ދުނިޔެ

މަންމަ ވާދަކުރި އިންތިހާބުގައި ވޯޓް ދިނީ އެހެން މީހަކަށް!

Nov 12, 2015

އާންމުކޮށް ވާދަވެރި އިންތިހާބަށް ނުކުންނައިރު ކާމިޔާބުވާނެ ކަމުގެ އުއްމީދެއް ނެތަސް ވަރަށް ގިނަ ކެންޑިޑޭޓުން ތިބޭނީ ޔަގީނަށް ވެސް އެމީހުންގެ އާއިލާގެ މެމްބަރުން އަދި ވަކިން ހާއްސަކޮށް އަމިއްލަ ދަރިންގެ ވޯޓް ލިބޭނެ ކަމުގެ އުއްމީދުގައިކަން ޔަގީނެވެ. ނަމަވެސް އިންޑިއާގެ ދެކުނު ބިތުގެ ސްޓޭޓް، ކެރަލާ ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރި ވާދަކުރެއްވި އަންހެން ކެންޑިޑޭޓަކަށް މި ނަސީބެއް ވެސް ނުލިބުނެ އެވެ.

ހިންދޫންގެ ބާރުގަދަ ބީޖޭޕީގެ ޓިކެޓްގައި ނުކުތް ޖަގަދަންމާ ކުމާރަށް ހަ ވޯޓްގެ ތަފާތުން ގޮނޑި ގެއްލިވަޑައިގެންނެވިއިރު އެއަށް ވުރެ ބޮޑު ޚަބަރަކަށްވީ އޭނާގެ ފިރިހެން ދަރިފުޅު އޭނާ އަށް ވޯޓް ނުދިން މައްސަލަ އެވެ. އޭނާގެ ދަރިފުޅު ރާޖޭޝް ކުމާރު އަކީ ކެރަލާގެ ޕޮލިސް އޮފިސަރެކެވެ.

ޔަގީނަށް ވެސް ޖަގަދަންމާ އަށް ހަ ވޯޓްގެ ތަފާތުން ގޮނޑި ގެއްލިވަޑައިގެންނެވިއިރު އޭނާގެ ދަރިފުޅު ކުމާރުގެ ސަޕޯޓް ލިބިވަޑައިގެންނެވި ނަމަ މި ނާކާމިޔާބީއެއް ކުރިމައްޗެއް ނުވާނެ އެވެ.

މަންމަ އަށް ވޯޓް ނުދިން މައްސަލަ ހޫނުވުމުން ކުމާރު ވަނީ އެއަށް ނިކަން ވަރުގަދަ ރައްދެއް ވެސް ދީފަ އެވެ.

"އަޅުގަނޑުގެ މަންމަ އަކީ ސްކޫލެއްގައި ޓީޗަރެއް. ގައުމަށްޓަކައި މަންމަކޮށްދޭން ޖެހޭ ހިދުމަތް އަދި އަޅުގަނޑަށް ކިޔައިދިން ވާހަކަތަކުގެ މަތިން މަންމަ ހަނދާން ނެތުނީމަ އަޅުގަނޑު ނިންމީ މަންމަ އަށް ވޯޓެއް ނުދެން. އެއީ އަޅުގަނޑުގެ މަންމަ ފަދައިން ޒިންމާތައް ނުވަތަ ވައުދުވި ކަންތައް ގައުމަށް ކޮށްދޭން ބުނެ އެކަން ހަނދާން ނައްތާލާ މީހުންނަށް އިބްރަތެއްގެ ގޮތުގައި،" ފޭސްބުކްގައި ޝާއިއުކޮށްފައިވާ ޕޯސްޓެއްގައި ކުމާރު ބުނެފައިވެ އެވެ.

އޭނާ ބުނެފައި ވަނީ މަންމަ، މަންމަގެ ޒިންމާތަކުގެ މަތިން ހަނދާން ނައްތާލިޔަސް ގައުމަށް އަދާކުރަން ޖެހޭ މަސައްކަތުގައި އޭނާ ދެމިހުންނާނެ ކަމަށެވެ. އަދި ވޯޓް ނުދިން މައްސަލާގައި މަންމައާ ގުޅުން ގޯސްވެފައި ނުވާ ކަމަށް ބީބީސީ އަށް ދިން އިންޓަވިއުއެއްގައި ކުމާރު ބުނެފައިވެ އެވެ.

"އަޅުގަނޑުގެ މަންމަ ބުނީ ސިޔާސީ ގޮތުން ބޭނުން މީހަކަށް ވޯޓް ދިނުމުގެ ފުރިހަމަ އިހްތިޔާރު އަޅުގަނޑަށް އެބައޮތޭ. އަހަރެމެން ދެ މީހުންގެ ގުޅުން ވަރަށް ވެސް ވަރުގަދަ،" ކުމާރު ބުންޏެވެ.

ނަމަވެސް މަންމަ އަށް ވޯޓް ނުދިން މައްސަލާގައި އެއް ބައެއްގެ ފާޑުކިޔުން ވެސް ކުމާރަށް ވަނީ އަމާޒުވެފަ އެވެ.