ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ޝާހިދު ދިވެހިން ފަހުރުވެރިކޮށްދޭނެ: ރައީސް

އދ. ގެ އާންމު މަޖިލީހުގެ ރައީސް ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ހޮވި ތާރީހުގެ ތެރެއަށް ވަޑައިގެންފައިވާއިރު އެ މަނިކުފާނުގެ ރިޔާސަތުގައި ދިވެހިން ފަހުރުވެރިކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ޝާހިދު އެ މަގާމަށް ހޮވި ވަޑައިގެންނެވީ މިރޭ ބޭއްވި އިންތިހާބުގެ ވޯޓްގައި އަފްޣާނިސްތާނުގެ ކުރީގެ ހާރިޖީ ވަޒީރު ޑރ. ޒަލްމާއި ރަސޫލް އާއި ވާދަ ކުރައްވަ އެވެ.

މިރޭ ނެގި ވޯޓްގައި އާންމު މަޖިލީހުގައި ހިމެނޭ 193 މެންބަރު ގައުމަކުން ލީ ސިއްރު ވޯޓެކެވެ. މިނިސްޓަރު ޝާހިދަށް ލިބިވަޑައިގެންނެވީ 143 ވޯޓެވެ. ޑރ. ޒަލްމާއި ރަސޫލަށް ލިބިވަޑައިގެންނެވީ 48 ވޯޓެވެ. އާންމު މަޖިލީހުގައި ހިމެނޭ ބޮޑު އަދި ނުފޫޒު ގަދަ ގައުމުތަކުގެ ތާއީދު ރާއްޖެއަށް ދިނެވެ.

ރާއްޖޭގެ ކާމިޔާބަށް މަރުހަބާ ވިދާޅުވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ ރާއްޖެއަށް ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ. އަދި ޝާހިދުގެ ރިޔާސަތުގައި ދިވެހިން ފަހުރުވެރިކޮށްދެއްވާނެ ކަމަށެވެ.