އިރްތިޝާމް އާދަމް

ދެ ސިއްހީ މަރުކަޒުގެ މަރާމާތަށް އެއް މިލިއަން ރުފިޔާ ޚަރަދުކޮށްފި

ދެރަށެއްގެ ސިއްހީ މަރުކަޒު މަރާމާތު މަސައްކަތަށް އެއް މިލިއަން ރުފިޔާގެ މަޝްރޫއެއް ހެލްތު މިނިސްޓްރީން މިއަދު ފަށައިފި އެވެ. ހެލްތު މިނިސްޓްރީން މިއަދު ސޮއިކުރީ ށ. މިލަންދޫއާ ހދ. ހިރިމަރަދޫ ސިއްހީ މަރުކަޒު މަރާމާތު މަސައްކަތް ފެށުމުގެ އެއްބަސްވުމުގަ އެވެ.

މި އެއްބަސްވުންތަކުގެ ދަށުން ހިރިމަރަދޫގެ ސިއްހީ މަރުކަޒު ބޮޑުކުރަން މިހާރު އެރަށުގައި އަޅާފައިވާ އިމާރާތުގެ ފިނިޝިން މަސައްކަތް ކުރިއަށް އޮތް 55 ދުވަހުގެ ތެރޭގައި ކުރާނެ އެވެ.

މި މަސައްކަތަށް ނުވަ ލައްކަ ރުފިޔާ ސަރުކާރުން ވަނީ ހަރަދުކޮށްފައެވެ. މަސައްކަތް ކުރަން މިއަދު ހަވާލުކުރީ ޔުމްނާ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ އެވެ.

ހދ ހިރިމަރަދޫ ސިއްހީ މަރުކަޒު މަރާމާތުކުރަން ދެލައްކަ ފަންސަވީސް ހާސް ރުފިޔާއަށް ހަވާލުކޮށްފައިވަނީ އެރަށު ޖަންބުމާގޭ އަބްދުﷲ އުސްމާންއާ އެވެ. އެ މަސައްކަތް ނިންމަން ހެލްތު މިނިސްޓްރީން ކަނޑައަޅާފައިވަނީ 40 ދުވަހުގެ މުއްދަތެކެވެ.

ހެލްތު މިނިސްޓްރީން ބުނީ ސިއްހީ ދާއިރާގެ ހިދުމަތް ފުޅާކޮށް، ހިދުމަތްދޭ ތަންތަނާ މީހުންގެ ފެންވަރު ރަނގަޅުކުރަން އެ މިނިސްޓްރީން ކާމިޔާބު މަސައްކަތްތަކެއް މިއަހަރު ތެރޭގައި ކޮށްފައިވާ ކަމަށެވެ. އެގޮތުން މިއަހަރު ތެރޭގައި ހެލްތު މިނިސްޓްރީން 160 ޕްރޮޖެކްޓެއްގެ މަސައްކަތް ފެށި ކަމަށާ، އޭގެ ތެރެއިން 118 ޕްރޮޖެކްޓް މިހާތަނަށް ވަނީ ނިންމާފައިވާކަން އެ މިނިސްޓްރީން ފާހަގަކުރި އެވެ. މީގެ އިތުރުން 46 ޕްރޮޖެކްޓެއްގެ މަސައްކަތް އަދިވެސް ކުރިއަށްދާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.