ދުނިޔެ

43،000 އަށްވުރެ ގިނަ ފަހަރު ރޭޕްކޮށްފައިވާ އަންހެނެއް!

Nov 12, 2015
2

އޭނާގެ ނަމަކީ ކާލާ ޖެކިންޓޯ އެވެ. މެކްސިކޯ އަށް ނިސްބަތްވާ މި އަންހެން މީހާ އަކީ އެގައުމުގެ ހިއުމަން ޓްރެފިކިން ނުރައްކާތެރި ވިޔަފާރީގެ ތެރެއަށް ދަމައިގެން ގޮސް "ސެކްސް ސްލޭވެއް" ގެ ގޮތުގައި ހަތަރު އަހަރު އުޅުމަށް ފަހު ސަލާމަތްވެފައިވާ މީހެކެވެ.

ސީއެންއެން އަށް ދިން ހާއްސަ އިންޓަވިއުއެއްގައި، އުމުރުން 23 އަހަރުގެ ކާލާ ބުނެފައި ވަނީ އެ މުއްދަތުގައި އޭނާ 43،200 ފަހަރު ރޭޕްކޮށްފައިވާ ކަމަށާއި ދުވާލަކަށް އާންމުގޮތެއްގައި 30 މީހުން އޭނާއާ ޖިންސީގުޅުން ހިންގާ ކަމަށެވެ.

މެކްސިކޯގައި މީހުން ވަގަށް ނަގައި، މީހުންގެ ވަގު ވިޔަފާރީގައި އުޅޭ މީހަކު އޮޅުވާލައިގެން ކާލާ ވަގަށް ނަގާފައި ވަނީ އޭނާގެ އުމުރުން 12 އަހަރުގަ އެވެ. އިންޓަވިއުގައި ކާލާ ބުނެފައިވާ ގޮތުން އެ ފިރިހެން މީހާ އަކީ އޭރު 22 އަހަރުގެ ޒުވާނެކެވެ. އޭނާ ކިޔައިދިން ގޮތުން އޭނާ އަކީ ކާރު ވިއްކާ މީހެކެވެ. އަދި އެކި ފަހަރުމަތިން ހަދިޔާ ފޮނުވައިގެން ރައްޓެހިކަން އުފައްދައި އެންމެފަހުން އެމީހާ އެދުނީ އޭނާގެ ކާރެއްގައި ބުރެއް ޖަހާލަން ދިއުމަށެވެ. އެއަށް ފަހު ކާލާ ގެއްލުނީ އެވެ.

ކާލާ ބުނެފައިވާ ގޮތުން އޭނާ އަކީ އުމުރުން ފަސް އަހަރުން ފެށިގެން އާއިލާ ތެރެއިން ވެސް ޖިންސީ އަނިޔާ ލިބެމުން ދިޔަ ކުއްޖެކެވެ. ވަގަށް ގެންދިއުމަށް ފަހު ހަތަރު އަހަރު ވަންދެން ކާލާ އުޅެން ޖެހިފައި ވަނީ މަޖުބޫރީ ހާލާތުގައި ހަށިވިއްކުމުގެ ވިޔަފާރީގެ ތެރޭގަ އެވެ.

"އަހަރެންގެ ވަޒީފާ ފެށޭނީ ހެނދުނު ދިހައެއް ޖަހާއިރު. ނިމޭނީ މެންދަންވާ ފަހުން. ހަފުތާއެއް ނިމިގެންދާއިރު ދުވާލަކަށް 20 މީހުން އައިސް އަހަރެން ރޭޕްކުރޭ. އޭގެ ތެރެއިން ބައެއް މީހުން ހޭނެ އަހަރެންނަށް ރޮވޭތީ. އަހަރެން އޮންނަނީ ދެ ލޯ މަރާލައިގެން،" ސީއެންއެން އަށް ދިން އިންޓަވިއުގައި ކާލާ ކިޔައިދިނެވެ.

އޭނާ ބުނެފައި ވަނީ އެއްފަހަރަކު ހޮޓަލެއްގައި ހަށިވިއްކަން އުޅެނިކޮށް އެތަނަށް ފުލުހުން ވަދެ ހިންގި އޮޕަރޭޝަނަކުން އުއްމީދު އާވެގެން ދިޔަ ނަމަވެސް އެންމެފަހުވަގުތު ފުލުހުން ވެސް އޭނާ އާއި ދެން ތިބި ހަށިވިއްކާ ކުޑަކުދިންނަށް ކުރީ ޖިންސީ އަނިޔާ ކަމަށެވެ.

މަޖުބޫރީ ހާލަތުގައި ހަށިވިއްކުމަށް ހޭދަކުރުމުގެ ހަތަރު އަހަރު ތެރޭގައި ކާލާ އަށް ދަރިއަކު ވެސް ލިބިފައިވެ އެވެ. އަންހެން ކުއްޖަކަށް އޭނާ ބަލިވެ އިނީ އުމުރުން 15 އަހަރުގަ އެވެ. އެ ކުއްޖާގެ ބައްޕަ އަކީ ކާލާ ވަގަށް ނަގައިގެން އުޅުނު މީހާ އެވެ. އޭނާ ދަރިފުޅު ބޭނުންކޮށްފައި ވަނީ ބުނާ ގޮތަށް ނަހަދާ ނަމަ ކާލާ އަށް ބިރު ދެއްކުމުގެ ގޮތުންނެވެ.

އެންމެފަހުން ކާލާ ސަލާމަތްކޮށްފައި ވަނީ އެންޓި ޓްރެފިކިން އޮޕަރޭޝަނެއްގައި މެކްސިކޯ ސިޓީ އިން 2008 ވަނަ އަހަރު އެވެ. އޭރު އޭނާ އަށް 16 އަހަރެވެ.

މިހާރު ކާލާ މަޝްހޫރުވެފައި ވަނީ ހިއުމަން ޓްރެފިކިންއާ ދެކޮޅު ހިތްވަރުގަދަ އެކްޓިވިސްޓެއްގެ ގޮތުގަ އެވެ. އޭނާ ގެންދަނީ އޭނާގެ ބިރުވެރި ތަޖުރިބާ އެކި ކޮންފަރެންސްތަކާއި އާންމު ހަފުލާތަކުގައި މީހުންނަށް ކިޔައިދެމުންނެވެ. އެގޮތުން ޕޯޕް ފްރާންސިސް އަށް އަދި އެެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގައި ވެސް އޭނާގެ ވާހަކަ ކިޔައިދީފައިވެ އެވެ.