އަހުމަދު މަހްލޫފު

ތުހުމަތު ކުރަނީ ސިޔާސީ ބަޔަކު އަޑީގައި ތިބެގެން، ބޭނުމަކީ މަގާމުން ދުރުކުުރުން: މަހުލޫފް

އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅުވައި ތުހުމަތު ކުރަނީ ސިޔާސީ ބަޔަކު އަޑީގައި ތިބެގެން، ބޭނުމަކީ މަގާމުން ދުރުކުުރުން ކަމަށް ސަސްޕެންޑް ކޮށްފައިވާ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ދެންމެ ކުރެއްވި ޓްވީޓްތަކެއްގައި ވިދާޅުވީ ހިޔާނާތުގެ ތުހުމަތުކޮށް ކަތިލިޔަސް އެމްއެމްޕީއާރުސީގެ މައްސަލަ ނިމުނީ ކަމަށް ރައްޔިތުން ނުދެކޭނެ ކަމަށެވެ. އަދި ތަކުރާރުކޮށް ތުހުމަތު ކުރާއިރު މަޑުން ނުހުންނަވާނެ ކަމަށް ވިދާޅުވިއެވެ.

މަހުލޫފް އެ އިޝާރާތް ކުރައްވަނީ އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅިގެން މީގެ ކުރިންވެސް ސަސްޕެންޝަނުގައި ބެހެއްޓި ބެހެއްޓުމަށެވެ. އެއީ ފެބްރުއަރީ 14، 2019 ގައެވެ. ނަމަވެސް އޭސީސީ އާއި ޕޮލިހުން އެއްވެސް މައްސަލައެއް ނެތްކަން ޔަގީން ކޮށް ދިނުމުން އޭޕްރީލް 16، 2019 ގައި މަހުލޫފްގެ ސަސްޕެންޝަން ނިމުމަކަށް ގެނެސް މަގާމުގެ މަސްއޫލިއްޔަތުތައް އަލުން ހަވާލު ކުރެއްވިއެވެ.

"ކަންބަޅިއެއްހެން ހަމައެކަނި އަޅުގަނޑު ކަތިލިޔަސް އެހިސާބުން އެމްއެމްޕީއާރުސީގެ މައްސަލަ ނިމުނީ ކަމަށް ރައްޔިތުން ދެކޭނެ ކަމަށް ހީކުރުމަކީ ގޯހެއް. ވަރުބަލިވެއްޖެ، އަޅުގަނޑަށްވެސް އަބަދު އަނގަބަންދު ކޮށްގެން ނުހުރެވޭނެ،" މަހުލޫފް ވިދާޅުވިއެވެ.

މަހުލޫފް ވިދާޅުވީ އެމްއެމްޕީއާރުސީގެ މައްސަލާގައި އޭނާއާމެދު އަމަލު ކުރަނީ ވަރަށް ޒާތީކޮށް ކަމަށާ އެއީ ސިޔާސީ ބަޔަކު އަޑީގައި ތިބެގެން ކުރާ ކަމެއްކަން އެނގިވަޑައިގަަންނަވާ ކަމަށެވެ. އަދި އޭގެ ބޭނުމަކީ މަގާމުން ވަކިކުރުން ކަމަށް ވިދާޅުވިއެވެ.

ފެށުނީއްސުރެވެސް އެމްއެމްޕީއާރުސީގެ މައްސަލައިގައި އަޅުގަނޑާމެދު އަމަލު ކުރަމުން އަންނަނީ ޒާތީކޮށް ސިޔާސީ ގޮތުން ކަތިލާ ކަންބަޅިއެއް ގޮތަށް. އެކަން ކުރަނީ ސިޔާސީ ބަޔަކު އަޑީގަތިބެގެންކަން އެންމެ އިސްވެރިންނަށް އެނގިވަޑައިގަންނަވާ. ބޭނުމަކީ ހަމައެކަނި މަގާމުން ވަކިކުރުން
އަހުމަދު މަހުލޫފް | ޔޫތު މިނިސްޓަރު

މަހުލޫފް ވިދާޅުވީ އޭނާ ހުންނެވީ މަގާމުގެ ބަގުޑި ބައްދައިގެން ހުންނަން ނޫން ކަމަށެވެ. އޭސީސީން ކޮށްފައިވާ ތުހުމަތުއް ގޯސް ކުރައްވާ ވިދާޅުވީ އެސްއީޑެޒް ބިލަށް ވޯޓް ދެއްވީ އޭޭރު ނިސްބަތްވަނީ ޕީޕީއެމްގެ މެންބަރަކަށްވާތީ ޕާޓީން ތްރީލައިން ވިޕެއް ނެރެފައި އޮތުމުން ކަމަށެވެ.

"އޭސީސީ އަށް ދައުވާ ކުރުމުގެ އެއްވެސް ގާނޫނީ ބާރެއް މި މައްސަލައިގަ ލިބިގެން ނުވޭ. އެކަން އެސެޓް ރިކަވަރީ ކޮމިޝަން އުފައްދަވަން ރައީސް ނެރުއްވި ގަރާރުން އަދި ރިޔާސީ ކޮމިޝަންގެ ގާނޫނުންވެސް ސާފު. މީގެކުރިން ދައުވާ އުފުލި އެންމެންގެ މައްސަލަތަށްވެސް ފޮނުވީ ކޮމިޝަނުން،" މަހުލޫފް ވިދާޅުވިއެވެ.

އަޅުގަނޑުގެ މައްސަލަވެސް ހަމަ ބަލަންވީ. އެކަމަކު އެކަން ކުރަން ވާނީ ގާނޫނީ އިމުގެ ތެރެއިން ތަފާތުނުކޮށް. ސިޔާސީ ނުފޫޒުން ބައެއް ނަންތައް އުނިކުރުމަށް ފަހުވެސް އެކުލަވާލާފައި އޮތް 300 މީހުންގެ ލިސްޓަކުންވެސް ކޮމިޝަނަށް ތިން އަހަރު ވީއިރު ފެނުނީ އަޅުގަނޑުގެ ނަން އެކަނިތޯ؟
އަހުމަދު މަހުލޫފް | ޔޫތު މިނިސްޓަރު

މަހުލޫފް ވިދާޅުވީ ގާނޫނާއި ގަވާއިދުގެ ތެރެއިން އަދި ކޮމިޝަނާއި ފުލުހާއި ޕީޖީ އޮފީސް އަދ އޭސީސީ އިން އަމިއްލައަށް ހަދައިގެން ތިބި އުސޫލުތަކާ ވެސް އެއްގޮތަށް ތަފާތުނުކޮށް މައްސަލަ ގެންދާނަމަ އެންމެ ދުވަހަކުވެސް މަގާމުގައި ނުހުންނަވާނެ ކަމަށެވެ.

އަދި ވިދާޅުވީ ހެކި ކަމަށް ބުނެ ހޯދާފައިވާ ބައެއް ތަކެތި އަދި ބަޔާނަކީ ރާއްޖެ އާއި ލަންކާގެ ގާނޫނުތަކާއި ހިލާފަށް ހޯދާަފއިވާ އަދި ނަގާފައިވާ ހެކިތަކެއް ކަމަށާ އެއީ ކޯޓަށް ބަލައިގަންނާނެވެސް ހެކިތަކެއް ނޫން ކަމަށެވެ. ނަމަވެސް އެކަމުގެ ތަފްސީލަށް ދާން މިވަގުތު ބޭނުން ނުވާ ކަމަށެވެ.