އެމްޑަބްލިއުއެސްސީ

އެމްޑަބްލިއުއެސްސީގެ ވަޒީފާތަކަށް ކުރިމަތިލުން އޮންލައިންކޮށް

May 30, 2021

އެމްޑަބްލިއުއެސްސީގެ ވަޒީފާ ތަކަށް އަންނަ މަހުން ފެށިގެން ހުށަހެޅޭނީ އޮންލައިނުކޮށް އެކަނި ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އެމްޑަބްލިއުއެސްސީން މިއަދު ބުނީ އޮންލައިންކޮށް ވަޒީފާތަކަށް ހުށަހަޅަން ނިންމީ ކުންފުނީގެ އޮންލައިން ހިދުމަތްތަކާއި އަދި ޑިޖިޓަލައިޒޭޝަން ޕްރޮސެސް އިތުރަށް ފުޅާކޮށް، ތަރައްގީކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ދަށުން ކަމަށެވެ.

އެގޮތުން ރައްޔިތުންނާއި ވީހާވެސް ގާތުން ލުއިފަސޭހަ ގޮތެއްގައި ވަޒީފާއަށް އެދި ހުށައެޅުމުގެ ފުރުސަތު ފަހިކޮށްދިނުމަކީ އެކުންފުނީގެ މަގުސަދެއް ކަމަށް ބުނެ އެވެ.

އެ ކުންފުނިން ބުނީ ކޮންމެ ވަގުތެއްގައި ވެސް އޮންލައިންކޮށް ކޮންމެ ތަނެއްގައި ހުރެގެން ވެސް މިހާރު ފަސޭހަކަމާއެކު ވަޒީފާއަށް އެދި ހުށަހެޅޭނެ ކަމަށެވެ. މިފަދަ އިން އޮންލައިންކޮށް ވަޒީފާތަކަށް އެދި ހުށަހެޅޭ ގޮތް ހަމަޖެހިގެން ދިޔުމުން ވަޒީފާއަށް އެދި ހުށަހެޅުމާއި ވަޒީފާއަށް މީހުން ހޮވުމުގެ މަރުހަލާތަކުގައި ކަރުދާސް ބޭނުންކުރެވޭ މިންވަރު ދަށްވެ، ތިމާވެއްޓަށް ހެޔޮ އަސަރުތަކެއް ކުރުމަށް މަގު ފަހިވެގެންދާނެ ކަމަށްވެސް ބުނެފައިވެ އެވެ.

އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން އާ އުސޫލަށް އަމަލުކުރުމަށްވެސް އެމްޑަބްލިއުއެސްސީ އިން ވަނީ ނިންމާފަ އެވެ. އަދި ކޮވިޑް-19ގެ މިހާލަތުގައި އެހެނިހެން ހިދުމަތްތައް ވެސް އޮންލައިންކޮށް ލިބޭނެ އިންތިޒާމު އެމްޑަބްލިއުއެސްސީ އިން ވަނީ ހަމަޖައްސާފަ އެވެ.

އޮންލައިން އެޕްލިކޭޝަން ލިންކް މެދުވެރިކޮށް އޮންލައިންކޮށް ވަޒީފާއަށް އެދި ހުށަހެޅޭނެ ކަމަށްވެސް އެމްޑަބްލިއުއެސްސީން ބުނެ އެވެ.