ދައުލަތުގެ ބަޖެޓް

އަންނަ އަހަރުގެ ޕީއެސްއައިޕީއަށް ތިން ބިލިއަން ރުފިޔާ އިތުރުކޮށްފި

Nov 12, 2015

ތަަރައްގީގެ އެކި މަޝްރޫއުތައް ހިންގުމަށް އަންނަ އަހަރަށް ސަރުކާރުން ހުށަހެޅި ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް ( ޕީއެސްއައިޕީ) ބަޖެޓު މިދިޔަ އަހަރަށް ވުރެ ތިން ބިލިއަން ރުފިޔާ އިތުރުކޮށްފި އެވެ.

ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު ރައްޔިތުން މަޖިލީހަށް މިއަދު ހުށަހެޅުއްވި އަންނަ އަހަަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައިވާ ގޮތުން ޕީއެސްއައިޕީ މަޝްރޫއުތަކަށް އަންނަ އަހަރު 9.1 ބިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ. ނަމަވެސް މިދިޔަ އަހަރުގެ ޕީއެސްއައިޕީ ބަޖެޓަކީ 6.3 ބިލިއަން ރުފިޔާ އެވެ.

"ޕީއެސްއައިޕީ މަޝްރޫއުތައް ނިންމުމުގައި މައިގަނޑު ދެ ކަމަކަށް އިސްކަން ދީފައިވާނެ. އެއްކަމަކީ މިހާރު ހިންގާ މަޝަރޫއުތައް އަވަހަށް ނިންމުން. އަނެއް ކަމަކީ އަލަށް ފަށާ މަޝްރޫއުތަކަކީ ރައްޔިތުންނަށް ރައްޔިތުންނަށް ހިތްމަ ޖެހުން ގެނެސްދޭނެ މަޝްރޫއުތަކެއް ކަމުގައި ހެދުން. މީގެ ސަބަބުން އިގްތިސާދަށް ކުރިއެރުން ލިބި ރައްޔިތުންނަށް ފައިދާވާނެ،" ޖިހާދު ވިދާޅުވި އެވެ.

ފިނޭންސް މިނިސްޓަރު ވިދާޅުވީ އަންނަ އަހަރު ބަޖެޓުގެ 33 ޕަސެންޓް (9.1 ބިލިއަން ރުފިޔާ) ޕީއެސްއައިޕީއަށް ކަނޑައަޅާފައިވާއިރު، މި ފައިސާގެ 5.2 ބިލިއަން ރުފިޔާ ހަރަދުކުރާ ސީދާ ދައުލަތުގެ ބަޖެޓުންނެވެ. އަދި ބޭރު ލޯނުގެ ގޮތުގައި 4.1 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި މީގެ އިތުރުން ހިލޭ އެހީ އާއި ޓްރަސްޓްފަންޑުގެ ގޮތުގައި 1.2 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާނެ ކަމަށެވެ.