ދުނިޔެ

ރަޝިޔާގައި ވަރުގަދަ ހަމަލާއެއް ދޭނެ ކަމުގެ އިންޒާރު އައިއެސް އިން ދީފި

ރަޝިޔާއިން ސީރިޔާގައި އައިއެސް އާއި ދެކޮޅަށް ދެމުންދާ ހަމަލާތަކުގެ ބަދަލު ހިފުމުގެ ގޮތުން ވަރަށް އަވަހަށް ރަޝިޔާގައި ވަރުގަދަ ހަމަލާއެއް ދޭނެކަމަށް ބުނެ އައިއެސްއިން ވީޑިއޯ މެސެޖެއް ނެރެފިއެވެ.

އައިއެސްގެ މީޑިއާ ސެންޓަރު އަލް ހަޔާތުން ނެރުނު މި ވީޑިއޯގައި ރަޝިޔާ ބަހުން ބުނެފައިވަނީ "ވަރަށް އަވަހަށް ލޭގެ ކަނޑެއް އޮހޮރުވާލާނެ" ކަމަށެވެ. މީގެ ކުރިން ވެސް ސީރިޔާ ހަނގުރާމައާއި ގުޅުވައި، އައިއެސްއިން ވަނީ އެމެރިކާއާއި ރަޝިޔާއާއި ދެކޮޅަށް ހަމަލާ ދިނުމަށް ގޮވާލާފައެވެ. އެކަމަކު ރަޝިޔާގައި ޓެރަރިސްޓު ހަމަލާއެއް ދޭނެ ކަމަށް މިހާ ސާފުކޮށް މީގެކުރިން ބުނެފައެއް ނުވެއެވެ.

ރަޝިޔާއިން ބުނެފައިވަނީ އައިއެސް އިން ނެރުނު ކަމަށް ބުނާ މި ވީޑިއޯ އަކީ ހަމަ ހަގީގަތުގަކއި ވެސް އެ ޖަމާއަތުގެ މެސެޖެއްތޯ އަދި ރަޝިޔާއަށް ކަށަވަރު ކުރެވިފައި ނުވާ ކަމަށެވެ. އެކަމަކު މި ވީޑިއޯގެ ކަންތައް އެގައުމުގެ ސަލާމަތާ ބެހޭ ހާއްސަ ޔުނިޓުން ވަރަށް ރަނގަޅަށް ބަލައި ދިރާސާ ކުރާނެ ކަމަށް އެގައުމުން ބުންޏެވެ.

ރަޝިޔާއަށް އިންޒާރުކޮށް އައިއެސްއިން ވީޑިއޯއެއް ނެރެފައިވާއިރު، މިދިޔަ މަހު އެއްތިރީހުގައި މިސްރަށް ވެއްޓުނު ރަޝިޔާ މަތިންދާ ބޯޓުގެ ހާދިސާއާ އައިއެސްއާ ވެސް ގުޅުމެއް ވެދާނެ ކަމަށް ހުޅަނގުގެ ޖާސޫސީ އިދާރާތަކުން ތުހުމަތު ކުރިއެވެ. އަދި މިސްރުގައި އެގައުމުގެ ސަލާމަތީ ބާރުތަކާ ހަނގުރާމަ ކުރަމުންދާ އައިއެސް ހަނގުރާމަވެރިން ވަނީ މި ހަމަލާގެ ޒިންމާ އުފުލާފައެވެ. އެކަމަކު 224 މީހުން މަރުވި އެ ހާދިސާއާ އައިއެސްއާ ގުޅުމެއް ވާކަން ސާބިތު ކުރެވިފައެއް ނުވެއެވެ.