މޯލްޑިވްސް ޕޮލިސް ސާވިސް

އެތައް ބައެއްގެ ޒާތީ މައުލޫމާތު ވިއްކަމުންދާ ގުރޫޕެއްގެ މައްސަލަ ބަލަން ފަށައިފި

އެތައް ބައެއްގެ ޒާތީ މައުލޫމާތު ވިއްކަމުންދާ ގުރޫޕެއްގެ މައްސަލަ ބަލަން ފަށައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު މަބުރޫކް އަޒީޒު ވިދާޅުވީ ސޯޝަލް މީޑިއާގައި ފަރުދުންގެ ޒާތީ މަޢުލޫމާތު ވިއްކުމަށް މަސައްކަތްކުރަމުންދާ ގްރޫޕެއްގެ މައްސަލަ ފުލުހުން ބަލަަން ފަށާފައިވާ ކަމަށެވެ. މަބުރޫކް ވިދާޅުވީ ކުރިއަށް ހުރި ވަގުތުތަކުގައި މި މައްސަލައިގެ އިތުރު ތަފްސީލު ހާމަކުރަމުން ގެންދާނެ ކަމަށެވެ.

އެނގިފައިވާ ގޮތުގައި ދިވެހި އަންހެންގެ ޒާތީ މައުލޫމާތާއި ފޮޓޯ އަދި ސޯޝަލް މީޑީއާގެ އެކި އެކައުންޓްތަކުގެ މައުލޫމާތު އެ ގުރޫޕުން ދަނީ ވިއްކަމުންނެވެ. 500 ވުރެ ގިނަ މީހުން ތިބި އެ ޓެލެގްރާމް ޕޭޖް ހިންގާ މީހާގެ މައުލޫމާތުވެސް ބައެއް ފަރާތްތަކުން މިއަދު ވަނީ އާންމުކޮށްފައެވެ.

އަދި ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގެ ސަމާލު ކަމަށްވެސް އެކަން ގެނެސްފައިވެއެވެ. ނަމަވެސް މި މައްސަލައާ ގުޅޭގޮތުން ފުލުހުން އަދި ވަކި އެއްޗެއް ނުބުނެއެވެ. މަބުރޫކް ވިދާޅުވީ ފުލުހުން މައުލޫމާތު ހާމަކުރަމުން ގެންދާނެ ކަމަށެވެ.