ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދީން

ކޮވިޑްގެ ބަލިމަޑުކަމުން ދަސްކޮށްދޭ ފިލާވަޅުތައް

ދުނިޔޭގައި ކުރިމަތިވާ ކޮންމެ ޙާލަތަކީ އެއިން ފިލާވަޅުތަކެއް ލިއްބައިދޭ ކަމެކެވެ. އަދި އެކަންކަމާމެދު ވިސްނާ ފިކުރުކުރާ މުސްލިމެއްގެ އީމާންކަން އިތުރުކޮށްދޭ ކަމެކެވެ. ދުނިޔޭގައި ދިމާވާ ދަތި އުނދަގޫ ޙާލަތްތަކާއި، ތަނަވަސްކަމާއި ފާގަތިކަމަކީ މާތް ﷲ ގެ މިންވަރުފުޅެވެ. ދުނިޔޭގައި ދިމާވާ ކޮންމެ ކަމަކީ، ހެޔޮ މިންވަރާއި ނުބައި މިންވަރަށް އީމާންވެ، މިންވަރުފުޅަށް ރުހުމާއި، ކެތްތެރިކަން އުނގަންނައިދޭ ކަމެކެވެ. އެފަދަ ކަންކަމުގެ ތެރެއިން ކޮވިޑް ނަވާރައިގެ ރޯގާއަކީވެސް، ވިސްނާ ފިކުރުކުރާ ކޮންމެ މީހަކަށް އެތައް ފިލާވަޅުތަކެއް އުނގަންނައިދޭ ވަބާއެކެވެ.

މި ރޯގައިގެ ސަބަބުން މުޅި މުޖްތަމަޢުގެ ހުރިހާ ދާއިރާއަކަށް ވަނީ ބޮޑެތި އަސަރުތަކެއް ކޮށްފައެވެ، ލޯބިވާ އެއްތައް ބަޔަކުވަނީ އަޅުގަނޑުމެންނާ ވަކިވެގެން ގޮސްފައެވެ. އެތަކެއް އާއިލާތަކެއް އާމްދަނީ ހޯދާނޭ ވަޞީލަތްތައްވަނީ ބަންދުވެފައެވެ. ދަތުރުފަތުރު ކުރުމުގެ ނިޒާމު ހުއްޓި، އަމިއްލަ ގޭގައި ބަނދުވެފައެވެ. މިފަދަ އެތައް ދަތިއުނދަގޫ ހާލަތުތަކެއް ކޮވިޑް ނަވާރައިގެ ސަބަބުންވަނީ ކުރިމަތިވެފައެވެ.

މި ނުރައްކާތެރި ރޯގާއިން އަޅުގަނޑުމެންނަށް ލިބޭ އެންމެ ފުރަތަމަ ފިލާވަޅަކީ މާތް ﷲ ގެ ކުޅަދުންވަތަކަމާއި، އެއިލާހުގެ ގަދަކީރިތިވަންތަކަމާއި، މަތިވެރިވަންތަކަން މީސްތަކުންނަށް ހާމަކޮށްދެއްވުމެވެ. އިންސާނީ ވަސީލަތްތައް ކިތަންމެ ކުރިއަރައި ދިޔައެއްކަމަކު، ޚާލިޤުވަންތަ އިލާހުގެ ކުރިފުޅުމަތީގައި އެއިލާހުގެ މަޚްލޫޤުންގެ އެއްވެސް އާރެއް ބާރެއް ނެތްކަމެވެ. އެހެނީ ބޭސްވެރިކަމާއި، ޓެކްނޮލޮޖީއާއި މުވާސަލާތީ ވަސީލަތްތައް ނުހަނު ކުރިއަރާފައިވާ މި ޒަމާނުގައި، ދުނިޔޭގެ އެންމެ މުއްސަނދި ގައުމުތަކުންފެށިގެން ގޮސް، ހުރިހާ ފަންތިއެއްގެ މީހުން މިވަނީ މި ރޯގާގެ ސަބަބުން ނުކުޅެދުންތެރި ކުރުވާފައެވެ. ޞިއްޙީ ދާއިރާތަކުގެ ޤާބިލުކަމާމެދު ސުވާލު އުފައްދާފައެވެ.

ލޮލައް ނުފެނަންވަރުގެ ކުޑަކުޑަ ސޫތްޕެއްގެ ސަބަބުން އާރާބާރުހުރި އެތައް ބަޔަކު ނިކަމެތި ކުރުވައިފިއެވެ. މިފަދަ މަޚްލޫޤެއްގެ ޚަލްޤު ކުރެއްވި އިލާހުގެ މަތިވެރިކަމާއެވެ. އެއިލާހުގެ ކުޅަދުންވަތަކަމާމެދު ވިސްނައި ފިކުރު ކުރި މީހަކަށް، މި ރޯގާއަކީ ޢިބްރަތްތެރި ފިލާވަޅެއްކަމުގައި ފުދެއެވެ. ކާއިނާތުގެ ވެރިއިލާހު ފިޔަވައި، މީސްތަކުންނަށް މަންފާއެއްވެސް އަދި ގެއްލުމެއްވެސް ދެވޭނޭ ފަރާތެއް ނުވާކަން، މިރޯގާގެ ސަބަބުން އަޅުގަނޑުމެންނަށް ހަނދާކޮށްދީފިއެވެ. އަދި އެއިލާހުގެ ކުޅަދުންވަތަކަމުގެ މައްޗަށް ބާރުފޯރުވާނޭ އެހެން ދެވަނަ ފަރާތެއް ނުވާކަން ހާމަކޮށްދީފިއެވެ.

ކޮވިޑް ނަވާރައިން ލިބޭ އަނެއް ފިލާވަޅަކީ، ދުނިޔޭގެ ޙަޔާތަކީ ނުހަނު ކުރު ވަގުތުކޮޅެއްކަމެވެ. ހަމަކޮންމެ ވަގުތެއްގައިވެސް މި ދުނިޔެއާ ވަކިވެގެން ދާންޖެހިދާނޭކަން އިންސާނުންނަށްވަނީ މިރޯގާގެ ސަބަބުން ހަނދާން ކޮށްދީފައެވެ. ދުނިޔެއަކީ ނެތިފަނާވެދަނިވި ކުރު މުއްދަތެއްގެ ތަނެއްކަމާއި، މި ޙަޔާތަކީ ބުރަ އުފުއްލުމާއި މަސައްކަތް ކުރުމުގެ ގޮވައްޗެއްކަން ހަނދާން ކޮށްދީފިއެވެ. އީމާންވެ ހެޔޮ ޢަމަލު ކުޅަ މީހަކަށް މެނުވީ އާޚިރަތުގައި ކާމިޔާބީއެއް ނެތެވެ.

ކޮވިޑް ނަވާރައިގެ ރޯގާއިން ލިބޭ ފިލާވަޅުތަކުގެ ތެރޭގައި އިންސާނުންނަކީ ކެތްތެރިކަން ކުޑަ ބައެއްކަން ހަނދާންކޮށްދީފިއެވެ. ރޯގާގެ ސަބަބުން، ޚިދުމަތްތަކަށް ބުރޫއަރައި، ދަތުރުފަތުރުގެ ނިޒާމުވަނީ ހުއްޓިފައެވެ. މިކަންކަމާއެކު، ބައެއް މީހުންގެ ކެތްތެރިކަން ކޮޅުންލައި، ޞިއްޙީ ޚިދުމަތްތެރިނަންނާއި، ހިލޭ ސާބަހަށް މަސައްކަތްކުރާ ދަރުމަވެރިންގެ މަސައްކަތުގެ އަގުވަޒަން ނުކުރެވެއެވެ. ގިނަފަހަރު، ޝަކުވާ ކުރެއްވެނީ ތިމާއަށް ލިބެންޖެހޭ ޙައްޤުތަކާއި، ޚިދުމަތްތައް ނުލިބޭތީއެވެ. އެ ޚިދުމަތް ފޯރުކޮށްދޭންތިބި މީސްތަކުންނަށް ޝަކުރު އަދާކުރަނީ މަދުބައެކެވެ.

އިންސާނާގެ އަވަސްއަރައިގަތުގެ ސިފަ ބަޔާންކުރައްވައި، މާތް ﷲ ވަޙީކުރައްވާފައިވެއެވެ. ﴿ إِنَّ الْإِنْسَانَ خُلِقَ هَلُوعًا * إِذَا مَسَّهُ الشَّرُّ جَزُوعًا * وَإِذَا مَسَّهُ الْخَيْرُ مَنُوعًا * إِلَّا الْمُصَلِّينَ * الَّذِينَ هُمْ عَلَى صَلَاتِهِمْ دَائِمُونَ ﴾ [المعارج: 19 - 23] މާނައީ: "ހަމަކަށަވަރުން، އިންސާނާ ހައްދަވާފައިވަނީ، ކެތްތެރިކަންކުޑަ މީހެއްގެ ގޮތުގައެވެ. (19) އެ އިންސާނާގައި ނުބައިކަމެއް ބީހިއްޖެނަމަ، ކެތްތެރިކަންކުޑަ މީހެއްގެ ގޮތުގައެވެ. (20) އަދި އޭނާގައި ހެޔޮކަމެއް ބީހިއްޖެނަމަ (އެބަހީ: ތަނަވަސްކަމެއް ލިބިއްޖެނަމަ، އެއިން ހޭދަކުރުމުން) މަނާވެގަންނަ މީހެއްގެ ގޮތުގައެވެ. (21)​ނަމާދުކުރާ މީހުން މެނުވީއެވެ.(22) އެއުރެންނީ، އެއުރެންގެ ނަމާދުކުރުންމަތީ ދެމިތިބޭމީހުންނެވެ.(23)"

އިންސާނާގެ ކިބައިގައިވާ މި އުނިކަން ފޫބައްދައިދޭ އެއްޗަކީ އޭނާގެ އީމާންކަމާއި ޢަޤީދާއެވެ. އޭނާގެ ވެރި ރަސްކަލާނގެއާ އޮތް ގުޅުމެވެ. އޭނާއަކީ ނަމާދު ޤާއިމުކޮށް، ހެޔޮ ޢަމަލުކުރާ މީހެއްކަމުގަވާނަމައެވެ.

ކޮވިޑް ނަވާރައިން އަޅުގަނޑުމެންނަށް ދަސްކޮށްދިން އަނެއް ފިލާވަޅަކީ އިސްލާމް ދީނުގެ ލުއިފަސޭހަކަމާއި، މީސްތަކުންގެ މައްޗަށް މާތް ﷲ ގެ އޯގާވަންތަކަން ތަނަވަސްވެގެންވާ މިންވަރެވެ. ބަލިހާލުގައިވާ މީހާ ނަމާދު ކުރުމުގައި ދެއްވާފައިވާ ލުއްތަކެއް ވެއެވެ. ފެން ބޭނުން ނުކުރެވޭ މީހާ ތަޔައްމަމު ކުރުމާއި، ބަލީގެ ސަބަބުން ކޮޅަށް ނުހުރެވޭ މީހާ އިށީދެ އިނދެގެން، ނުވަތަ އޮށޯވެ އޮވެގެން ނަމާދު ކުރުމުގެ ލުއިކަން ދީނުގައިވަނީ ދެއްވާފައެވެ. ހަމައެފަދައިން، ބަލިފެތުރޭތީ ޖަމާޢަތުގެ ނަމާދު މެދުކަނޑާލުމަކީވެސް ދީނީ ގޮތުން ހުއްދަ ދެއްވާފައިވާ ކަމެކެވެ.

އެންމެ ފަހުކަމަކަށް އޮތީ، ކޮވިޑް ނަވާރައިގެ ސަބަބުން، އަޅުގަނޑުމެންގެ ގޯތިގެދޮރުގެ މުހިންމުކަމާއި އާއިލީ ގުޅުން ބަދަހިކުރަން ޖެހޭކަން އަޅުގަނޑުމެންނަށް ހާމަކޮށްދީފިއެވެ. އަނބިދަރިންނާއެކު ވަގުތު ހޭދަކޮށްލަން ލިބުމުން، ތިމާގެ މަސްއޫލިއްޔަތުތައް ހަނދާކުރަންވީ ގޮތާއި، ދަރީން ތަރުބިއްޔަތު ކުރުމުގައި ތިމާގެ ދައުރު ހާމަކޮށްދީފިއެވެ.

މިފަދަ ނުރައްކާތެރި ވަބާއެއް ފެތުރެމުންދާ ދަނޑިވަޅެއްގައި، ޞިއްޙީ މާހިރުންގެ އިރުޝާދުތަކާ އެއްގޮތަށް ޢަމަލުތައް ބެހެއްޓުމަކީ ކޮންމެހެން މުހިންމު ކަމެކެވެ. ހަމައެފަދައިން، ގިނަގިނައިން ޒިކުރުކޮށް އިސްތިޣްފާރު ކުރުމަކީ، ދަތި އުނދަގޫ ހާލަތްތަކުން ސަލާމަތްވުމަށް އޮތް އެންމެ ހެޔޮ ވަސީލަތެވެ. މުއުމިނުންގެ ހަތިޔާރަކީ ދުޢާއެވެ. މާތް ﷲއަށް ދުޢާދަންނަވައި ފާފަފުއްސެއްވުން އެދި ދުޢާކޮށް ގިނަގިނައިން ތަބާވެލައްވާށެވެ.