ޓެކްނޯލޮޖީ

ޓްވިޓާ ބްލޫ ހިދުމަތް ފަށަނީ

Jun 8, 2021

ޓްވިޓާއިން އެ ކުންފުނީގެ ސަބްސްކްރިޕްޝަން ހިދުމަތް ކަމަށްވާ ޓްވިޓާ ބްލޫ ބުރާސްފަތި ދުވަހު ފަށާނެ އެވެ.

ޓްވިޓާ ބްލޫ އަކީ ފައިސާ ދައްކަންޖެހޭ ހިދުމަތެކެވެ. މި ހިދުމަތް ބޭނުން ކުރާ ފަރާތްތަކަށް ޓްވިޓާގެ އާންމު ފީޗާ ތަކުގެ އިތުރުން ޓްވިޓާ ބްލޫ ހިދުމަތަށް ހާއްސަ ފީޗާ ތަކެއް ލިބޭނެ އެވެ. މީގެ ތެރޭގައި "ބުކްމާކް" އަދި "އަންޑޫ ޓްވީޓް" ފީޗާ ހިމެނެ އެވެ.

ދުނިޔޭގެ އެތައް މިލިއަން ބަޔަކު ބޭނުންކުރާ ޓްވިޓަ ބުލޫ ހިދުމަތަކީ ގިނަ ބަޔަކު ބޭނުންވެފައިވާ ފީޗާ ތަކެއް ފޯރުކޮށްދިނުމުގެ ގޮތުން ތައާރަފުކުރާ ހިދުމަތެކެވެ. ޓްވިޓާ ބްލޫއަކީ ބޭނުން ނުވާ ފަރާތްތަކަށް ޓްވިޓާ ބޭނުން ކުރުމުން ހުރަސް އަޅާނެ ހިދުމަތެއް ވެސް ނޫނެވެ.

ބޭސިކް ޓްވިޓާ ނުވަތަ ކުރިން ވެސް ހިލޭ ބޭނުން ކުރަމުން އައި ގިނަ ހިދުމަތްތަކެއް ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ހިލޭ ބޭނުން ކުރެވޭނެ އެވެ. ޓްވިޓާއިން ބުނާ ގޮތުގައި ހިލޭ ޓްވިޓާ ބޭނުންކުރާ ފަރާތްތަކަށް ވެސް ކުރިއަށް އޮތް ދުވަސްތަކުގައި ގިނަ އިތުރު ހިދުމަތްތަކެއް ލިބޭނެ އެވެ. ޓްވިޓާ ބްލޫ ތަފާތުވާ ސަބަބަކީ އިތުރު އެކްސްކުލޫޒިވް ފީޗާތައް ހިމެނޭތީ އެވެ.

ޖޫން 10 ވަނަ ދުވަހު އޮސްޓްރޭލިއާ އަދި ކެނެޑާއަށް މި ހިދުމަތް ހުޅުވާލާއިރު، އެހެން ގައުމު ތަކަށް މި ހިދުމަތް ދޫކުރަން އަދި ވަކި ތާރީހެއް ނުނިންމަ އެވެ. ސަބަބަކަށް ވަނީ ޓްވިޓާއިން މި ދެ ގައުމަށް މި ހިދުމަތް ދޫކޮށް މީހުންގެ ތެރޭގައި މަގުބޫލް ހިދުމަތެއްތޯ ޔަގީންކޮށް ގެންނަންޖެހޭ ބަދަލުތަކާއި ރަނގަޅު ކުރަންޖެހޭ ކަންކަން ބަލަން ވަގުތު ބޭނުންވަނީ އެވެ.

ޓްވިޓާ ބްލޫގެ ފީޗާތަކަށް ބަލާއިރު "އަންޑޫ ޓްވީޓް" އަކީ ޓްވީޓެއް ޕޯސްޓް ކުރާ ފަހުން ޓްވީޓު ކުރި ފަރާތުން އެ ޓްވީޓެއް އާންމުވުން ހުއްޓުވަން ބޭނުންވާ ނަމަ ކަނޑައަޅާފައިވާ ވަކި ވަގުތުކޮޅެއްގެ ތެރޭގައި ޓްވީޓް ކެންސަލް ކުރެވޭ ފީޗާ އެކެވެ. ޕޯސްޓްވުމަށް ފަހު ޑިލީޓް ކުރުމާއި ހިލާފަށް އަންޑޫ ފީޗާއިން 30 ސިކުންތާއި ހަމައަށް ކަނޑައެޅިފައިވާ ވަގުތުކޮޅެއްގެ ތެރޭގައި އެ ޓްވީޓް އާންމުވުން ހުއްޓުވާނެ އެވެ.

ބުކްމާކް ފީޗާއަކީ ޓްވީޓްތައް ސޭވްކޮށް އެ ޓްވީތްތައް ތަރުތީބު ކުރުމަށް ފަސޭހަކޮށް ދޭ ފީޗާ އެކެވެ. މީގެ ސަބަބުން ޓްވީޓްތައް ހޯދަން ވަރަށް ބޮޑަށް ފަސޭހަ ވެގެންދާނެ އެވެ.

މި ދެ ފީޗާގެ އިތުރުން "ރީޑާ މޯޑް" ކިޔާ ފީޗާއެއް ވެސް ޓްވިޓާ ބްލޫގައި ހިމެނެ އެވެ. މި ފީޗާއިން ދިގު ޓްވީތްތަކާއި ޓެކްސްޓް ކިއުމަށް ވަކި މޯޑެއް ކަނޑައެޅެ އެވެ. އަދި މި ފީޗާގެ ސަބަބުން މި ދިގު ޓްވީޓްތައް ކިޔަން ވެސް ފަސޭހަ ކޮށްދެ އެވެ.

މި ހިދުމަތް ފެށުމަށްފަހު އާންމުން އަމާޒުކުރާ ފާޑުކިޔުންތަކާއި ހިއްސާކުރާ ހިޔާލުތަކަށް ބަލައި މި ހިދުމަތަށް ކުރިއަށް އޮތް ދުވަސްތަކުގައި ރަނގަޅު ބަދަލުތަކެއް ގެންނާނެ ކަމަށްވެސް ޓްވިޓާ އިން ބުނެ އެވެ. މިވަގުތަކީ ޓްވިޓާ ބުލޫ ޓެސްޓްކުރާ މަރުހަލާ ކަމަށާއި މުޅި ދުނިޔެއަށް މި ހިދުމަތް ދޫކުރާނީ އޭގެ އެންމެ ފުރިހަމަ ގޮތުގައި ކަމަށްވެސް ބުނެފައިވެ އެވެ.