ޔޫއެން

އާންމު މަޖިލީހުގެ ރައީސްގެ މަންދޫބަކަށް ތިލްމީޒާ

އދ. ގެ އާންމު މަޖިލީހުގެ 76 ވަނަ ރައީސް ކަމަށް އިންތިހާބުވެ ވަޑައިގެންނެވި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ ހާއްސަ މަންދޫބަކަށް ތިލްމީޒާ ހުސެން ހަމަޖައްސަވައިފި އެވެ.

ތިލްމީޒާއަކީ ރާއްޖެއިން އދ. އަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ވެސް މެއެވެ.

އާންމު މަޖިލީހުގެ ރައީސްގެ ޗެފް ޑި ކެބިނެޓްގެ މަގާމަށް ހަމަޖައްސައިފައި ވަނީ އެމްބެސެޑަރު ނަގަރާޖް ނައިޑޫ ކުމާރެވެ. އެ މަޖިލީހުގެ ރިޔާސަތުގެ އިންތިހާބު ކާމިޔާބު ކުރެއްވުމަށްފަހު އދ. ގެ އާންމު މަޖިލީހުގައި ތަގްރީރު ކުރައްވަމުން ޝާހިދު ވިދާޅުވެފައި ވަނީ އޭނާގެ ޓީމަކީ ޖިންސުގެ ހަމަހަމަކަން އޮންނަ އަދި ހުރިހާ ޖިއޮގްރަފިކަލް ސަރަހައްދުތައް ތަމްސީލް ކުރާ ޓީމަކަށް ވާނެ ކަމަށެވެ.

އެ ޓީމު ވާނީ އެކި ގައުމުތަކުގެ މައްޗަށް ބަހާލެވޭ ޓީމެއް ކަމަށާއި ތަރައްގީވެފައިވާ އަދި ތަރައްގީވަމުން އަންނަ ގައުމުތައް ވެސް އޭގެތެރޭގައި ހިމެނޭނެ ކަމަށް ވިދާޅުވި އެވެ.

ޝާހިދު ވަނީ މިހާރު ހިނގަމުންދާ އދ. ގެ އާންމު މަޖިލީހުގެ 75 ވަނަ ދައުރުގެ ރައީސް ވޮލްކަން ބޮޒްކިރް އާއި އިއްޔެ ބައްދަލު ކުރައްވާފަ އެވެ. މި ބައްދަލުވުމުގައި އިންތިހާބުގައި ލިބިވަޑައިގެންނެވި އެއްބާރުލެއްވުމަށް ޝުކުރު އަދާ ކުރައްވައި އަދި ކުރިއަށް ހުރި މަސައްކަތްތަކާބެހޭ ގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވި އެވެ.