ސަންގު ޓީވީ

ފައިސާ ނުދެއްކުމުން ސަންގު ޓީވީގެ އަޕްލިންކް ހިދުމަތް ކަނޑާލައިފި

Nov 13, 2015
7
  • 670،000ރ. ނުދައްކާ އެބައޮތް
  • ތަކުރާކޮށް އެންގުމުން ވެސް ފައިސާ ނުދައްކާ

ފައިސާ ނުދައްކައިގެން ސަންގު ޓީވީގެ އަޕްލިންކް ހިދުމަތް ހުއްޓާލަން ނިންމައި ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން އެކަން ރަސްމީކޮށް ސަންގު ޓީވީއަށް މިރޭ އަންގައިފި އެވެ.

ހިދުމަތް ހުއްޓާލިކަން ބަޔާންކޮށް މިރޭ ޕީއެސްއެމް އިން ވަނީ ބަޔާނެއް ވެސް ނެެރެފަ އެވެ.

އެ ބަޔާނުގައި ބުނަނީ ދިވެހި ރާއްޖޭގެ އަޑާއި ޓީވީއެމްގެ ކުރީގެ ބެލެނިވެރިޔާ އެމްބީސީ އިން ސެޓެލައިޓް އަޕްލިންކް ކުރުމުގެ ވިއުގަ މެދުވެރިކޮށް ސެޓެލައިޓް ޓްރާންސްޕޮންޑާ ހަމަޖައްސައި އަޕްލިންކު ކުރަން ބޭނުންވާ ޓީވީ ޗެނަލްތަކަށް މޭ 19، 2015 ގައި ހުޅުވާލުމުން ކުރިމަތިލި ސަންގު ޓީވީއަށް ތިން އަހަރުގެ މުއްދަތަށް ކުލި ދައްކާ އުސޫލުން އެމްބީސީން ހިދުމަތް ދޭން ފެށި ކަމަށެވެ.

އަދި ފަހުން ޕީއެސްއެމް އުފައްދައި ކުރިން އެމްބީސީން އަމަލު ކުރަމުން އައި އެގްރިމެންޓްތައް ދަމަހައްޓަމުން ދިއުމަށް ޕީއެސްއެމްގެ މައްޗަށް ގާނޫނު ލާޒިމް ކޮށްފައިވާތީ ސަންގު ޓީވީ އާއި އެމްބީސީއާ ދެމެދުކޮށްފައިވާ މުއާމަލާތުގެ އެގްރިމެންޓްވެސް ޕީއެސްއެމުން މިހާތަނަށް އައީ ދަމަހައްޓަމުން ކަމަށެވެ. އެހެން ނަމަވެސް އެއްބަސްވުމާ އެއްގޮތަށް ސަންގު ޓީވީން ދައްކަންޖެހޭ މަހުފީ އާއި ސެޓަޕް ފީ ބަރާބަރަށް ނުދައްކާ ގިނަ ދުވަސްތަކެއް ފާއިތުގޮސްފައިވާ ކަމަށެވެ.

"އެއްބަސްވުމާ އެއްގޮތަށް އަމަލު ކުރަން ސަންގު ޓީވީއަށް ފޯނު މެދުވެރިކޮށާއި ލިޔެ ކިޔުމުންނާިއ ދެފަރާތް ބައްދަލުކޮށްގެން ތަކުރާރުކޮށް ހަނދާން ކޮށް ދިނުުމުން ވެސް އެގްރިމެންޓާ އެއްގޮތަށް އަމަލުކޮށްފައެއް ނުވެއެވެ." ބަޔާނުގައި ވެއެވެ.

ޕީއެސްއެމް އިން ބުނީ އެގްރިމެންޓާ އެއްގޮތަށް އަމަލު ކުރުމަށާއި ދަރަނި އަދާކުރަން ސަންގު ޓީވީއަށް ދެ ފަހަރެއްގެ މަތިން މުހުލަތު ދިން ކަމަށާއި އެ މުހުލަތަކުގެ ތެރޭގައި ސަންގު ޓީވީން އަދާކުރަން ޖެހޭ ޒިންމާ އަދާ ނުކޮށް ދަރަނި އަދާ ކުރަން އެއްވެސް މަސައްކަތެއްކޮށްފައި ނުވާތީ ސަންގު ޓީވީއަށް ދުކޮށްފައިވާ ސެޓަލައިޓް ޓްރާންސްޕޮންޑާ އަޕްލިކުން މިހާރުން މިހާރަށް ހުއްޓާލަން ޕީއެސްމްފެ ގަވަނިން ބޯޑުން ނިންމީ ކަމަށެވެ.

އެ ނިންމުން ނިންމީ އެއްބަސްވުމުގެ ތިން ވަނަ މާއްދާގެ 3.3 އަދި ހަވަނަ މާއްދާގެ 1.1 އާއި 1.2 އަށް ރިއާޔަތްކޮށެވެ.

ސަންގު ޓީވީ ނުދައްކާ އޮތީ ކިހާ ފައިސާއެއް ކަމެއް ޕީއެސްއެމް އިން ހާމައެއް ނުރެ އެވެ. ނަމަވެސް އަވަސް އެނގިފައިވާ ގޮތުގައި ސަންގު ޓީވީން ނުދައްކާ އޮތް ފައިސާ އަދަދު 670،000 ރ. އަށް އަރަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު ޔާމީން ރަޝީދުގެ މަސްލަހަތު އޮންނަ ސަންގު ޓީވީގެ އަޕްލިންކް ހިދުމަތް މިރޭ ޕީއެސްއެމުން ހުއްޓާލުމުން އެޓީވީގެ ހިދުމަތް ލިބޭނީ ކޭބަލް ޓީވީ މެދުވެރުކޮށް މާލެއަށް އެކަންޏެވެ. މި ހިދުމަތް ޕީއެސްއެމުން ހުއްޓާލި އިރު ރައީސް އަބްދުﷲ ޔާމީނާއި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް އިންޒާރުކޮށް އަދި ރާއްޖޭ ޓޫރިޒަމަަށް ގެއްލުން ދޭނެ ކަމަށް ބުނެ ޔޫޓިއުބަށް އަޕްލޯޑްކުރި ވީޑިއޯއެއްގެ މައްސަލާގެ ތުހުމަތުގައި ފުލުހުން ވަނީ އެ ސްޓޭޝަނަށް ވަދެ، ބަލައި ފާސްކޮށް ބައެއް ތަކެތި ގެންގޮސްފައެވެ. އެކަމާ ގުޅިގެން އެ ސްޓޭޝަނުގެ ހިދުމަތް މެދު ކަނޑައިލުމަށްފަހު މިހާރު ވަނީ ޓްރާންސްމިޝަން އަލުން ފަށާފަ އެވެ.