އެމްޑީޕީ

ގައުމީ މަޖިލީހުގެ 100 މެންބަރުންގެ ވޯޓާއެކު ކޮމެޓީ އުފައްދައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަ ކޮށްލަން ދިން ހަމަލާއާ ގުޅިގެން ކުރިއަށް ގެންދާ ތަހުގީގަށް ފާރަވެރިވުމަށް ހާއްސަ ކޮމެޓީއެއް އުފައްދައިފި އެވެ. މި ކޮމެޓީ އުފެއްދީ މިރޭ އެމްޑީޕީން ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ ބައްދަލްވުމުގައެވެ.

"މޭ ހައެއް ކޮމެޓީ" ގެ ނަމުގައި އުފެއްދި ކޮމެޓީއަކީ އުނގުފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު ހުށައަޅުއްވާ ފެންކުންފުނީގެ ޗެއާމަން އަދި މަކުނުދޫ ދާއިރާގެ ރައީސް އަހުމަދު މައުސޫމް ތާއީދު ކުރައްވާ ހުށައެޅުއްވި ހުށައެޅުއްވުމަކަށް އުފެއްދެވި ކޮމެޓީ އެވެ.

މި ކޮމެޓީގައި ފަސް މެންބަރުން ތިއްބަވަ އެވެ. އެއީ ރައީސް މުހައްމަދު ނަޝީދުގެ ފަރާތްޕުޅުން މެންބަރަކާއި ވިލުފުށީ ދާއިރާގެ މެންބަރު އަދި ކުރީގެ މެންބަރު ހަސަން އަފީފް އާއި ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު އާއި ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުއިއްޒު އާއި ކުރީގެ ޑިފެންސް މިނިސްޓަރު އަމީން ފައިސަލް އެވެ.

ކޮމެޓީ އުފައްދަން ވަހީދު ހުށައެޅުއްވި ގަރާރުގައި ބުނެފައިވަނީ މޭ ހައެއްގެ ހަމަލާއާ ގުޅިގެން ކުރިއަށް ގެންދާ ތަހުގީގުތަކާއި އަދި އެކަމާއި ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތަކާއި ކުރަންޖެހޭ މަސައްކަތް ގާތުން ބަލައި ފާރަވެރިވަމުން ގެންދިޔުމަށެވެ.

މި ގަރާރަށް ގައުމީ މަޖިލީހުގެ ގިނަ މެންބަރުން ވާހަކަ ދެއްކެވިއެވެ. އަދި މިއަދާ ހަމައަށް 36 ދުވަސްވީއިރު އެ ހަމަލާގެ ފުނަށް ދެވިފައި ނުވާ ކަމަށް ވިދާޅުވެ ބައެއް މެންބަރުން ފާޑުވިދާޅުވިއެވެ.

ބައެއް މެންބަރުން ވަނީ މެއި ހައެއްގެ ހަމަލާގެ ތަހުގީގު ކުރިއަށްދާއިރު ހުރިހާ ގޮތަކުން އެމްޑީޕީ މި މައްސަލައިގެ ތެރެއަށް ވަންނަން ޖެހޭ ކަމަށް ވިދާޅުވެފައެވެ. އަދި ރައީސް ނަޝީދަށް އަމާޒުކުރި ޓެރަރިސްޓް ހަމަލާއަށް އިންސާފު ލިބިދާނެ ކަމާމެދު ސުވާލު އުފައްދާ ބައެއް މެންބަރުން ވާހަކަ ދެއްކވިއެވެ.

ވަހީދުގެ ހުށައެޅުން ފާސްކުރަން ގައުމީ މަޖިލީހުގެ 100 މެންބަރުން ވޯޓް ދެއްވިއެވެ. 8 މެންބަރަކު ވޯޓް ނުދެއްވާ ތިއްބެވިއެވެ. ފާސްކުރަން ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓް ދެއްވާފައެއް ނުވެއެވެ. އެ ވޯޓަށް ފަހު ކޮމެޓީގެ މަސައްކަތްތައް ހަފްތާއަކު އެއް ފަހަރު ގައުމީ މަޖިލީހަށް ހުށައަަޅަން ޖެހޭ ގޮތަށް ހުށައެޅި އިސްލާހެއްވެސް ގައުމީ މަޖިލީހުން ވަނީ ފާސްކޮށްފައެވެ.

މިރޭގެ ހުށައެޅުން ފާސްވުމާއި ގުޅިގެން ވާހަކަދައްކަވަމުން ބައްދަލްވުމުގެ ރިޔާސަތު ބެލެހެއްޓެވި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވީ މިރޭ ފާސްކުރެވުނީ ވަަރަށް މުހިންމު ގަރާރެއް ކަމަށާ ގަރާރު ހުށައެޅުއްވި މެންބަރާއި ތާއީދު ކުރެއްވި މެންބަރު އަދި ވޯޓް ދެއްވި ހުރިހާ މެންބަރުންނަށް ޝުކުރު ދަންނަވާ ކަމަށެވެ.

މެެއި ހައެއްގެ ހަމަލާއާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުން ކުރިއަށް ގެންދާ ޕާލިމަންޓްރީ އިންކުއަރީއަށް ސަރުކާރުން ހުރަސް އަޅުއްވާ ކަމަށްވެސް ބައެއް މެންބަރުން ވިދާޅުވިއެވެ. ނަޝީދު އަވަހާރަ ކޮށްލަން ހަމަލާއެއް ދިން އިރު ސިފައިން ދެމުން ދިޔަ ސެކިޔުރިޓީ ބްރީޗްވި ގޮތް ބަލާ އިންކުއަރީއަށް ވަކިވަކި ސިފައިން ކޮމެޓީއަށް ހާޒިރު ނުކުރެވޭނެ ކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން އެންގި އެންގުމުގައި ސޮއި ކުރައްވާފައިވާ ޑިފެންސް މިނިސްޓްރީގެ ނައިބު ހަސަން ޒަމީލުގެ މައްސަލަ ބަލައިދިނުމަށް އެދި ރައީސް ނަޝީދު ހުށައެޅުއްވި މައްސަލަ އިމްތިޔާޒު ކޮމެޓީން ބޭރު ކޮށްލުމަށް ނިންމި ނިންމުމުގައި އެމްޑީޕީގެ ބައެއް މެންބަރުން ބައިވެރިވެވަޑައިގެންފައިވާތީ އެކަމަށްވެސް ބައެއް މެންބަރުން ވަރަށް ބޮޑަށް ފާޑުވިދާޅުވިއެވެ.

ކޮމެޓީން މައްސަލަ ބޭރުކޮށްލެއްވުމަށް ވޯޓް ދެއްވި އެމްޑީޕީގެ މެންބަރުންނަކީ މިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާ އާއި ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސަނީފާއި ކޮމަންޑޫ ދާއިރާގެ މެންބަރު ހުސެއިން ވަހީދުގެ އިތުރުން ގަމު ދާއިރާގެ މެންބަރު މުހައްމަދު ވިޝާމެވެ.