ހަބަރު

މެލޭރިޔާ ނެތް މި ސަރަހައްދުގެ ފުރަތަމަ ގައުމަކަށް ރާއްޖެ

މިސަރަހައްދުގެ ގައުމުތަކުތެރެއިން ރާއްޖެއަކީ މެލޭރިޔާ ބަލި މުޅިހިން ކޮންޓްރޯލް ވެފައިވާ ފުރަތަމަ ގައުމުގެ ގޮތުގައި ޑަބްލިޔުއެޗްއޯ އިން ކަނޑައަޅައިފި އެވެ.

ރާއްޖެއިން ޑަބްލިއުއެޗްއޯއާ ގުޅުނުތާ 50 އަހަރު ފުރުން ފާހަގަ ކުރުމަށް މިއަދު ދަރުބާރުގޭގައި ބޭއްވި ހަފްލާގައި އެ ލިޔުން ރާއްޖެއާ ހަވާލުކޮށްދެއްވީ ޑަބްލިޔުއެޗްއޯގެ ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުގެ ރީޖަނަލް ޑައިރެކްޓަރު ޑރ. ޕޫނަމް ކެތުރަޕާލްސިންގް އެވެ. ރާއްޖޭގެ ފަރާތުން ލިޔުމާ ހަވާލުވެ ވަޑައިގަތީ، ހެލްތް މިނިސްޓަރު އިރުތިޝާމް އާދަމް އެވެ.

އެ ހަފްލާގައި ޕޫނަމް ވިދާޅުވީ ސިއްހީ ދާއިރާ ކުރިއެރުވުމަށާއި ނުރައްކާތެރި ބަލިތަކުން ސަލާމަތް ވުމަށް ރާއްޖެއިން މިހާތަނަށްކޮށްފައިވަނީ ބުރަ މަސައްކަތްތަކެއް ކަމަށެވެ. މީގެ އިތުރުން ވޭތުވެ ދިޔަ އަހަރުތަކުތެރޭގައި ރާއްޖެއިން ވަނީ ފާހަގަކޮށްލެވޭވަރުގެ ބޮޑެތި ކާމިޔާބީތަކެއް ވެސް މިދާއިރާ އިން ހޯދާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން މެލޭރިޔާ ބައްޔާ ދެކޮޅަށް ރާއްޖެ ކުރި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން 1984 އަކަށް ފަހު މެލޭރިޔާގެ ސީރިޔަސް ކޭސްއެއް ރާއްޖެއިން ނުފެންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

"ރާއްޖެއަކީ މި ސަރަހައްދުގެ ގައުމުތަކު ތެރެއިން އެންމެ ފުރަތަމަ މެލޭރިޔާ ފްރީ ގައުމެއް ކަން އިއުލާން ކުރަން. އެގޮތުން މިއަދު އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު ޝަރަފެއް މިއީ ޑަބްލިޔުއެޗް އޯ ފަރާތުން ރަސްމީކޮށް ރާއްޖެއަކީ މެލޭރިޔާ ފްރީ ގައުމެއް ކަން އަންގާ އެކަމަށް ދޭ ސެޓްފިކެޓް މި އަދު މި ވަނީ ހަވާލު ކުރެވިފައި،" ޕޫނަމް ވިދާޅުވި އެވެ.

ޑަބްލިޔުއެޗްއޯ އިން މިއަދު ރާއްޖެއަކީ މެލޭރިޔާ ބަލި މުޅިން ނައްތާލެވިފައިވާ ގައުމެއް ކަން އިއުލާން ކޮށް މަރުހަބާކިޔާފައިވާ އިރު އެ ޖަމިއްޔާތުން މިދިޔަ އަހަރު ވަނީ ރާއްޖެ އަކީ އެތަށް އަހަރެއް ކުރިންޕޯލިއޯ ބަލި ނައްތާލާފައިވާ ގައުމެއްކަމަށް ވެސް ކަނޑައަޅައިފަ އެވެ.

މިިނިސްޓަރު އިރުތިޝާމް ވިދާޅުވީ މެލޭރިޔާ ނެތް ގައުމެއްގެ ގޮތުގައި ރާއްޖެ ކަނޑައެޅުމަކީ ލިބުނު ކުރިއެރުމެއް ކަމަށެވެ. އަދި މިފަދަ ބަލިތައް ނައްތާލުމަށް ރާއްޖެއިން ގިނަ ގުނަ މަސައްކަތްތައް ކުރިކަން އެކަމަނާ ވެސް ފާހަގަ ކުރެއްވި އެވެ. އަދި އެކަމުގެ ހެލްތް ވޯކަރުންގެ ލެވަލްގައި މަސައްކަތް ކުރި ސިއްހީ ދާއިރާގެ ފަރާތްތަކުގެ މަސައްކަތަކީ އަގު ބޮޑު މަސައްކަތެއް ކަމަށް އެކަމަނާ ވިދާޅުވި އެވެ. އަދި ޑަބްލިއުއެޗްއޯ އިން ލިބުނު އެހީތެރިކަން އެކަމަނާ ފާހަގަ ކުރެއްވި އެވެ.