ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު

ނަފުރަތުގެ އަމަލަކީ ކޮބައިކަން ސާފުކޮށް ބަޔާންކުރަން ޖެހޭ: ޝަހީމް

ގާނޫނުލް އުގޫބާތުގައި ހިމެނޭ ނަފުރަތުގެ އަމަލު ހިންގުމުގެ ބަޔަށް މާއްދާތަކެއް އިތުރު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ހުށައެޅުއްވި ބިލު ފާސްވެގެން އަންނައިރު ނަފުރަތުގެ އަމަލަކީ ކޮބައިކަން ސާފުކޮށް ބަޔާންކުރަން ޖެހޭ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު އަދި މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

ހިޔާލު ތަފާތުވުން ބޮޑުވެފައިވާ ބިލާ ގުޅޭގޮތުން ޝަހީމް ވަރަށް ތަފްސީލުކޮށް އިލްމީ ވާހަކަފުޅުތަކެއް މިއަދު ހިއްސާކުރައްވާފައެވެ.

އޯއައިސީގެ އިސް މަގާމެއްވެސް ފުރުއްވާފައިވާ ކުރީގެ މިނިސްޓަރު ވިދާޅުވީ ނަފުރަތު އުފެއްދުމުގެ އަމަލުތައް އިސްލާމްދީނުގައި މަނާކުރައްވާފައިވާއިުރ ދީނަށް ފުރައްސާރަކުރުމާއި ޣީބަ ބުނުމާއި ދޮގު ހެދުމާއި ދޮގު ފެތުރުމާއި ތަފާތުކުރުމާއި އަބުރާ ބެހުމާއި އެއްބަޔަކު އަނެއްބަޔަކަށް ފުރައްސާރަކުރުމާއި ނުބައި ލަގަބުތަކުން ގޮވުމާއި އޮޅުވާލުމާއި ނު ހައްގުން ލޭ އޮހޮރުވާލުން ފަދަ ކަންކަން ނަހީކުރައްވާފައިވާ ކަމަށެވެ.

"އިސްލާމީ ޝަރީއާގައި ކަނޑައެޅިގެންވާ އުސޫލުތަކާއި ގަވާއިދުތަކާއި ސަވާބިޠުތަކާ ހިލާފަށް އެއްވެސް މުސްލިމަކީ ކާފަރެއްކަމުގައި ބުނުމަކީ އިސްލާމީ އަގީދާއާ ހިލާފު ކަމެއް. ޝަރުއީ ގޮތުން އެކަމުގައި ގޮތް ނިންމުންވަނީ ބޭރުފުށަށް. ހިތްތަކުގައިވާ ކަންކަން ދެނެވޮޑިގެންވާނީ މާތް ﷲ،"

ނަފުރަތުގެ އަމަލު ހުއްޓުވުމުގެ ނަމުގައި ގާނޫނުލްއުގޫބާތަށް ގެންނަން އުޅޭ އިސްލާހުގައި ނަފްރަތުގެ އަމަލަކީ ކޮބައިކަން ސަރީހަކޮށް ބަޔާން ކުރަންޖެހޭނެ ކަމަށާ އިސްލާމްދީނުގެ ގަދަރު ކުޑަކޮށް ދީނުގެ ޝިއާރުތަކަށް ފުރައްސާރަކޮށް ތައުހީނުކުރުމުގެ އެންމެހާ ފިކުރުތައް ފެތުރުމާއި އަމަލުތައް ހިންގުން ސަރީހަކޮށް ގާނޫނުގައި މަނާކުރެވެން ޖެހޭނެ ކަމަށްވެސް ޝަހީމް ވިދާޅުވިއެވެ.

ޝަހީމް ވިދާޅުވީ ގާނޫނަށް ގެންނަ ބަދަލުގެ ސަބަބުން އިސްލާމީ ޝަރީއަތުގައި ކަނޑައެޅި ބަޔާންވެގެންވާ ހެޔޮކަން ކަމަށް އަމުރުކޮށް ނުބައިކަންތައް ނަހީކުރުމުގެ މަތިވެތި އަސާސަށް އެއްވެސް އުނިކަމެއް އައިސްގެން ނުވާނެ ކަމަށާ ގުރުއާނާއި ސުންނަތުގައިވާ ގޮތުން އެއީ އިސްލާމީ މުޖުތަމައުގެ އިޖުތިމާއީ ރުކުނެއް ކަމަށެވެ.

ނަފުރަތުގެ އަމަލު ހުއްޓުވުމުގެ ނަމުގައި ގާނޫނުލްއުގޫބާތަށް ގެންނަން އުޅޭ އިސްލާހުގައި ނަފްރަތުގެ އަމަލަކީ ކޮބައިކަން ސަރީހަކޮށް ބަޔާން ކުރަން ޖެހޭނެ. އިސްލާމްދީނުގެ ގަދަރު ކުޑަކޮށް ދީނުގެ ޝިއާރުތަކަށް ފުރައްސާރަކޮށް ތައުހީނުކުރުމުގެ އެންމެހާ ފިކުރުތައް ފެތުރުމާއި އަމަލުތައް ހިންގުން ސަރީހަކޮށް ގާނޫނުގައި މަނާކުރެވެން ޖެހޭނެ. އިސްލާމީ މުޖުތަމައުތަކުގައި ނަފްރަތުގެ އަމަލުގެ ފެށޭ ހިސާބަކީ އެއީ. އިސްލާމީ އަގީދާއާ ދެކޮޅު ބާތިލު ފިކުރުތަކާއި އަމަލުތައް ހުއްޓުވުމަށް އިސްލާމީ އަގީދާގެ އަލީގައި އިލްމީ ހުއްޖަތުގެ މައްޗަށް ބިނާކޮށް ދެވޭ ދައުވަތަކީ ނަފުރަތުގެ އަމަލުގެ މަފްހޫމުގެ ތެރޭގައި ހިމެނޭ ކަމަކަށް ވެގެން ނުވާނެ
ޑރ. މުހައްމަދު ޝަހީމް އަލީ ޝަހީދު | ކުރީގެ އިސްލާމިކް މިނިސްޓަރު

ނަފުރަތުގެ އަމަލު ހުއްޓުވުމަށް ގާނޫނުލްއުގޫބާތަށް ހުށަހެޅިފައިވާ އިސްލާހުތަކުގެ ތެރެއަށް "ޝަރުޢީ ޟަވާބިޠު" -- ދީނުގައި ކަނޑައަޅާފައިވާ އުސޫލު -- އިތުރު ކުރަންޖެހޭ ކަމަށް ދެކެވަޑައިގަންނަވާ ކަމަށްވެސް ޝަހީމް ވިދާޅުވިއެވެ. އެހެން ނޫން ނަމަ ހުޅަހަޅާފައި އޮތް ޞީޣާ އޮތް ގޮތުން އިސްލާމީ މުޖުތަމައުގައި ގަސްތުގައި ހިނގާ ދީނާ ހިލާފު ފިކުރުތައް ހުއްޓުވުމަށް ގާނުނީ ގޮތުން ހުރަސްތަކެއް މެދުވެރި ވެދާނެ ކަމަށް ފެނިވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ.

"ޝަރުޢީ ޟަވާބިޠު ތަކުން ބޭރުން މީހުން ކާފިރުކޮށް އިސްލާމްދީނުގެ ސައްހަ އަގީދާއާ ހިލާފަށް ހިންގޭ އެންމެހާ ހަރުކަށި ވިސްނުންތަކާއި އަމަލުތަކަކީ ވެސް ގާނޫނީ ގޮތުން ހުއްޓުވަން ޖެހޭ ކަންކަން. އިސްލާމީ މުޖުތަމައެއްގައި ނަފްރަތުގެ އަމަލުތައް ހުއްޓުވަން ގާނޫނެއް ހަދާ ނަމަ އެފަދަ އަމަލުތައް ހުއްޓުވުމަށް އިސްލާމީ ޝަރީއަތުގައި ބަޔާންވެގެންވާ އުސޫލުތަކާއި ފަލްސަފާތަކުގެ އަލީގައި ގާނޫނު އެކުލަވާލެވިއްޖެ ނަމަ ގައުމާއި މުޖުތަމައަށް ކުރާނެ ފައިދާ ބޮޑުވާނެ،" ޝަހީމް ވިދާޅުވިއެވެ.

އަދާވާތްތެރިކަން ކުޑަ މުޖުތަމައެއް ބިނާކުރުމުގެ އަަސާސީ މަގަކީ ތައުލީމާއި ތަރުބިޔަތު ދިނުމުގެ މަގު ކަމަށާ އިސްލާމީ ނަޒަރިއްޔާތުގެ އަލީގައި "ވެލިއުސް އެންޑް އެތިކްސް" ތައުލީމީ މަންހަޖުގެ ތެެރެއިން އުނގަންނައިދީ އެކަކު އަނެކަކަށް އިހުތިރާމް ކުރާން ދަންނަ ފިކުރީ ގޮތުން ވަޒަން ހަމަ ޝަހުސިއްޔަތެއް ބިނާކުރަން ގައުމީ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށްވެސް ޝަހީމް ވިދާޅުވިއެވެ.

"މުޖުތަމައުގައި ހުންނަ ފިކުރީ އިޖުތިމާއީ ކަންކަން ހައްލުކުރުމުގައި ތައުލީމާއި ތަރުބިޔަތުގެ މަގަކީ ކާމިޔާބު މަގެއް. އިސްލާމްދީނުގައިވާ އުގޫބާތުގެ ހުކުމްތަކަށް ވުރެ އަހުލާގީ ތަރުބަވީ އިރުޝާދުތަކާއި ސިފަތައް ގިނަވެފައިވަނީ ކުށަށް އަރައިގަންނަން ފަސްޖެހޭ އިންސާނަކު ބިނާކުރުމަށް. ފިކުރީ މައްސަލަތަކަކީ ހަމަ އެކަނި އަދަބުދީގެން ހައްލުކު ރެވޭނޭ ކަންކަމެެއް ނޫން. އެކަމަކު އަދަބު ދިނުމަކީ ވެސް އިސްލާހީ ފަރުވާގެ ތެރެއިން ހިމެނޭ ކަމެއް. މުޖުތަމައާއި ގައުމުގެ ސަލާމަތަށްޓަކައި އަޅަންޖެހޭ ފިޔަވަޅެއް،" ޝަހީމް ވިދާޅުވިއެވެ.