ދީން

ދޮގު ހެދުމުގެ އުގޫބާތް

މިއުއްމަތަކީ އެއްމެ ފަހުގެ އުއްމަތެވެ. މިއުއްމަތުގެ ނަބިއްޔާ صلى الله عليه وسلم އަކީ އެންމެ ފަހުގެ ނަބިއްޔާއެވެ. އެކަލޭގެފާނު ފޮނުވުން އެއީވެސް ޤިޔާމަތުގެ ޢަލާމާތެކެވެ. ޤިޔާމަތުގެ ކުދި ޢަލާމަތްތަކަކާއި ބޮޑެތި ޢަލާމަތްތަކެއްވެއެވެ. އެކަންކަންވަނީ އިސްލާމް ދީނުގައި ވަރަށް ސާފުކޮށް ބަޔާންކޮށްދެއްވާފައެވެ. އެގޮތުން، ޤިޔާމަތް ކައިރިވުމުގެ ވަގުތު ޖެހުމުން ފާޅުވާ ކުދި ޢަލާމާތްތަކުގެ ތެރޭގައި، ދޮގާ މަކާރާއި ހީލަތް އާއްމުވުން ހިމެނެއެވެ. މިއަދު އަޅުގަނޑުމެންނަށް ފެންނަމުން މިދަނީވެސް އެފަދަ ދުވަސްތަކެކެވެ.

ބަސްބުނުމުގެ މިނިވަންކަން އިންތިހާއަށް ގޮސްވައިވާ ދުސްވަރެކެވެ. އެމީހަކު ހިތުހުރި އެއްޗެއް، އެމީހަކު އެދޭގޮތަކަށް ކިޔައި ގޮވަނީއެވެ. ދޮގެއް ތެއްދެއް ބެލުމެއްނެތި، ހިތަށް އެރި ކޮންމެ ވާހަކައެއް، ދާދި ފަސޭހަކަމާއެކު ބުނެލާފަ ދޫކޮށްލަނީއެވެ. ވަކިން ޚާއްޞަކޮށް، ޒަމާނީ މުވާސަލާތުގެ ވަޞީލަތްތައް މިހާ ކުރިއަރާފައިވާ ޒަމާނެއްގައި، އިޖްތިމާޢީ ވިއުގަތަކުގެ ތެރޭގައި ކޮންމެ މީހަކަ ބޭނުން ކޮންމެ އެއްޗެއް ބުނުމުގެ ފުރުޞަތު މިވަނީ ނުހަނު ފަހިވެފައެވެ.

ވިސްނާނުލާ ދުލުން ބުނާ ނުރަނގަޅު ބަސްތަކުގެ ސަބަބުން ގިނަ ބަޔަކު މޫނުވަތަށް ނަރަކައަށް އެއްލައިލެވޭނޭ ކަމުގައި ކީރިތި ރަސޫލާ صلى الله عليه وسلم ވަނީ ޙަދީޘް ކުރައްވާފައެވެ. ހަމައެފަދައިން، ކޮންމެ މީހަކު ބުނާ ކޮންމެ ބަހެއްވެސް ލިޔުއްވާ މަލާއިކަތުންތަކެއް ވާކަމުގައި ވަނީ އަންގަވާފައެވެ. މިޒަމާނަށް ވިސްނާއިރު، ވާހަކަ ދެއްކުމުގެ ވަސީލަތް ބަދަލުވެފައިވީނަމަވެސް، އޮންލައިން ޕުލެޓްފޯމްތަކާއި، ސޯޝަލް މީޑިޔާގެ ވަޞީލަތްތަކުގައި ވާހަކަ ދެއްކި ކަމުގައިވިޔަސް ދޮގު ހެދުމާއި ދޮގު ފެތުރުމަކީ އޭގެ ނުރައްކާތެރިކަން ބޮޑު ކަމެކެވެ. މި ލިޔުމުގައި އަޅުގަނޑު މި ބަލާލަނީ ދޮގު ހެދުމުގެ ނުބައިކަމުގެ މައްޗަށެވެ.

ދޮގު ހެދުމުގެ ސަބަބުން ދުނިޔެ މަތީގައި ދޮގުވެރީންނަށް ހުރި ޢުޤޫބާތްތަކެވާ ކަމުގައި ދަންނަބޭކަލުން ދެކެލައްވައެވެ. ދޮގު ހެދުމަކީ ހުރިހާ ނުބައިކަމެއްގެ މުލެވެ. ހުރިހާ ނުބައިކަމެއްގެ އަޞްލު ގުޅިފައިވަނީ ދޮގުވެރިކަމާއެވެ. އިބްނުލް ޤައްޔިމު رحمه الله ގެ ވިދާޅުވެފައިވެއެވެ. "މާތް ﷲ ވަޙީކުރައްވާފައިވާ މިބަސްފުޅު ﴿ إِنَّ الْأَبْرَارَ لَفِي نَعِيمٍ * وَإِنَّ الْفُجَّارَ لَفِي جَحِيمٍ ﴾ (الانفطار: 13، 14) މާނައީ: "ހަމަކަށަވަރުން، ހެޔޮލަފާ މީހުންވަނީ، ނިޢްމަތުގެ ސުވަރުގޭގައިކަން ކަށަވަރެވެ. * އަދި ހަމަކަށަވަރުން، ކާފިރުންވަނީ، ނަރަކައިގައިކަން ކަށަވަރެވެ." މި އާޔަތުގައި މިވާ ނިޢުމަތާއި ޢަޒާބަކީ ހަމައެކަނި ސުވަރުގެ އާއި ނަރަކައިގެ ވާހަކަ އެކަންޏެއް ނޫނެވެ. އަދި ކިއެއްތަ! އެއީ އިންސާނާގެ ތިން ގޮވަތީގައި އޭނާއަށް ލިބޭ ނިޢުމަތް ނުވަތަ ޢަޒާބުގެ ވާހަކައެވެ. އެއީ، ދުނިޔޭ އާއި ބަރުޒަޚުގެ ޢާލަމުގައާއި، އަބަދަ ދެމިގެންވާ އާޚީރަތުގެ ގޮވަތީގައެވެ. ހެޔޮ މީހުންވަނީ މި ތިން ގޮވަތީގައިވެސް ނިޢުމަތުގައެވެ. އަދި ނުބައިކަމުގެ އަހުލުވެރިންވަނީ މި ތިން ގޮވަތީގައިވެސް ޢަޒާބުގައެވެ."

ދޮގުވެރީންނަށް ދުނިޔެ މަތީގައި ކުރިމަތި ކުރައްވާ ޢުޤޫބާތުގެ ތެރޭގައި ޢިލްމުވެރިން އެތައް ކަމެއް ބަޔާންކުރައްވާފައެވެ. އޭގެ ތެރޭގައި؛

* އެކެއް: ދޮގުވެރީންނަށް ނަފްސުގެ ރާހަތު ލިބުމެއް ނުވެއެވެ. ހިތްހަމަ ޖެހުމުން އެބައިމީހުންވަނީ މަޙުރޫމުވެފައެވެ. ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވެއެވެ. «دَعْ مَا يَرِيبُكَ إِلَى مَا لَا يَرِيبُكَ، فَإِنَّ الصِّدْقَ طُمَأْنِينَةٌ، وَإِنَّ الكَذِبَ رِيبَةٌ» رواه النسائي والترمذي މާނައީ: "ކަންކަމުގައި ތިބާއަށް ޝައްކުވާ ކަންތައްތައް ދޫކޮށްލައި، ޝައްކުނުވާ ކަންކަމުގައި ހިފާށެވެ! ހަމަކަށަވަރުން، ތެދުވެރިކަމަކީ ހިތް ހަމަޖެހުމެކެވެ. އަދި ދޮގަކީ ޝައްކުއުފެދޭ ކަމެކެވެ."

މި ޙަދީޘުން އެނގޭގޮތުގައި ދޮގަކީ ޝައްކާ، ނުތަނަ ވަހުމުތައް ހިތުތެރޭ އުފައްދާ އެއްޗެކެވެ. އަދި ހިތްހަމަ ޖެހުމުން މަޙުރޫމު ކުރުވާ ކަމެކެވެ. ބައެއް ދަންނަ ބޭކަލުންގެ ބަސްތަކުގައިވެއެވެ. "ދޮގަކީ ހުރިހާ ނުބައިކަމެއް އޭގައި އެކުވެފައިވާ ކަމެކެވެ. އަދި ނުބައި ހުރިހާ ކަމެއްގެ އަސާސެވެ. ދޮގުވެރިކަމުގެ ނިމުމަކީ ނުބައި ނިމުމެކެވެ. ދޮގު ހެދުމުގެ ނަތީޖާއަކީ ނުބައި ނަތީޖާއެކެވެ. އެހެނީ ދޮގުވެރިކަމުން އުފެދެނީ ދޭތެރެ ޖެއްސުމާއި ފިތުނައެވެ. މި ފިތުނަތަކުގެ ސަބަބުން މީސްތަކުން މެދުގައި ރުޅިވެރިކަން އުފައްދައި، އެ ރުޅިވެރިކަން ޢަދާވާތްތެރިކަމަށް ބަދަލުވެގެން ދެއެވެ. މީސްތަކުންގެ މެދުގައި ޢަދާވާތްތެރިކަން ޢާއްމު ވެއްޖެނަމަ، ހަމަޖެހުންގެއްލިގެން ދެއެވެ."
އިބްނުލް ޤައްޔިމު رحمه الله ވިދާޅުވެފައިވެއެވެ. "ހިތުގެ ހަމަޖެހުމަށްވުރެ ބޮޑު ނިޢުމަތެއްވޭ ހެއްޔެވެ! އަދި ހިތުގެ ޢަޒާބަށްވުރެ ބޮޑު ޢަޒާބެއް ވޭހެއްޔެވެ! ބިރުވެރިކަމާއި، ކަންބޮޑުވުމާއި، ހިތާމައާއި، ހިތް ނުތަނަވަސް ކަމާއި، ﷲ ގެ މަގުން އެއްކިބާވެ، އެއިލާހު ފިޔަވައި އެހެން ފަރާތަކަށް ލެނބި، މާތް ﷲ އާއި ތިމާއާ ދެމެދުގައި ހުރަސްތަކެއް އެޅި، އާޚިރަތުގެ ހެޔޮކަން ހޯދުމުން އެއްކިބާ ކުރުވަނިވި ކަމަކަށްވުރެ ބޮޑުވެގެން ޢަޒާބެއް ކޮބައިހެއްޔެވެ! މާތް ﷲ ފިޔަވައި އެހެން ފަރާތަކަށް ހިތް ލެނބިއްޖެނަމަ ތިން ފަހަރުގެ މަތީން ޢަޒާބު ދެއްވޭ ހުއްޓެވެ." (އެބަހީ: ދުނިޔޭގަ އާއި ކަށްވަޅުގައާއި އާޚިރުތުގައިވެސް ޢަޒާބު ލިބޭ ހުއްޓެވެ.)

އިބްނުލް ޤައްޔިމު رحمه الله ގެ މިބަސްފުޅުތަކުގައި އެވާ ވާހަކަތައް ކީރިތި ޤުރްއާނުގައި މާތް ﷲ ވަނީ އަންގަވާފައެވެ. އެއިލާހު ވަޙީކުރައްވާފައިވެއެވެ. ﴿ وَمَنْ أَعْرَضَ عَن ذِكْرِي فَإِنَّ لَهُ مَعِيشَةً ضَنكاً وَنَحْشُرُهُ يَوْمَ الْقِيَامَةِ أَعْمَى﴾ (طه 124) މާނައީ: "އަދި ތިމަންރަސްކަލާނގެ ހަނދުމަކުރުމުން އެކިބާވެ ފުރަގަސްދީފިމީހާ ދަންނާށެވެ! ފަހެ، ހަމަކަށަވަރުން، އެމީހަކަށް އޮތީ، ދަތި ދިރިއުޅުމެކެވެ. އަދި ޤިޔާމަތް ދުވަހުން އެމީހަކު ކަނުމީހެއްގެ ގޮތުގައި މަޙުޝަރަށް ފޮނުއްވާހުށީމެވެ."

* ދޭއް: ދޮގަކީ ހިތުގެ ބަލިމަޑުކަންޖައްސާ ކަމެކެވެ. ހިތުގެ ބަލިމަޑުކަމެއް ޖެހިފައިވާ މީހަކަށް ހަމަޖެހުމެއް ނުލިބޭނެތެވެ. މިކަން ވަރަށް ސާފުކޮށް ބަޔާންކުރައްވައި ވަޙީކުރައްވާފައިވެއެވެ. ﴿ وَمِنَ النَّاسِ مَنْ يَقُولُ آمَنَّا بِاللَّهِ وَبِالْيَوْمِ الْآخِرِ وَمَا هُمْ بِمُؤْمِنِينَ * يُخَادِعُونَ اللَّهَ وَالَّذِينَ آمَنُوا وَمَا يَخْدَعُونَ إِلَّا أَنْفُسَهُمْ وَمَا يَشْعُرُونَ * فِي قُلُوبِهِمْ مَرَضٌ فَزَادَهُمُ اللَّهُ مَرَضًا وَلَهُمْ عَذَابٌ أَلِيمٌ بِمَا كَانُوا يَكْذِبُونَ ﴾ (البقرة 8 – 10) މާނައީ: " އަދި ﷲ އާއި އާޚިރަތް ދުވަހަށް އީމާންވެއްޖައީމޭ ބުނެއުޅޭ ބަޔަކުވެސް މީސްތަކުންގެ ތެރެއިންވެއެވެ. އެބައިމީހުން މުއުމިނުންކަމުގައި ނުވެއެވެ. * ﷲ އަށާއި އީމާންވި މީހުންނަށް، އެމީހުންހިތުން، އޮޅުވައިލަނީއެވެ. އެ އޮޅުވައިލަނީ، އެމީހުންގެ އަމިއްލަ ނަފްސަށްކަމުގައި މެނުވީ ނުވެއެވެ. އެކަންވެސް އެމީހުންނަށް އިހުސާސެއްނުވެއެވެ. * އެބައިމީހުންގެ ހިތްތަކުގައި ވަނީ ނިފާގުގެ ބަލިމަޑުކަމެކެވެ. ދެން، ﷲ، އެބައިމީހުންގެ ބަލިމަޑުކަން އިތުރުކުރެއްވިއެވެ. އަދި ދޮގުހަދައި އުޅުނަތީވެ، އެބައިމީހުންނަށް ހުރީ ވޭންދެނިވި އަޒާބެކެވެ."

ވީމާ، ދޮގުހަދާ މީހަކީ ހިތުގެ ބަލިމަޑުކަމެއްގައިވާ މީހެކެވެ. އެހެނީ ދޮގުވެރިކަމުގެ އިދިކޮޅަކީ ތެދުވެރިކެމެވެ. ތެދުވެރިކަން މަގުދައްކަނީ ހެޔޮ ކަމަށެވެ. ހަމައެފަދައިން، ދޮގުވެރިކަން މަގުދައްކަނީ ނުބައި ކަންތަކަށެވެ. ވިޔާނުދާ ނުރަނގަޅު ޢަމަލުތަކުގެ މަތީގައިވާ މީހާވަނީ ކެކުޅުތަކާއި ނަފްސާނީ ވޭންތަކެއްގެ ތެރޭގައެވެ. ނަމަވެސް އޭނާގެ ނުބައިކަންކަމަށް އަމުރުކުރާ ނަފްސު، އެކަންކަން އޭނާއަށް ވިސްނައިދެނީ އުފާވެރިކަމެއްގެ ގޮތުގައެވެ.

* ތިނެއް: ދޮގުވެރިކަމަކީ ރިޒުޤު ބަންދުކުރައްވާ ކަމެކެވެ. އަދި ރޯދިބަރަކާތް އުނިކުރައްވާ ކަމެކެވެ. ބައެއް ރިވާޔަތްތަކުގައިވެއެވެ. މައިންބަފައިންނަށް ހެޔޮކޮށް ހިތުމަކީ އުމުރު ދަންމަވާ ކަމެކެވެ. އަދި ދޮގަކީ ރިޒިޤު އުނިކުރައްވާ ކަމެކެވެ. ދޮގާ މަކަރާއި ހީލަތުގެ ސަބަބުން ބަރަކާތް ނެތިގެން ދެއެވެ. ވިޔަފާރީގައި އޮޅުވާލައި ދޮގުހަދާ މީހާގެ ބަރަކާތް ކެނޑިގެން ދެއެވެ. އެމީހުންގެ އަތުގައިވާ މުދަލާ ފައިސާ ގިނައެއްކަމަކު، އެތަކެތީން ވަނީ ބަރަކާތް ނެތިގޮއްސައެވެ. އެކަމުގެ ސަބަބުން އެމުދަލުން އޭނާއަށް ލިބޭ ހިތް ހަމަޖެހުމެއް ނޯވެއެވެ. އަދި އެމުދަލުގެ މަންފާ މަދެވެ.

* ހަތަރެއް: ދޮގުވެރިކަމަކީ މީސްތަކުންގެ ނަފުރަތު ލިބޭ ކަމެކެވެ. ދޮގު ހެދުމުގައި ދެމިހުރެއްޖެ މީހާ، މީސްތަކުންގެ މެދުގައި ދޮގުވެރިއެއްގެ ގޮތުގައި އެނގިގެންދެއެވެ. އަދި މީސްތަކުންގެ ކުރިމަތީގައި އޭނާގެ އަގުވެއްޓެއެވެ. އޭނާގެ ބަސް ގަބޫލު ނުކުރެވޭ މީހެއްކަމުގައި ވެގެންދެއެވެ.

* ފަހެއް: ދޮގުވެރިކަމަކީ ހިދާޔަތުން މަޙުރޫމު ކުރުވާ ކަމެކެވެ. މާތް ﷲ ވަޙީކުރައްވާފައި ވެއެވެ. ﴿ إِنَّ اللَّهَ لَا يَهْدِي مَنْ هُوَ مُسْرِفٌ كَذَّابٌ ﴾ (غافر 28) މާނައީ: "ހަމަކަށަވަރުން، އިސްރާފުކުރާ ބޮޑުދޮގުވެރިޔެއްކަމުގައިވާ މީހަކަށް، اللَّه ތެދުމަގެއް ނުދައްކަވާނެތެވެ."

މިއާޔަތުގައި މިވާ އިސްރާފު ކުރުމޭ އޮތް ބަސްފުޅުގެ މާނައަކީ، މާތް ﷲ ކަނޑައަޅުއްވާފައިވާ އިންތަކުން ބޭރުވެ، ޙައްޤު ދީނަށް އިންކާރުކުރުމުގައި ހައްދުފަހަނައަޅާ ގޮސްފައިވުމެވެ. ތެދުމަގު ދޫކޮށް ބާޠިލު ކަންކަމުގެ މައްޗަށް ދެވިހިފާފައިވާ މީހާގެ ވާހަކައެވެ. އޭނާގެ ނުބައި އަމަލުތަކާއި ދޮގުވެރިކަމާއި، ޙައްޤަށް އިންކާރު ކުރުމުގައި ދެމިހުރުމުގެ ސަބަބުން އޭނާއަށް ތެދުމަގު ދެއްކެވުމުން މާތް ﷲ ވަނީ އޭނާ މަހުރޫމު ކުރައްވާފައެވެ.

ދޮގުވެރިކަމާއި، އަދި އެނޫން ފާފަތަކުގެވެސް އެންމެ ބޮޑު ޢުޤޫބާތަކީ، ދުނިޔެ މަތީގައި އެމީހަކަށް ނުބައި ކަންކަން ޒީނަތް ތެރިކޮށްދެއްވުމެވެ. އެފަދަ މީހަކަށް ނުބައި ޢަމަލުތައް ފެންނާނީ އެންމެ ހެޔޮ ގޮތް ކަމުގައެވެ. އަދި މާތް ﷲ ގެ މަގުން އެއްކިބާވެފައިވުން އެއީ އޭނާއަށް ލިބިފައިވާ އަބާއްޖަވެރިކަމެއް ކަމެއްކަމުގައި އެނާއަށް އިހުސާސް ނުކުރެވޭނެއެވެ. މިއަށްވުރެ ބޮޑު ޢުޤޫބާތެއް ކޮބައިތޯއެވެ!

ވީމާ، ދޮގުވެރިކަމުން އެއްކިބާވެ، ތެދުބުނާ މީހެއްކަމުގައި ވުމަށް މަސައްކަތް ކުރާށެވެ. އެހެނީ ތެދުވެރިކަން މަގުދައްކަނީ ހެޔޮ ކަމަށެވެ. ދޮގުވެރިކަން މަގުދައްކަނީ ނުބައި ކަމަކެވެ. އަދި ނުބައި އަމަލުތަކުގެ ނަތީޖާއަކީ އާޚިރަތުގައި ނަރަކައިގެ ޢަޒާބެވެ.