އަބްދުﷲ ޝާހިދު

ވެކްސިން ލިބުމުގައި ހަމަހަމަކަން ގާއިމު ކުރާނަން: ޝާހިދު

Jun 8, 2021
3

އދގެ އާންމު މަޖިލީހުގެ ރައީސްގެ މަސްއޫލިއްޔަތާ ހަވާލުވެވަޑައިގަތުމަށްފަހު އެންމެ ބޮޑު އިސްކަމެއް ދެއްވާނީ ކޮވިޑުން ރައްކާތެރިވުމަށް ކުރަމުންދާ މަސައްކަތުގައި ވެކްސިން ފޯރުކޮށްދިނުމުގައި ހަމަހަމަ އުސޫލެއް ގާއިމުކުރުމަށް ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

އަބްދުﷲ ޝާހިދު މިހެން ވިދާޅުވީ އދ.ގެ 76 އާންމު މަޖިލީހުގެ ރިޔާސަތަށް ހޮވިވަވަޑައިގެން ފުރަތަމަ ފަހަރަށް ނޫސްވެރިންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.

އދ.ގެ މައި މަރުކަޒުގައި ހުންނަވައިގެން އަބްދުﷲ ޝާހިދު ވަނީ އޭނާގެ ރިޔާސަތުގައި އެންމެ އިސްކަން ދެއްވާނެ ފަސް ކަމެއް ހާމަކުރައްވާފަ އެވެ. އެގޮތުން ވިދާޅުވީ ކޮވިޑުން ރައްކާތެރިވުމަށް ވެކްސިން ލިބޭނެ ހަމަހަމަ އުސޫލެއް ގާއިމުކޮށް ސިއްހީ ދުޅަހެޔޮކަން އިތުރުކުރުމާ އެކު ދެމެހެއްޓެވި ގޮތަކަށް އިގްތިސޯދީ ކުރިއެރުން ގެނައުމާއި، ދުނިޔޭގެ ސަލާމަތަށްޓަކައި ތިމާވެށީގެ މައްސަލަތަކަށް އިސްކަން ދެއްވާނެ ކަމަށެވެ. އަދި އިންސާނީ ހައްގުތަކާއި، އަ ސާސީ ހައްގުތަކަށް އިހްތިރާމްކުރުމަށް ހިންގާ މަސައްކަތްތަކަކާއި އަދި އދ. އަށް ގެންނަން ޖެހޭ އިސްލާހީ ބަދަލުތަކަށް މަސައްކަތް ކުރައްވާނެ ކަމުގައިވެސް ވިދާޅުވި އެވެ.

އެމަނިކުފާނު އދ.ގެ އާންމު މަޖިލީހުގެ ރިޔާސަތާ ހަވާލުވާއިރު ކުރިއަށް ގޮންޖެހުންތަކެއް ހުރިކަން ވެސް ފާހަގަކުރެއްވި އެވެ. އަދި ވިދާޅުވީ މިދިޔަ އަހަރަކީ އުއްމީދު ގެއްލި ބޭއިންސާފާއި ހަމަނުޖެހުމުގެ ތެރޭގައި ދިޔަ އަހަރެއްގެ ގޮތުގައި ސިފަކުރެއްވި އެވެ.

"މުޖުތަމައުތައް އަލުން އާރާސްތުކޮށް ދުނިޔޭގެ ސަލާމަތަށް މަސައްކަތްތަކެއް ކުރަންޖެހޭ. އިގްސާދު އަނބުރާ އިއާދަކުރަން ޖެހޭ. އަދި ހާއްސަ އިސްކަމެއް ދީގެން އުންމީދު އާކުރަންޖެހޭ،" ޝާހިދު ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ އދގެ އާންމު މަޖިލީހުގެ ރިޔާސަތަށް އެމަނިކުފާނު އިންތިހާބުވި ދުވަހަކީ ދިވެހިރާއްޖެއަށް ތާރީހީ ދުވަހެއް ކަމަށެވެ.

އދ.ގެ އާންމު މަޖިލީހުގެ ރައީސްކަމުގެ މަގާމަށް ޝާހިދު އިންތިހާބުވެ ވަޑައިގަތީ 191 ވޯޓުގެ ތެރެއިން 143 ވޯޓުގެ ބޮޑު އަގުލަބިއްޔަތަކުންނެވެ. ޝާހިދާއި ވާދަކުރެއްވީ އަފްގާނިސްތާނުގެ ކުރީގެ ފޮރިން މިނިސްޓަރު ޑރ. ޒަލްމާއި ރަސޫލް އެވެ.