މަޝްހޫރު މޮޑެލް އައިރީނާ ޝައިކް އާއި ފުޓްބޯޅައިގެ ސުޕަސްޓާރު، ކްރިސްޓިއާނޯ ރޮނާލްޑޯގެ ލޯބީގެ ފިލްމު ނިމުމަކަށް އަތުވެއްޖެ ކަމުގެ ރިޕޯޓްތައް ފެތުރެން ފަށައިފި އެވެ.
ސަބަބުތަކެއް ނެތިއެއް ނޫނެވެ. ނިމިގެން ދިޔަ ފީފާގެ ބެލޮންޑޯ އެވޯޑް ހަފުލާގައި ރޮނާލްޑޯ، ތިން ވަނަ ފަހަރަށް ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމަށް ހޮވުނުއިރު އެ މަންޒަރު ބަލާކަށް ވެސް އައިރީނާއެއް ނެތެވެ. އޭގެ ކުރީގެ ދެ ހަފުލާގައި ވެސް ރޮނާލްޑޯއާ އެކު މި ފީފާގެ މި ޝަރަފްވެރި ހަފުލާ ފަޅުފިލުވައި ދިން އިރީނާ މި ފަހަރު ހަފުލާ އަށް ފިލާފައިވާއިރު އޭނާ ވަނީ ޓްވިޓާ އިން ކްރިސްޓިއާނޯ ރޮނާލްޑޯ ފޮލޯކުރުން ވެސް ހުއްޓާލައިފަ އެވެ.
އެހެންވީމަ ދެ މީހުންގެ ދެމެދުގައި ކޮންމެ ވެސް ކަހަލަ މައްސަލަގަނޑެއް އެބަ އުޅެ އެވެ. ރިޕޯޓްތައް ބުނާ ގޮތުން ދެ މީހުންގެ ދެމެދުގައި މައްސަލަ ޖެހި މޫނު ކެނޑޭ ހިސާބަށް "ހާޑްވެފައި" ވަނީ ނިމިގެން ދިޔަ ކްރިސްމަސްގެ ބަންދަށް ރޮނާލްޑޯގެ މަންމަ އެކުލަވައިލި ޗުއްޓީގެ ޕްލޭނަކާ ގުޅިގެންނެވެ.
ރޮނާލްޑޯގެ މަންމަ ބޭނުންވީ ކްރިސްމަސްގެ ޗުއްޓީ، ރޮނާލްޑޯ އޭނާގެ އާއިލާގެ މެމްބަރުންނާ އެކު ހޭދަކުރުމަށެވެ. ނަމަވެސް އެންމެފަހުން ރޮނާލްޑޯ އޭނާގެ ޗުއްޓީ ހޭދަކޮށްފައި ވަނީ ލޯބިވެރިޔާއާ އެކު ދުބާއީގަ އެވެ.
މި މައްސަލާގައި އައިރީނާ އާއި ރޮނާލްޑޯގެ މަންމައާ ދެމެދު މައްސަލަ ވަރަށް ހޫނުވެފައިވާ ކަމުގެ ރިޕޯޓް ލިބެ އެވެ.
އެއަށް ފަހު، ލޮއިން ހަދާފައިވާ ރޮނާލްޑޯގެ ބޮޑު ބުދެއް ދައްކާލުމަށް އޭނާގެ އުފަން ގައުމުގައި ބޭއްވި ރަސްމިއްޔާތަކުން ވެސް އައިރީނާއެއް ނުފެނެ އެވެ. އެކަމާ ގުޅުވައިގެން ފާޑުފާޑުގެ ވާހަކަ މީހުން ދައްކަން ފެށުމުން އައިރީނާ ބުނެފައި ވަނީ ބިޒީކަމުން އެ ރަސްމިއްޔާތުގައި ބައިވެރިނުވެވުނީ ކަމަށެވެ.
ނަމަވެސް ރޮނާލްޑޯ އަށް ބެލޮންޑޯ ލިބުނު ހަފުލާ އިން އިރީނާ ނުފެނުމާއި ޓްވިޓާ އިން ރޮނާލްޑޯ ފޮލޯކުރުން އައިރީނާ ހުއްޓާލުމަކީ މި ދެ މީހުންގެ ލޯބީގެ ސިލްސިލާ ނިމުމަކަށް އަތުވެއްޖެ ކަމަށް ދެކެވޭ ވާހަކައިގައި ކޮންމެވެސް ވަރެއްގެ ހަގީގަތެއް ހުރި ކަމަށް ބާރު ދޭ ކަންކަމެވެ.
އުމުރުން 29 އަހަރުގެ އައިރީނާ އާއި ރޮނާލްޑޯގެ ލޯބި ފެށުނީ 2010 ވަނަ އަހަރުގެ މެއި މަހު އެވެ. ރަޝިއާ އަށް ނިސްބަތްވާ އައިރީނާ އަކީ މޮޑެލިންގެ ދުނިޔެ އިން މިވަގުތު ނެގެން ތިބި އެންމެ މަޝްހޫރު އަދި އެންމެ ރީތި މޫނުތަކުގެ ކުރީގައި ހިމެނޭ ފަރާތެކެވެ.
މިފަހަރު ރޮނާލްޑޯ ހާސިލުކުރި މޮޅު ކުޅުންތެރިޔާގެ އެވޯޑާ އެކު އޭނާ ވަނީ މިހާރު ތިން ފަހަރެއްގެ މަތިން މި ޝަރަފް ހޯދައިފަ އެވެ. އޭނާގެ އެންމެ ބޮޑު ވާދަވެރިޔާ އަދި މި އެވޯޑް ހަތަރު ފަހަރެއްގެ މަތިން ކާމިޔާބުކޮށްފައިވާ އާޖެންޓީނާގެ ތަރި ލިއޮނަލް މެސީ އަށް އޭނާ އަނެއްކާވެސް ގޮންޖަހާލި މި ހަފުލާގައި ރޮނާލްޑޯއާ އެކު އޭނާގެ ލޯބިވެރިޔާ ބައިވެރި ނުވުމަކީ ހަގީގަތުގައި ވެސް ލިބުނު ފަޅު ކަމެކެވެ.
ނަމަވެސް އާދައިގެ މަތިން ރޮނާލްޑޯގެ ފިރިހެން ދަރި މިފަހަރު ވެސް އެވޯޑްގައި އެލިގަނެގެން އޮތެވެ.