ޓެކްސް

ބޭރު ކުންފުނިތަކަށް ވިތުހޯލްޑިން ޓެކްސް ކަނޑާލާތީ ކަންބޮޑުވެއްޖެ

އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހުތަކުގެ ސަބަބުން ދިވެހި ކޮންސްޓްރަކްޝަން ކުންފުނިތަކަށް ގެއްލުންވުމުގެ ފުރުސަތު އޮތުމުން މޯލްޑިވްސް ނެޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ) އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ސަރުކާރުގެ ފަރާތުން ގައްދޫ ދާއިރާގެ މެމްބަރު އަހްމަދު ޒާހިރު ހުށަހެޅުއްވި ބިލުގެ އިބްތިދާއީ ބަހުސް ނިންމައި ބިލް އިތުރަށް ދިރާސާ ކުރަން މިހާރު ވަނީ ކޮމިޓިީއަށް ފޮނުވާފަ އެވެ. ބިލު ހުށަހެޅުއްވީ މިހާރު އޮތް ގާނާނުގެ ދަށުން ޓެކްސް ނެގުމުގައި ދިމާވާ ދަތިތައް ހައްލު ކުރުމާއި އާމްދަނީން ޓެކްސް ނެގުމުގެ ނިޒާމުގައި ދިމާވާ ދަތިތައް ހައްލުކޮށް ހަރުދަނާކުރުމުގެ ގޮތުން ކަަމަށް ޒާހިރު ވިދާޅުވެ އެވެ.

އެ އިސްލާހުގައި ބޭރުގެ ކޮންޓްރެކްޓަރުންގެ އަތުން މިހާރު ނަގަމުންދާ 10 ޕަސަންޓް ވިތުހޯލްޑިން ޓެކުސް ނުނަގަން ވެސް ހުށަހަޅައިފައިވެ އެވެ.

އަވަސް އަށް މައުލޫމާތު ދެއްވަމުން މަސީގެ ސެކްރެޓަރީ ޖެނަރަލް އަދުނާން ހަލީމް ވިދާޅުވީ ދިވެހި ކުންފުނި ތަކުގެ ހާލަތު ރަނގަޅުވާނެ ކަމެއް ނުކުރެވި ބޭރުގެ ކޮންޓްރެކްޓަރުންނަށް ޓެކްސް ދިނުމުގައި ލުއިތަކެއް ދޭން ހުށަހެޅުމުން ކަންބޮޑުވާ ކަމަށެވެ. އަދުނާންގެ ނަޒަރުގައި ޓެކްސްއަށް ލުއިތަކެއް ދޭއިރު ލުއި ދޭން އެންމެ ރަނގަޅީ ދިވެހި ކުންފުނިތަކަށެވެ.

"ބޭރުގެ ކުންފުނިތައް އޮންނަން ވާނީ ދިވެހި ކުންފުނިތަކަށް ވުރެ އުނދަގޫ ގޮތަށް. އަދި ދައްކަން ޖެހޭ ފީ ވެސް ދިވެހި ކުންފުނިތަކަށް ވުރެ އުނދަގޫވާން ޖެހޭނެ. އެހެނެއް ނޫން އިންވެސްޓް ކުރަން އަންނަ ފަރާތްތަކަށް. އިންވެސްޓުކުރަން މިތަން ވަރަށް ރަނގަޅު ތަނަކަށް ވާން ޖެހޭނެ. އެހެން ނަމަވެސް ޕީއެސްއައިޕީގެ ޕްރޮޖެކްޓްތަކާއި ދިވެހި ސަރުކާރުގެ ބަޖެޓުން ހަރަދުކުރާ ޕްރޮޖެކްޓްތަކުން މިބާވަތުގެ ކަންކަމުގައި ދިވެހިންނާ ވާދަކޮށް މަސައްކަތް ކުރަނީ ބޭރު މީހުން. މި މީހުންނަށް ލުއި ގޮތް ތައް ހަދައިދިނުން ގަބޫލެއް ނުކުރެވޭނެ" އަދުނާން ވިދާޅުވި އެވެ.

ޒާހިރުގެ އިސްލާހުތަކާ ގުޅިގެން މަސީން ސަރުކާރާ ވާހަކަ ދައްކަމުންދާ ކަމަށްވެސް އަދުނާން ވިދާޅުވި އެވެ. އަދި އެކަމުގައި ރަނގަޅު ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައިދެއްވާނެ ކަމަށް އަދުނާން އުއްމީދު ކުރައްވަ އެވެ.

ވިތު ހޯލްޑިން ޓެކްސް ނުނަގަން އުޅޭތީ ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވެސް ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އެގޮތުން މިހާރުވެސް ބޭރުގެ ކުންފުނިތަކުން އެތައް މިލިއަން ޑޮލަރެއް ވިތުހޯލްޑިން ޓެކްސްގެ ގޮތުގައި ސަރުކާރަށް ދައްކަން ޖެހޭއިރު އެކަަން ނުވާނެ ގޮތެއް ހޯދަން ސަރުކާރާއެކު ބޭރުގެ ބައެއް ކުންފުނިތަކުން މަޝްވަރާ ކޮށްފައިވާ ކަމަށް ސައީދު ތުހުމަތު ކުރައްވަ އެވެ.

ސައީދުގެ ތުހުމަތުތަަކުގައި ހަގީގަތެއް އޮތް ކަމަށް އަދުނާން ވެސް ދެކެވަޑައިގަންނަވަ އެވެ.

"އަޅުގަނޑަށް ބޮޑަށް ލަފާކުރެވެނީ މިތަނުގައި ބޮޑަށް މި މަސައްކަތް ކުރާ ކުންފުނިތަކުގެ ބައެއް ގައުމުތަކުގެ ޑިޕްލޮމެޓުން މަސައްކަތް ކުރައްވަނީ ސަރުކާރާ ވާހަކަ ދައްކަނީހެން. ވާހަކަ ދައްކާފަ އެމީހުންނަށް ލުޔެއް ހޯދުމުގެ ގޮތުން ސަރުކާރަށް ދައްކަން އޮންނަ ވަރަށް ބޮޑު ދަރަންޏެއް މާފުކުރުމުގެ ކަންތައްގަނޑެއް މި ހިންގަނީ. ވިތު ހޯލްޑިން ޓެކްސްގެ ގޮތުގައި އެއީ ހަމަ ސަރުކާރަށް ލިބެން ޖެހޭ ފައިސާ" އަދުނާން ވިދާޅުވި އެވެ.

އަދުނާންގެ ނަޒަރުގައި މިހާ ދަތިވެ އަދި ސަރުކާރުގެ ހަަރަދުތައް އިންތިހާ އަށް ބޮޑުވެފައި އޮތް މި ދުވަސްވަރު، ވިތުހޯލްޑިން ޓެކްސް އުވާލަން ހުށަހެޅުމަކީ އެއްގޮތަކަށް ވެސް ކޮށްގެންވާނެ ކަމެއް ނޫނެވެ. އެ ފައިސާ ކޯޓަށް ގޮސްގެން ވެސް ހޯދަން ޖެހޭނެ ކަމަށް އަދުނާން ގަބޫލުކުރައްވަ އެވެ.