ހަބަރު

ޓެރަރިޒަމާ ދެކޮޅަށް ދޭން ޖެހޭ ހުރިހާ އެއްބާރުލުމެއް ދޭނެ ކަމަށް ބުނެފި

Nov 14, 2015
4

ޓެރަރިޒަމާ ދެކޮޅަށް ދޭން ޖެހޭ ކޮންމެ އެއްބާރުލުމެއް ދިވެހި ރާއްޖެ އިން ބައިނަލްއަގުވާމީ މުޖުތަމަ އަށް އަދި ފްރާންސް ސަރުކާރަށް ވެސް ދޭނެ ކަމަށް ރާއްޖޭގެ ޚާރިޖިއްޔާ އިން މިއަދު ބުނެފި އެވެ.

ފްރާންސްގެ ވެރިރަށް ޕެރިހުގައި ރޭ ދިން ބޮމާއި ބަޑީގެ ހަމަލާތަކަށް ފަހު އެތަނުގައި ތިބި ދިވެހިންގެ ހާލު ބަލައި އެމީހުންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތުގައި ހަރަކާތްތެރިވަމުން އަންނަ ފޮރިން މިނިސްޓްރީން މިހެން ބުނެފައި ވަނީ އިރުކޮޅެއް ކުރިން ކުރި ޓްވީޓެއްގަ އެވެ. ޕެރިހުގައި ތިބި ދިވެހިންނާ ގުޅައި އެމީހުންގެ ހާލު ބަލަމުން އަންނަ ކަމަށް ވެސް ޚާރިޖިއްޔާ އިން ބުނެފައިވެ އެވެ.

ޓެރަރިޒަމާ ދެކޮޅަށް ދުނިޔޭގެ ބާރުތަކަށް އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަން އަރުވާފައިވާއިރު މިފަހުން ރާއްޖެ ވެސް ވަނީ ބޮމާއި ބަޑީގެ ބިރުވެރިކަމެއްގެ ތެރެއަށް ދަމައިގެންގޮސްފަ އެވެ. އެގޮތުން ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން ރިއާސީ ލޯންޗަށް ދިން ހަމަލާގެ ތަހުގީގުގެ މަސައްކަތުގައި ވެސް ރާއްޖެ އިން ބައިނަލްއަގުވާމީ ތަޖުރިބާކާރުންނާ ގުޅިގެން މަސައްކަތްކޮށްފައިވެ އެވެ.

މީގެ އިތުރުން ޓެރަރިޒަމާ ދެކޮޅު ހަރަކާތްތަކުގެ ތެރެއިން ދިވެހި ސަރުކާރުން ދަނީ އެމެރިކާގެ އެފްބީއައިއާ ގުޅިގެން އިސްލާމިކް ހަނގުރާމަވެރިންނާ ދެކޮޅަށް ވެސް އެއްބާރުލުން ދެމުންނެވެ. ރާއްޖެ ވެސް މަޑުމަޑުން އެފަދަ ހަނގުރާމަވެރިންގެ ހާއްޔަކަށް ބަދަލުވަމުން އަންނައިރު އަދި ހަނގުރާމަވެރިން ރެކްރޫޓްކުރާ މަންޒިލަކަށް ރާއްޖެ ހަދާފައިވާއިރު މިފަދަ މައްސަލަތައް ގާތުން ބަލައި ހުއްޓުވުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށް ވެސް ސަރުކާރުގެ އޮފިޝަލުން ކުރިން ވިދާޅުވެފައިވެ އެވެ.

ބެލެވޭ ގޮތުގައި ފްރާންސްގައި ހަމަލާ ދީފައި ވަނީ ދީނީ ގޮތުން ހައްދަުފަހަނަޅައި ގޮސްފައިވާ އިސްލާމީ ހަނގުރާމަވެރިންތަކެކެވެ. މި އަހަރުގެ ޖެނުއަރީ މަހު ވެސް އެ ގައުމަށް މިފަދަ ހަމަލާއެއް އަމާޒުކޮށްފައިވެ އެވެ.