ޓެކްނޯލޮޖީ

ޓްވިޓާ ވެރިފިކޭޝަން އަލުން ފަށައިފި

Jun 3, 2021

ޓްވިޓާގެ ވެރިފިކޭޝަން ބެޖު ދޭން މިދިޔަ މަހުގެ 21 ވަނަ ދުވަހު ވެރިފިކޭޝަން ހުށަހެޅުންތައް ބަލައިގަތުމަށް ފަހު މިދިޔަ މަހުގެ 29 ވަނަ ދުވަހު ވަނީ ހުށަހެޅުންތައް ބަލައިގަތުން ކުއްލިއަކަށް ހުއްޓާލާފަ އެވެ.

ނަމަވެސް ޓްވިޓާއިން މިއަދު ކުރި ޓްވީޓްގައި ބުނެފައި ވަނީ ވެރިފައި ކުރުމުގެ މަރުހަލާ އަނެއްކާ ވެސް ފަށާފައިވާ ކަމަށެވެ. ޓްވިޓާ ވެރިފިކޭޝަނަކީ ގިނަ ފަންނާނުންނާއި މަޝްހޫރު މީހުން އެމީހުންގެ އެކައުންޓަކީ އެމީހުންގެ އޮފިޝަލް ނުވަތަ އަސްލު އެކައުންޓްކަން ދައްކައިދޭން ކުރާ ކަމަކެވެ.

ވެރިފައި ކޮށްފައިވާ އެކަންޓްތަކުގެ ނަމުގެ ކައިރީގައި ނޫކުލައިގެ ހެޔޮ ފާހަގައެއް ޖަހައިފައިވާ އައިކަންއެއް އިންނާނެ އެވެ. ވެރިފައި ކުރުން ހަފުތާ އަކަށް ހުއްޓާލީ ވެރިފައި ކުރަން ލިބުނު އެޕްލިކޭޝަންްތައް ގިނަ ކަމުންނެވެ.

ކުރިން މި ހިދުމަތް ދޭން ފަށާފައި ޓްވިޓާއިން ބުނެފައި ވަނީ ވެރިފައި ކުރުމުގެ މަރުހަލާ އަށް ގިނަ ދުވަސްތަކެއް ވާނެ ކަމަށެވެ. އަދި އޭގެފަހުން ވަނީ އެޕްލިކޭޝަންތައް ޕްރޮސެސް ކުރުމަށް ހަފްތާތަކެއް ވެސް ނަގާފާނެ ކަމަށްވެސް ބުނެފަ އެވެ.

ވެރިފައި ކުރުމަށް އަލުން މި ހުޅުވާލި ފުރުސަތާއެކު ޓްވިޓާއަށް ކުރިން ވެރިފައި ކުރަން ފުރުސަތު ނުލިބުުނު ގިނަ ބަޔަކު ދަނީ އެޕްލިކޭޝަން ހުށަހަޅަމުންނެވެ. ނަމަވެސް އަލުން ލިބޭ އެޕްލިކޭޝަންތައް ވެރިފައި ކުރުމަށް ހޭދަވާނެ ވަކި މުއްދަތެއް ޓްވިޓާ އިން ބުނެފައެއް ނުވެ އެވެ.