ނަޝީދަށް އަމާޒު ކުރި ހަމަލަ

ހަމަލާގެ ހަގީގަތް ހޯދޭނެ ކަމާމެދު ޝައްކެއް ނެތް: ޝިހާބް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަ ކޮށްލަން މިދިޔަ މަހުގެ ހަވަނަ ދުވަހުގެ ރޭ ޓެރަރިސްޓް ހަމަލާގެ ފުނަށް ވާސިލުވޭނެ ކަމާމެދު ޝައްކު ނުކުރައްވާ ކަމަށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު އަދި އެޑްވައިޒަރު ޓު ދަ ޕްރެޒިޑެންޓް މުހައްމަދު ޝިހާބު ވިދާޅުވެއްޖެ އެވެ.

ޝިހާބު މިހެން ވިދާޅުވީ އެމްޑީޕީން މިރޭ ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. އެމްޑީޕީގެ ގައުމީ މަޖިލީހުގެ މިރޭގެ ބައްދަލްވުމަކީ ރައީސް މުހައްމަދު ނަޝީދު އަވަހާރަ ކޮށްލަން ދިން ހަމަލާއާ ގުޅިގެން ކުރިއަށް ގެންދާ ތަހުގީގަށް ފާރަވެރިވުމަށް ހާއްސަ ކޮމެޓީއެއް އުފެއްދުމަށް ހުށައަޅާ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު ހުށައެޅުއްވި މައްސަލައާއި ގުޅިގެން ބޭއްވި ބައްދަލްވުމެކެވެ.

އޮންލައިންކޮށް ކުރިއަށް ގެންދިޔަ މި ބައްދަލްވުމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސްކަންވެސް ކުރެއްވި މުހައްމަދު ޝިހާބު ވިދާޅުވީ ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާއާ ގުޅިގެން ސަލާމަތީ ހިދުމަތްތަކުން ކުރަމުންދާ މަސައްކަތް ރެއާ ދުވާލު ކުރިއަށް ގެންދަވާނެ ކަމަށް ޔަގީން ކުރައްވާ ކަމަށެވެ.

މިހާރު އޮތީ އެމްޑީޕީގެ ސަރުކާރެއް ކަމަށާ އަދި ގާނޫނު އަސާސީ އިސްލާހު ކުރެވޭނެ ފަދަ މެޖޯރިޓީއެއް އެމްޑީޕީގައި އޮތުމުން މި މައްސަލައިގެ ހަގީގަތް ހޯދޭނެ ކަމާމެދު އެއްވެސް ޝައްކެއް ނުކުރައްވާ ކަމަށް ޝިހާބު ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ވެރިކަމެއްގައި އަޅުގަނޑުމެންގެ މެޖޯރިޓީ މަޖިލީހުގައި އޮތް ދުވަސްވަރެއްގައި މިކަމަށް އިންސާފު ހޯދޭނެ ކަމާމެދު އެއްވެސް ޝައްކެއް އަޅުގަނޑު ނުކުރަން،" ޝިހާބު ވިދާޅުވިއެވެ.

ޝިހާބު ވިދާޅުވީ އެ މަސައްކަތުގައި އެއްވެސް މެންބަރަކު ފަހަތަށް ޖެހިގެން ނުވާނެ ކަމަށާ ސަރުކާރުވެސް އަދި އެމްޑީޕީވެސް އެ ގޮތުގައި އޮންނަން ޖެހޭ ކަމަށެވެ. ހައެއް މެއިގެ ހަމަލާގެ ހަގީގަތް ހޯދަން ޖެހޭ ކަމަށްވެސް ތަކުރާރުކޮށް ވިދާޅުވިއެވެ.

ރައީސް ނަޝީދު އަވަހާރަކޮށްލުމަށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން ރައީސް ނަޝީދުގެ އާއިލާގެ ބައެއް ބޭފުޅުންނާއި އެމްޑީޕީގެ ބައެއް މެންބަރުންވެސް ގެންދަނީ ތަފާތު ވާހަކަތައް ދައްކަވަމުންނެވެ.

ތަހުގީގުގެ ސްޕީޑާމެދު ފާޑުކިޔުން އޮތްއިރު ހަމަލާ އަމާޒުކުރެވުނީ އިހުމާލުވުމުގެ ސަބަބުން ކަމަށްވެސް ތުހުމަތު ކުރަމުންދެ އެވެ. ރައީސް ނަޝީދުގެ ދަރިކަނބަލުންނާއި އާއިލާގެ ބައެއް ބޭފުޅުން ވަނީ ސަރުކާރުގެ ބައެއް ވެރިންނަށް ފާޅުގައި ތުހުމަތުގެ އިނގިލި ދިއްކުރައްވާ ވާހަކަދައްކަވާފަ އެވެ.

ގައުމީ މަޖިލީހުގެ ބައެއް މެންބަރުން މިރޭވެސް ވަނީ އެ މޭރުމުން ވާހަކަ ދައްކަވާފައެވެ.