ޓެކްނޯލޮޖީ

ސެމީކޮންޑަކްޓާ ލިބުން ދަތިވަނީ ކީއްވެ

ސެމީކޮންޑްކްޓާ ތަކަކީ އާންމު ދިރިއުޅުމުގައި ބޭނުން ކުރާ ހުރިހާ އިލެކްޓްރޯނިކް ޑިވައިސްތަކެއްގައި ވެސް ބޭނުން ކުރާ އެއްޗެކޭ ބުނެވިދާނެ އެވެ. އަތުގައި އޮންނަ ފޯނާއި، ބޭނުން ކުރާ ކޮމްޕިއުޓަރުން ފެށިގެން ދުއްވާ ކާރު އަދި ގޭގައި ބޭނުން ކުރާ ފްރިޖްގައި ވެސް ސެމީކޮންޑަކްޓާ ހިމެނެ އެވެ.

ސެމީކޮންޑަކްޓާ އަކީ ކޯންޗެއް؟

ސެމީކޮންޑަކްޓާ އަކީ އޭގައި ކަރަންޓު ދައުރު ކުރާ (ކޮންޑަކްޓާ) މާއްދާއަކާއި ކަރަންޓު ދައުރު ނުކުރާ (ނަން ކޮންޑަކްޓާ) މާއްދާއެއް ހިމެނޭ ގޮތަށް އުފައްދާ އެއްޗެކެވެ. ގުދުރަތީ ގޮތުން އުފެދޭ ސިލިކަން ފަދަ މާއްދާ ތަކަކީ ވެސް ސެމީކޮންޑަކްޓާ ތަކެކެވެ. އާންމު ގޮތެއްގައި ސެމީ ކޮންޑަކްޓާތައް ބޭނުން ކުރަނީ ކޮމްޕިއުޓިން ޗިޕް އުފެއްދުމަށެވެ.

ސެމީކޮންޑަކްޓާ މުހިންމު ވަނީ ކީއްވެ؟

ސެމީކޮންޑަކްޓާ ތަކަކީ އިލެކްޓްރޯނިކް ޑިވައިސްތަކުގެ ސިކުނޑި ކަމަށްވާ ކޮމްޕިއުޓިން ޗިޕް އުފެއްދުމަށް ބޭނުން ކުރާ މައިގަނޑު ވަސީލަތެވެ. މި ޗިޕްތަކާއި ނުލައި އިލެކްޓްރޯނިކް ޑިވައިސްތަކެއް ނުއުފެއްދޭނެ އެވެ. ފަހުގެ ކާރުތަކާއި ސައިކަލުތަކުގައި ވެސް މި ޗިޕްތައް ހުރެ އެވެ. އެންމެ ކުޑަމިނުން ގޭގައި ގެންގުޅޭ މިކްސްޗަރުގައި ވެސް މި ޗިޕްތައް ހިމެނެ އެވެ. ޑިޖިޓަލް ވެފައިވާ ދުނިޔޭގައި ބޭނުން ކުރާ ހުރިހާ އިލެކްޓްރޯނިކްސް އެއް އުފެއްދުމަށް އެންމެ މުހިއްމު އެއްޗަކަށް މިވަނީ ސެމީ ކޮންޑަކްޓާސް އެވެ. ކޮމްޕިއުޓިން ޗިޕް ތަކާއި ނުލައި މި ޑިވައިސްތައް ވެސް ނުއުފެއްދޭނެ އެވެ.

ސެމީކޮންޑަކްޓާސް ނުލިބުމުގެ އަސްލަކީ ކޮބާ؟

ވޭތުވެދިޔަ އަހަރު ތަކުގައި އެކި ސަބަބުތަކާއި ގުޅިގެން ސެމީކޮންޑަކްޓާސް ލިބުން ދަތިވެފައިވެ އެވެ. ދަތިތައް ދިމާވުމުގެ ސަބަބުތަކުގެ ތެރޭގައި، އުފެއްދުމުގެ ރޭޓް ޑިމާންޑަށް ވުރެ ދައްވުމާއި، އުފެއްދުމަށް ބޭނުންކުރާ މާއްދާތައް ހޯދުމުގައި ދިމާވާ ދަތިތައް ހިމެނެ އެވެ. 2011 ގައި ޖަޕާނަށް އައި ވަރުގަދަ ބިންހެލުމާއި ގުޅިގެން ވެސް ވަނީ ސެމީ ކޮންޑަކްޓާސް ލިބުން ދުވަސްކޮޅަކަށް ދަތިވެފަ އެވެ. އަދި 2019 އިން ފެށިގެން މިހާރު ވަނީ މުޅި ދުނިޔެއަށް ވެސް ސެމީކޮންޑަކްޓާ އަދި ސެމީކޮންޑަކްޓާ ބޭނުން ކޮށްގެން އުފައްދާ އެއްޗެހި ލިބުން މާބޮޑަށް ދަތިވެފަ އެވެ. އަދި ދުވަހަކަށްފަހު ދުވަހެއް މިހާލަތު ދަނީ ދަށެވެ.

މައިގަނޑު ސަބަބުތަކުގެ ތެރޭގައި ތިން ކަމެއް ފާހަގަކުރެވެ އެވެ. އެމެރިކާ އަދި ޗައިނާއާއި ދެމެދުގައި ކުރިއަށް ދިޔަ ޓެކްނޮލޮޖީގެ ވާދަވެރިކަމުގެ ތެރޭގައި ދެ ގައުމަށް ނިސްބަތްވާ ގިނަ ކުންފުނިތަކުން ގިނަ އަދަދެއްގެ ސެމީކޮންޑަކްޓާސް ނުވަތަ ކޮމްޕިއުޓިން ޗިޕް ގަނެފައިވެ އެވެ. މީގެ ސަބަބުން އިތުރު ކުންފުނިތަކުން ހޯދަން ބޭނުންވާ ވަރަށް މި ވަސީލަތް ފޯރުކޮށްދެވިފަ އެއް ނުވެ އެވެ. ދެވަނަ ކަމަކަށް ފާހަގަކުރެވެނީ ކާރު އުފައްދާ އިންޑަސްޓްރީގެ ސަބަބުން ދިމާވި ދަތި ކަމެކެވެ.

ކޮވިޑް-19ގެ ހާލަތާއި ގުޅިގެން ދުނިޔޭގެ އެކި ކަންކޮޅުތަކަށް ގެނައި ފުރަބަންދުގެ ސަބަބުން އަދި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކާރު އުފައްދާ ބޮޑެތި ގިނަ ކުންފުނިތަކުން އެ ކުންފުނިތަކުގެ ފެކްޓަރީތައް ބަންދުކޮށް ކާރު އުފެއްދުމަށް ހުއްޓުމެއް ގެނަ އެވެ. މީގެ ސަބަބުން ޗިޕް އުފައްދާ ކުންފުނިތަކުން ކާރު އުފައްދާ ކުންފުނިތަކަށް ޗިޕް އުފެއްދުން ހުއްޓާލި އެވެ. އެކަމަކު އަންދާޒާ ކުރިވަރަށް ވުރެ އަވަހަށް ކުންފުނިތައް އަލުން ހުޅުވާ މަސައްކަތް ކުރިއައް ގެންދަން ފެށުމުގެ ސަބަބުން، ޑިމާންޑްއާއި އެއްވަރު ކުރަން ޗިޕް އުފައްދާ ކުންފުނިތަކަށް ދަތިތަކެއް ދިމާވި އެވެ. އަދި މީގެ ސަބަބުން އެހެން ޑިވައިސް އުފައްދާ އިންޑަސްޓްރީ ތަކަށް ވެސް ދަތިތަކެއް ދިމާވި އެވެ.

ތިންވަނަ ސަބަބަކީ މިހާރު ދުނިޔޭގެ ހުރިހާ އިންޑަސްޓްރީ ތަކަށް ވެސް ދިމާވެފައިވާ ދަތި އުދަގޫ ހާލަތެވެ. ކޮވިޑް-19ގެ ހާލަތުގެ ސަބަބުން މަސައްކަތް ކުރާ މީހުންގެ އަދަަދު ދައްކުރުމުގެ ސަބަބުން، ސެމީކޮންޑަކްޓާ އުފެއްދުމާއި ކޮންޑަކްޓާތަކަށް ބޭނުންވާ މާއްދާތައް ހޮވުމަށް ބޮޑު ހީނަރު ކަމެށް އައިސްފައިވެ އެވެ. އަދި މީގެ ސަބަބުން އިލެކްޓްރޯނިކް ޑިވައިސްތައް އުފައްދާ ފަރާތްތަކަށް ގިނަ އުނދަގޫ ތަކަކާއި ކުރިމަތިލާން ޖެހުނެވެ.

ސެމީ ކޮންޑަކްޓާ ނުލިބުމުގެ ސަބަބުން ވާނީ ކިހިނެއް؟

ސެމީ ކޮންޑަކްޓާ އަކީ އިލެކްޓްރޯނިކް ޑިވައިސްތައް އުފެއްދުމަށް މުހިއްމު އެއްޗަކަށް ވުމުގެ ސަބަބުން، ސެމީކޮންޑަކްޓާ ނުލިބުމުން މި ޑިވައިސްްތައް ހެދުމަށް ދަތިތަކަކާއި ކުރިމަތިލާން ޖެހޭނެ އެވެ. އަދި މިހާރު ވެސް ވަރަށް ބައިވަަރު އިންޑަސްޓްރީ ތަކަށް މިކަމުގެ ސަބަބުން ގެއްލުން ތަކެއް ވެފައިވެ އެވެ. އެންމެ ބޮޑަށް ފާހަގަކުރެވެނީ ކޮމްޕިއުޓާ ޑިވައިސް، މޮބައިލް ފޯން، ގޭމިން ކޮންސޯލްތައް އަދި ޓީވީ އުފައްދާ އިންޑަސްޓްރީ ތަކަށް ލިބުނު ގެއްލުމެވެ.

މި ޑިވައިސްތައް އުފެއްދުމުގެ ރޭޓު ދައްވުމުގެ ސަބަބުން، އާންމުން ބޭނުންވާ ވަރަށް މި ޑިވައިސްތައް ފޯރުކޮށްދެވޭ ގޮތް ވަނީ ނުވެފަ އެވެ. އަދި އުފެއްދުމުގެ ރޭޓް ދަށްވުމުގެ ސަބަބުން ގެއްލުން ފޫބެއްދުމަށްޓަކައި އެ ޑިވައިސްތައް މާކެޓްގައި ވިއްކަނީ ވެސް އަގު ބޮޑުކޮށެވެ. އެހެންކަމުން ސެމީކޮންޑަކްޓާސް ނުލިބުމުގެ ސަބަބުން، އިލެކްޓްރޯނިކް ޑިވައިސްތައް ލިބުން ދަތިވެ އަގު ބޮޑުވެފައިވެ އެވެ. އަދި މިކަމަށް ހައްލެއް އަންނަން ދެން މިގޮތަށް ކުރިއަށް ދާނެ އެވެ.

ސެމީކޮންޑަކްޓާ ނުލިބުމުގެ މައްސަލަ އަށް ހައްލެ އެބައޮތްތަ؟

ސެމީކޮންޑަކްޓާ އުފައްދާ ކުންފުނިތަކުން ދަނީ އެ ކުންފުނިތަކުގެ ޕްރޮޑަކްޝަން ރޭޓް ޑިމާންޑާއި އެއްވަރު ކުރުމަށް ގިނަ މަސައްކަތްތައް ކުރަމުންނެވެ. ނަމަވެސް ކޮވިޑްގެ މިހާލަތުގައި އަދިވެސް މިކަން ވެފައިވަނީ އުނދަގޫ ކަމަކަށެވެ. އެހެންކަމުން އަނބުރާ ކުރިން އޮތް ގޮތަށް ރުޖޫއަވާން އަދި ދުވަސްތަކެއް ނަގާފާަނެ ކަމަށް ކަމާ ބެހޭ ތަޖުރިބާކާރުން ލަފާ ކުރެ އެވެ.

ކޮވިޑް-19ގެ މިހާލަތުގެ ސަބަބުން އިލެކްޓްރޯނިކް ޑިވައިސްތަކަށް އޮތް ޑިމާންޑް ބޮޑުވެފައިވެ އެވެ. އަދި މި ޑިވައިސްތައް ލިބުން އުނދަގޫވެ އަގު ބޮޑުވެފައިވާއިރު، ސެމީކޮންޑަކްޓާ ނުލިބުމުގެ މައްސަލަ އަށް ހައްލެއް ލިބެން އަދި ދެ ވަރަކަށް އަހަރު ނަގާނެ ކަމަށް ލަފާކުރެވެ އެވެ.