ބޭންކް އޮފް މޯލްޑިވްސް

ބީއެމްއެލް ސަމާލުވޭ ކެމްޕޭންގެ ވީޑިއޯ މުބާރާތެއް ޓިކްޓޮކްގައި

Jun 8, 2021

އޮޅުވާލައިގެން މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ މައްސަލަތައް ވަނީ އާއްމުވެފަ އެވެ. ބީއެމްއެލް އިން ކާޑުގެ މައުލޫމާތު ހޯދަން "ނުގުޅާނަމޭ ބުންޏަސް" "މަކަރު" ގެ މަޅީގައި ގިނަ ބަޔަކު ޖެހެ އެވެ. ނަމަވެސް ގިނަ މީހުން މި މަޅިތަކުގައި ޖެހެނީ ހޭލުންތެރިކަން ކުޑަވުމުން ކަމަށް ބެލެވިދާނެ އެވެ. މީގެތެރޭގައި ގިނަ އަދަދެއްގެ ޒުވާނުން ވެސް ހިމެެނެ އެވެ. އެހެންވެ ބީއެމްއެލް އިން މިވަނީ ޒުވާނުންގެ ބޮޑު ކޮމިއުނިޓީއެއް އުޅޭ ޓިކްޓޮކްގައި ވީޑިއޯ މުބާރާތެއް ފަށާފަ އެވެ.

އޮޅުވާލައިގެން މަކަރާ ހީލަތުން ފައިސާ ހޯދުމަށް ކުރާ ކަންތައްތަކަށް ކަސްޓަމަރުން ހޭލުންތެރިކުރުވުމަށް ބީއެމްއެލް އިން ހިންގާ "ސަމާލުވޭ" ކެމްޕެއިންގެ ދަށުން، އާންމުންނަށް ބައިވެރިވެވޭ ގޮތަށް ހުޅުވާލި މި ވީޑިއޯ މުބާރާތުގައި
ހުށަހަޅާ ވީޑިއޯއަކީ މި ފަދަ ކަންކަމާ ގުޅޭ ގޮތުން ހޭލުންތެރިކުރަމުގެ މެސެޖެއް ހިމެނޭ ވީޑިއޯ އަކަށް ވާން ލާޒިމް ކުރެ އެވެ.

ހަތަރު ހަފްތާ އަށް ކުރިއަށްދާ މި މުބާރާތުގެ އެކި ވަނަ ވަނައަށް އަންނަ ފަރާތްތަކަށް ބީއެމްއެލް ގިފްޓް ކާޑެއް ވެސް ލިބޭނެ އެވެ. މިއީ ޕީއޯއެސް އިން ވިޔަފާރިކޮށްލެވޭ ގޮތަށް ފަރުމާކޮށްފައި އޮންނަ "ކޭޝް ކާޑް" އެވެ. ކޮންމެ ހަފްތާއަކު ވެސް ހުށަހަޅާ ވީޑިއޯތަކުގެ ތެރެއިން އެންމެ ގިނަ މީހުން ބެލި ވީޑިއޯ އާއި އެންމެ ގިނައިން ލައިކްސް ލިބުނު ވީޑިއޯ އަދި އެންމެ ގިނައިން ޝެއާ ކުރި (ދެބައި އެއްކޮށް) ގެ އިތުރުން ޖަޖިން ޕެނަލް އަށް އެންމެ ކަމުދާ ވީޑިއޯ ވެސް ހޮވާނެ އެވެ.

މި މުބާރާތުގެ ފުރަތަމަ ތިން ހަފްތާގެ ތެރެއިން ކޮންމެ ހަފްތާއަކު ވެސް މި ވަނަ ތަކަށް ހޮވޭ ކޮންމެ ވީޑިއޯ އެއް ހުށަހަޅާ ފަރާތަކަށް 5،000ރ. ގެ ގިފްޓް ކާޑެއް ދޭނެ އެވެ. އަދި ހަތަރު ވަނަ ހަފްތާގައި ހުށަހަޅާ ވީޑިއޯތަކުގެ ތެރެއިން ވަނަތަކަށް ހޮވޭ ވީޑިއޯތައް ހުށަހަޅާ ފަރާތަކަށް 10،000ރ،ގެ ގިފްޓް ކާޑެއް ލިބޭނެ އެވެ.