ސިނަ މާލެ ބްރިޖް

ބްރިޖް އަޅަން ސީސީސީސީ ސެކަންޑް ހާބަރު އިންޖިނިއަރިންއާ ހަވާލުކޮށްފި

ޗައިނާގެ އެންމެ ބިޔަ ކުންފުނި ކަމަށްވާ ޗައިނާ ކޮމިއުނިކޭޝަން ކޮންސްޓްރަކްޝަން ކޮމްޕެނީގެ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ، ސީސީސީސީ ސެކަންޑް ހާބަ އިންޖިނިއަރިންއާ ހުޅުލެ-މާލެ ބްރިޖްގެ މަސައްކަތް ހަވާލުކޮށްފި އެވެ.

ހައުސިން މިނިސްޓަރު މުހައްމަދު މުއިއްޒު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހުޅުލެ-މާލެ ބްރިޖް އެޅުމަށް ކުރިމަތިލީ ކުންފުނިތަކުގެ ތެރެއިން އެ މަސައްކަތް ކުރުމަށް ހޮވިފައި ވަނީ، ސީސީސީސީ ސެކަންޑް ހާބަ އިންޖިނިއަރިން ކަމަށެވެ.
އެކަމުގެ ލިޔުމުގައި ދެ ގައުމުގެ ދެމެދުގައި މިއަދު ބެއިޖިންގައި ސޮއިކޮށްފައިވާ ކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ. ރާއްޖޭގެ ފަރާތުން އެ ލިޔުމުގައި ސޮއި ކުރެއްވީ ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު މުއްތޮލިބެވެ.

ޗައިނާ މޯލްޑިވްސް ފްރެންޑިޝިޕް ބްރިޖް"ގެ ނަމުގައި އަޅާ އެ ބްރިޖަށް ޝޯޓްލިސްޓްވި ތިން ކުންފުނީގެ ބީލަންތައް އިވެލުއޭޓްކޮށްފައި ވަނީ ޗައިނާގެ ކަމާ ގުޅޭ 11 މާހިރުންގެ ޓީމަކުންނެވެ. ދެ ފޭސް އަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ ބިޑް އިވެލުއޭޝަންގައި ބަލާފައި ވަނީ ޕްރޮޖެކްޓްގެ އެންމެ އުނދަގޫ މަސައްކަތް ކުރުމަށް ކުންފުނި ތަކުން ހުށަހެޅި ކޮމްޕްރެހެންސިވް މެތަޑް ސްޓޭޓްމަންޓަށެވެ. އެއިން ފާސްވާ ކުންފުނިތަކުގެ ތެރއިން އެންމެ ކުޑަ އަގު އޮންނަ ކުންފުންޏަށް ބްރިޖް ޕްރޮޖެކްޓް އެވޯޑް ކުރާނެ އެވެ.

ސީސީސީސީ އަކީ ދުނިޔޭގެ އެންމެ ވަރުގަދަ 500 ކުންފުނީގެ ތެރޭގައި ހިމެނޭ އެއް ކުންފުންޏެވެ. އެ ކުންފުނިން ހިންގާފައިވާ ބޮޑެތި މަޝްރޫއުތަކުގެ ތެރޭގައި ޓޮންގް ޔަންގް ރިވާ ހައިވޭ ބްރިޖު ހިމެނެ އެވެ. މިއީ ގާތްގަނޑަކަށް 62 މީޓަރު އުސް ބްރިޖެކެވެ. މި ބްރިޖުގެ ދިގުމިނުގައި 32 ކިލޯ މީޓަރު ހުންނާނެ އެވެ.

ބްރިޖް ޕްރޮޖެކްޓަށް ދެން ކުރިމަތިލީ؛ 

  • ޗައިނާ ރޭލްވޭ މޭޖާ ބްރިޖް އިންޖިނިއަރިން
  • ޝިޒްއާން ރޯޑް އެންޑް ބްރިޖް ކޮންސްޓްރަކްޝަން

ސަރުކާރުން ބުނެފައިވާ ގޮތުގައި ހޮވޭ ކުންފުނީގެ ޓީމެއް މަސައްކަތް ފަށައިގަތުމަށް ވަރަށް އަވަހަށް ރާއްޖެއަށް ދަތުރު ކުރާނެ އެވެ. އަދި ފައިސާގެ އެބަސްވުންތަކުގައި ސޮއި ކުރާނީ ރާއްޖޭގަ އެވެ.

މި ޕްރޮޖެކްޓަށް 250 އެއްހައި މިލިއަން ޑޮލަރު ހަރަދު ވާއިރު 100 މިލިއަން ޑޮލަރަކީ ޗައިނާ ސަރުކާރުން ރާއްޖެއަށް ހިލޭ އެހީގެ ގޮތުގައި ދޭ ބައެކެވެ. އަދި ބާކީ 150 މިލިއަން ޑޮލަރުގެ ތެރެއިން 100 މިލިއަންޑޮލަރު ދިވެހި ސަރުކާރުން ވަނީ ލޯނެއްގެ ގޮތުގައި ނަގާފަ އެވެ.

ބްރިޖްގެ ދިގުމިނުގައި ޖުމްލަ 2 ކިލޯމީޓަރު ހުންނަ އިރު، އެއީ 20.3 މީޓަރު ފުޅާ ބްރިޖެކެވެ. ބްރިޖުގެ ދަށުން 12 މީޓަރުގެ އުސް އުޅަނދު ތަކަށް ދަތުރު ކުރެވޭއިރު މެދު ދިޔައިގައި ބްރިޖްގެ އެންމެ އުސް ހިސާބާ ހަމައަށް 20 މީޓަރު އުސްވާނެ އެވެ. ބްރިޖް ހަދަނީ އިންޓަނޭޝަނަލް ކާގޯ ސްޓޭންޑަޑްގެ ބަރުދަނަށް ވެސް ބަލައިގެންނެވެ.