ކްރިމިނަލް ކޯޓް

"އެކުވެރިޔާ މަރުވި އެކްސިޑެންޓްގައި ނުފިލަން"

Jun 2, 2021
6

މިދިޔަ ހޮނިހިރު ދުވަހު މާލޭގައި ހިނގި އެކްސިޑެންޓްގައި ސައިކަލް ދުއްވަން އިން އަހްމަދު އާތިފް އަބްދުﷲ ފިލައިގެން ނޫޅޭ ކަމަށް އޭނާ ބުނެފި އެވެ.

ކޯޓު އަމުރެއްގެ ދަށުން އާތިފް ހައްޔަރު ކޮށްފައި ވަނީ މިދިއަ ހޯމަ ދުވަހުގެ ހަވީރު އެވެ. އޭނާގެ މައްސަލައިގައި ތަހުގީގެއް ފަށާފައިވާއިރު އިއްޔެ ވަނީ އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން 10 ދުވަސް ވެސް ދީފަ އެވެ.

ގަލޮޅު، ހުވަފެނީ ގޯޅީގައި އެކްސިޑެންޓް ހިނގުމާއެކު ސައިކަލް ދުއްވަން އިން އާތިފް ވަނީ އޭނާގެ ފަހަތުގައި އިން 22 އަހަރުގެ އިސްމާއީލް ޔަޒްދާނާއި އެމީހުން ދުއްވި ސައިކަލް އެތަނަށް ދޫކޮށްލައި އޭނާ ގޮސްފަ އެވެ. ނަމަވެސް އޭނާގެ ބަންދާމެދު ގޮތެއް ނިންމަން ބޭއްވި މަޖިލީހުގައި އެކްސިޑެންޓަށްފަހު ފިލި ކަމަށް އޭނާ ވަނީ އިންކާރު ކޮށްފަ އެވެ.

އޭނާ ބުނީ ޔަޒްދާނަކީ ރައްޓިއްސެއް ކަމަށެވެ. އަދި ސައިކަލު ދުއްވަން އިނީ އޭނާ ނޫން ކަމަށް ބުނެފައެއް ވެސް ނުވެ އެވެ. އޭނާ ހަމައެކަނި ބުނީ އޭނާގެ ތިން މަހުގެ ކުއްޖަކު އޮންނަ ކަމަށާއި އޭނާ ބަންދުގައި ބަހައްޓައިފިނަމަ އެކުއްޖާއަށް އަޅައިލާނެ މީހަކު ވެސް ނުހުންނާނެ ކަމަށެވެ. އެހެން ނަމަވެސް އޭނާގެ މައްޗަށް ކުރަނީ ޖިނާއީ ބޮޑު ކުށެއްގެ ތުހުމަތަކަށް ވާތީ އޭނާ ބަންދުގައި ބެހެއްޓުމަށް ގާޒީ ވަނީ އަމުރު ކޮށްފަ އެވެ.

އެކްސިޑެންޓަށް ފަހު އެމްބިއުލާންސްގައި ޔަޒްދާން ހޮސްޕިޓަލަށް ގެންދިޔައީ އެކްސިޑެންޓް ހިނގި ސަރަހައްދުގައި ތިބި ބައެކެވެ.

މަންޒަރު ދުށް ބައެއް މީހުން ބުނާ ގޮތުގައި އެކްސިޑެންޓް ހިނގީ ބާރު ސްޕީޑްގައި ސައިކަލް ދުއްވާފައި އަންނަނިކޮށް ގޯޅިގައި ބަހައްޓާފައި ހުރި ގާޑިޔާގެ އަތްގަނޑުގައި ޖެހިގެންނެވެ. އަތްގަނޑު ވަނީ ޔަޒްދާންގެ ކަރަށް ކަމަށްވެސް ބައެއް މީހުން ވަނީ ބުނެފަ އެވެ. މިހާރު ވަނީ މަންޒަރު ފެންނަ ވީޑިއޯއެއް ވެސް އާންމުވެފަ އެވެ.