ޓެކްނޯލޮޖީ

ފޭސްޓައިމަށް އާ ފީޗާތަކެއް

Jun 10, 2021

އެޕަލްގެ 2021 ޑަބްލިއުޑަބްލިއުޑީސީގައި ދައްކާލި ބައިވަރު އާ ފީޗާ ތަކުގެ ތެރެއިން އެންމެ ފާހަގަ ކޮށްލެވޭ ކަމަކީ ފޭސްޓައިމްއަށް ގެންނަން އިއުލާން ކުރި ބަދަލު ތަކެވެ.

ގެންނަން ބުނި އާ ބަދަލުތަކާއެކު ފޭސްޓައިމް އެޕަލް ޑިވައިސްތަކުގެ އިތުރުން އެންޑްރޮއިޑް އަދި ވިންޑޯސް ބޭނުން ކުރާ ފަރާތްތަކަށް ވެސް ބޭނުން ކުރެވޭނެ އެވެ. ނަމަވެސް ތަފާާތަކީ އެޕަލްގެ ފޭސްޓައިމް އެޕްލިކޭޝަން ބޭނުން ނުކުރެވުމެވެ. އެހެން އޯއެސް ތަކުގައި ފޭސްޓައިމް ބޭނުން ކުރެވޭނެ ކަމަށް އެޕަލްއިން އަންގަނީ ވެބް ބްރައުޒާ ބޭނުން ކޮށްގެންނެވެ. ނަމަވެސް އެޕަލްއިން ކަށަވަރުކޮށް ދޭ ގޮތުގައި ވެބް ބްރައުޒާގައި ބޭނުން ކުރި ނަމަވެސް ފޭސްޓައިމް ކޯލްތައް ވާނީ ފުރިހަމައަށް އެންކްރިޕްޓް ކޮށް ރައްކާތެރި ކޮށްފަ އެވެ.

މީގެ އިތުރުން ފޭސްޓައިމް އެޕްލިކޭޝަނަށް ވަނީ ލޭއައުޓް އަޕްޑޭޓްތަކެއް ވެސް އަންނާނެ ކަމަށް ބުނެފަ އެވެ. މީގެ ތެރޭގައި ކޯލްގައި ތިބޭ އެންމެން އެއްކޮށް ބަލާލުމަށްޓަކައި ހާއްސަ ކޮށްފައިވާ ގްރިޑްވިއު ހިމެނެ އެވެ. އެޕަލްއިން ވަނީ ލޭއައުޓާއެކު ކުރިއަށް ވުރެ ވެސް ބޮޑަށް ވީޑިއޯ ކޮލިޓީ ރަނގަޅު ވާނެ ކަމަށް ބުނެފަ އެވެ.

މި ބަދަލުތަކާއެކު ސްޕެޝަލް އޯޑިއޯ ފިޗާއަކީ ވެސް ފާހަގަ ކޮށްލެވޭ ބަދަލެކެވެ. މި ފީޗާގެ ސަބަބުން ކޯލްގައި ބައިވެރިވާ ފަރާތްތަކުގެ އަޑު އަންނާނީ ހާއްސަ ގޮތަކަށެވެ. އެއީ ކޯލްގައި އެމީހާ ފެންނަން އިން ފަޅިއަކުން އަޑު އައުމެވެ. ގުރޫޕް ކޯލެއްގައި ބައިވަރު މީހުން ތިބޭއިރު އެކި މީހުންގެ އަޑު އަންނާނީ އެކި ކޮޅުންނެވެ. މީގެ އިތުރުން ފަހަތުން އިވޭ ބޭނުންނުވާ އަޑުތައް ވަކިކޮށް އޭއައިއެއް މެދުވެރިކޮށް އެ އަޑުތައް ގެއްލުވާލުމުގެ ފުރުސަތު ވެސް އާ ބަދަލުތަކުގެ ތެރޭގައި ހިމެނެ އެވެ.

ހުރިހާ އާ ފީޗާތަކެއްގެ ތެރެއިން ވެސް އެންމެ ފާހަގަ ކޮށްލެވޭ ފީޗާއަކީ ފޭސްޓައިމް ބޭނުން ކޮށްގެން މިއުޒިކް އަދި ވިޑިއޯ ޝެއާ ކުރެވޭނެ ކަން އިއުލާން ކުރުމެވެ. މި ފީޗާ ބޭނުން ކޮށްގެން ފޭސްޓައިމް ކޯލެއްގައި ހުރެ ކޯލްގައި ދެން ތިބި މީހުންނަށް ލަވައެއް މިއުޒިކް ޕްލެޔާ ބޭނުން ކޮށްގެން އިއްވާލުމުގެ ފުރުސަތު އަދި ވިޑިއޯ ޝެއާ ކުރުމުގެ ފުރުސަތު އޮންނާނެ އެވެ.

ފޭސްޓައިމް އެޕްލިކޭޝަންގެ މި އާ ފީޗާތައް ލޯންޗް ކުރާނެ ވަކި ތާރީހެއް އަދި އިއުލާން ކޮށްފައެއް ނުވެ އެވެ.