭ ގޮތަށް އެ މައުލޫމާތު ހާމަ ކޮށްފައެއް ނުހުރެ އެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު ރާއްޖޭގައި މިހާތަނަށް 61،844 މީހަކަށް ވަނީ ކޮވިޑް ޖެހިފަ އެވެ. އޭގެތެރެއިން 36،862 މީހަކު ބަލިން ރަނގަޅު ވެފައިވާއިރު 24،818 މީހަކު މިހާރު ވެސް ގެންދަނީ ބައްޔަށް ފަރުވާ ހޯދަމުންނެވެ. އޭގެތެރެއިން 252 މީހުން ވަނީ ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފަ އެވެ.

ކޮވިޑް ބަލީގައި ރާއްޖޭގައި މިއަދުގެ މިހާތަނަށް 157 މީހަކު ވަނީ މަރުވެފަ އެވެ. ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު 1000 އިން މަތީގައި ހުންނަތާ 11 ދުވަސް ފަހުން އިއްޔެ ވަނީ އެ އަދަދު 1000 އިން ދަށްވެފަ އެވެ. އެޗްޕީއޭ އިން ހާމަކޮށްފައިވާ ގޮތުގައި އިއްޔެ މުޅި ރާއްޖެއިން ޕޮޒިޓިވްވީ 901 މީހެކެވެ.