މޯލްޑިވްސް ޕޮލިސް ސާވިސް

ނަޝީދަށް ތަހުގީގުގެ މައުލޫމާތު ހިއްސާކުރަން: ޕޮލިސް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއާ ގުޅޭ ތަހުގީގުގެ މައުލޫމާތު އެމަނިކުފާނާ ހިއްސާކުރަމުންދާ ކަމަށް ފުލުހުންގެ އިދާރާގައި ބުނެފި އެވެ.

ފުލުހުން މިހެން ބުނެފައި މިވަނީ ތަހުގީގުގެ މައުލޫމާތު ރައީސް ނަޝީދާ ހިއްސާކުރަމުން ނުދާ ކަމަށް ވިދާޅުވެ އެމަނިކުފާނާއި އަދި އާއިލާއާއި އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށްފައި ވަނިކޮށެވެ.

ރައީސް ނަޝީދަށް ދިން ހަމަލާގެ މައުލޫމާތު ހާމަކުރުމަށް ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުުވުމުގައި ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ބަޝީރު ވިދާޅުވީ ހަމަލާގެ މައުލޫމާތު ރައީސް ނަޝީދާއި ކަމާ ގުޅޭ އިދާރާތަކާއި ކަމާ ގުޅޭ އެހެން ފަރާތްތަކާ ހިއްސާކުރަމުންދާ ކަމަށެވެ.

"މިމައްސަލައިގެ ވިކްޓިމެއްގެ ގޮތުގައި ރައީސް ނަޝީދަށް މައްސަލައާއި ގުޅޭ އަޕްޑޭޓްސްތައް އަޅުގަނޑުމެން ހިއްސާކުރަމުން މިގެންދަނީ. އޭގެއިތުރަށްވެސް އަޅުގަނޑުމެން މިމައްސަލާގައި މިކަމާ ގުޅޭ މުއައްސަސާތަކަށްވެސް ދުވަހުން ދުވަހަށް އެވަގުތަކަށް ހިއްސާކުރުން މުހިއްމު މައުލޫމާތު ހިއްސާކުރަމުން ގެންދަނީ،" ބަޝީރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ހަމަލާއާ ގުޅިގެން މައުލޫމާތު ނުލިބުމުގެ ޝަކުވާތަކެއް ފުލުހުންނަށް ލިބިފައި ވެސް ނުވާ ކަމަށެވެ. މައްސަލައާއި ގުޅޭ މައުލޫމާތު ރައީސް ނަޝީދުގެ އިތުރުން ރައްޔިތުންގެ މަޖިލީހަށް ވެސް ހިއްސާކުރަމުންދާ ކަމުގައި ވިދާޅުވި އެވެ.

ހަމަލާގެ ތަހުގީގާ ގުޅޭ މައުލޫމާތު ސީދާ ރައީސް ނަޝީދާ ހިއްސާކޮށްދިނުމަށް އެދި އެމްޑީޕީން ވަނީ މިދިޔަ މެއި މަހުގެ 27 ވަނަ ދުވަހު ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދަށް ސިޓީއެއް ވެސް ފޮނުވާފަ އެވެ.

އެމްޑީޕީން ފޮނުވި ސިޓީގެ މައުލޫމާތު ހިއްސާކުރައްވަމުން އެޕާޓީގެ ޗެއާޕާސަން ހަަސަން ލަތީފް މީގެކުރިން ވިދާޅުވީ ފުލުހުން ހިންގާ ތަހުގީގުގެ މައުލޫމާތު ރަައީސް ނަޝީދަށް ލިބުމަކީ ވަަރަށް މުހިއްމު ކަމެއް ކަމަށެވެ. އެހެން ކަމުން ސިޓީއަކުން ރަސްމީކޮށް ސީޕީ ހަމީދުގެ އަރިހު އެކަމަށް އެދުމުން އެ މައުލޫމާތު ފޯރުކޮށްދެއްވަން ޖެހިވަޑައިގަންނަވާކަން ސީޕީ ގަބޫލުކުރެއްވި ކަމަށްވެސް ހަސަން ލަތީފ ވަނީ ވިދާޅުވެފަ އެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް މިދިޔަ މެއި މަހުގެ ހަވަނަ ދުވަހުގެ ރޭ ދިން ބޮމުގެ ހަމަލާގައި ރައީސް ނަޝީދު ޒަހަމްވުމާ ގުޅިގެން އެމަނިކުފާނުގެ ސެކިއުރިޓީ ބްރީޗްވި ގޮތުގެ އިންކުއަރީއެއް މަޖިލީހުން މިހާރު ދަނީ ހަދަމުންނެވެ.