ޓެރަރިސްޓް ހަމަލާ

ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ފަސްވަނަ މީހަކު ހައްޔަރުކޮށްފި

ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާއި ގުޅިގެން ފަސްވަނަ މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން މިކަން ހާމަކުރީ ހަމަލާގެ މައުލޫމާތު ދިނުމަށް މިއަދު އޮންލައިންކޮށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ބަޝީރު ވިދާޅުވީ ރައީސް ނަޝީދަށް ހަމަލާ ދިން ކަމުގެ ތުހުމަތުގައި އިތުރު މީހަކު ހައްޔަރުކުރީ ހަމަލާއަށް ފަހު ހަރުކަށި ފިކުރު ފަތުރާ މީހުން ހޯދާ ހައްޔަރުކުރަން ކުރިއަށް ގެންދިޔަ އޮޕަރޭޝަންގެ ތެރެއިން ކަމަށެވެ.

"އެމައްސަލަ މިތަހުގީގުގެ ތެރެއިން ތަހުގީގު ކުރެވެމުންދާ ކަން ދަންނަވާލަން. އަޅުގަނޑުމެން ކުރިންވެސް ދަންނަވާލިހެން އަޅުގަނޑުމެން ހިންގި އެ އޮޕަރޭޝަނަކީ ރައީސް ނަޝީދަށް ދިން ބޮމުގެ ހަމަލާއާއި ޓެރަރިޒަމްގެ ހަރަކާތްތަކާ އެއްވެސް ގުޅުމެއް އޮތްތޯ ކުރަމުން ދިޔަ މަސައްކަތުގެ ތެރެއިން ކުރެވުނު މަސައްކަތެއް. އަޅުގަނޑުމެންނަށް މިއަދުގެ މިވަގުތުގައި ދަންނަވާލަން އެނގޭ އެ އޮޕަރޭޝަން [ހަރުކަށި ފިކުރުގެ މީހުން ހޯދަން ހިންގުނު އޮޕަރޭޝަން] ތެރެއިން ހައްޔަރުކުރެވުނު ފަރާތެއް ރައީސް ނަޝީދުގެ ބޮމުގެ ހަމަލާއާއި ސީދާ ގުޅުންހުރި ކަމަށް ބެލެވޭ،" ބަޝީރު ވިދާޅުވި އެވެ.

ހަމަލާއާއި ގުޅިގެން ހައްޔަރުކުރެވުނު ފަސްވަނަ މީހާގެ މައުލޫމާތު ފުލުހުން މިއަދު ހާމަކޮށްފައެއް ނުވެ އެވެ. ނަމަވެސް އޭނާ ހުރީ ބަންދުގައި ކަން ޔަގީންކޮށްދެއްވި އެވެ.

ބޮމުގެ ހަމަލާ އާއި ގުޅިގެން ފުލުހުން މީގެ ކުރިން ހައްޔަރުކޮށްފައިވާ ހަތަރު މީހުންނަކީ ވ. ތިނަދޫ ލަކީ އަދުހަމް އަހްމަދު (25 އ)އާއި، މއ. ފޭރުގެ މުޖާޒް އަހުމަދު (21 އ) އާއި، ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހްމަދު (32 އ)ގެ އިތުރުން ލ. ގަން ދުންފިނިއުފާ އަހްމަދު ފާތިހް (23 އ) އެވެ.

ހަމަލާގެ އިސް މީހަކީ އަދުހަމް ކަމަށް ފުލުހުން ބުނެ އެވެ. ހަމަލާ ދިނުމަށް ބޭނުންކުރި އައިއީޑީ ގޮއްވާލާފައިވަނީ އަދުހަމް އެވެ. ތަހްމީނަކީ ބޮން ގޮއްވާލުމަށް ބޭނުން ކުރި ސައިކަލްގެ ވެރިމީހާ އެވެ. ފާތިހް އަކީ ހަމަލާ ދިން ތަނުގައި ސައިކަލް ބެހެއްޓި މީހާ އެވެ. މުޖާޒް ހައްޔަރުކޮށްފައިވަނީ ހަމަލާ ރޭވުމުގައި ބައިވެރިވި ކަމުގެ ތުހުމަތުގަ އެވެ.

އަދުހަމް ހައްޔަރުކުރީ އޭނާ ދިރިއުޅޭ ހުޅުމާލޭގެ ފްލެޓް (95-ޖީ-02) ގައި ހުއްޓާ މިދިޔަ މެއި މަހުގެ ނުވަވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގަ އެވެ. މުޖާޒް ހައްޔަރުކުރީ އަލިކިލެގެފާނު މަގުގައި ހުރި ގ. ފެހިދޯދިގޭގައި ކުއްޔަށް ދީފައިވާ ތަނަކުން މިދިޔަ މެއި މަހުގެ އަށްވަނަ ދުވަހު އެވެ. ހުޅުމާލެ އިން ތަހުމީން ވެސް ހައްޔަރުކުރީ މެއި މަހުގެ އަށްވަނަ ދުވަހު އެވެ. ބ. ދަރަވަންދޫ އިން ފާތިހު ހައްޔަރުކުރީ މިދިޔަ މެއި މަހުގެ 19 ވަނަ ދުވަހުގެ ރެ އެވެ.