އެކްސިޑެންޓް

ޔަޒްދާންގެ މަރު: ފިލިމީހާއާ މެދު އާއިލާގެ މާބޮޑު ޝަކުވާއެއް ނެތް

ސައިކަލު އެކްސިޑެންޓެއްގައި އިސްމާއިލް ޔަޒްދާން މަރުވި ހާދިސާގައި އެ ސައިކަލު ދުއްވަން އިން އަހްމަދު އާތިފް އަބްދުﷲ ފިލައިގެން ދިޔަ ނަމަވެސް އޭނާގެ މާބޮޑު އިހުމާލެއް އެކަމުގައި ނެތް ކަމަށް ޔަޒްދާންގެ އާއިލާއިން ބުނެފި އެވެ.

މިދިޔަ މަހު 29 ވަނަ ދުވަހު އެ ހާދިސާ ހިނގިއިރު ޔަޒްދާން އިނީ އާތިފް ދުއްވަމުން ދިޔަ ސައިކަލްގެ ފަހަަތުގަ އެވެ.

ގަލޮޅު، ހުވަފެނީ ގޯޅީގައި އެކްސިޑެންޓް ހިނގުމާ އެކު އާތިފް ވަނީ ޔަޒްދާނާއި އެމީހުން ދުއްވި ސައިކަލް ދޫކޮށް ފިލާފަ އެވެ.

އެމްބިއުލާންސްގައި ޔަޒްދާން ހޮސްޕިޓަލަށް ގެންދިޔައީ ވެސް އެކްސިޑެންޓް ހިނގި ސަރަހައްދުގައި ތިބި ބައެކެވެ.

އާތިފް ހައްޔަރުުކުރީ އޭނާ ފިލިތާ ދެ ދުވަސް ފަހުންނެވެ.

އެ މައްސަލައިގައި ބޭއްވި ބަންދުގެ މަޖިލީހުގައި އާތިފްގެ ވަކީލު ވިދާޅުވީ ޔަޒްދާން މަރުވުމުގައި އާތިފްގެ މާ ބޮޑު އިހުމާލެއް އޮތް ކަމަށް ނުދެކޭ ކަަމަށް ޔަޒްދާންގެ އާއިލާއިން ދެކޭ ކަމަށެވެ.

އާތިފުގެ ތިން މަހުގެ ދަރިއެއް ހުރުމާއެކު އެ ކުއްޖާއަށް އަޅާލާނެ މީހަކު ނެތުމުން އޭނާ ބަންދުން ދޫކޮށްލުމަށް ވެސް ވަކީލު އެދުނެވެ. ނަމަވެސް ބަންދުގެ މަޖިލީހުގައި، އިންވެސްޓިގޭޝަން އޮފިސަރު ވިދާޅުވީ ޔަޒްދާން މަރުވުމުގައި އާތިފްގެ އިހުމާލު ފެންނަން އެބައޮތް ކަމަށެވެ. އެގޮތުން އާތިފް ސައިކަލް ދުއްވީ މާބާރަަށް ކަމަށާއި އަދި ސީސީޓީވީ ފުޓޭޖުން ވެސް އެކަން އެނގޭ ކަމަށެވެ.

ޔަޒްދާންގެ އާއިލާގެ ކިބައިން އާތިފް މާފަށް އެދިފައިވާ ކަމަށް އިންވެސްޓިގޭޝަން އޮފިސަރު ވިދާޅުވި އެވެ.

އެ ހާދިސާގެ މަންޒަރު ދުށް ބައެއް މީހުން ވެސް ބުނާ ގޮތުގައި އެކްސިޑެންޓް ހިނގީ ބާރު ސްޕީޑްގައި ސައިކަލް ދުއްވާފައި އަންނަނިކޮށް ގޯޅީގައި ބަހައްޓާފައި ހުރި ގާޑިޔާގެ އަތްގަނޑުގައި ޖެހިގެންނެވެ. އަތްގަނޑު ވަނީ ޔަޒްދާންގެ ކަރަށް ކަމަށްވެސް ބައެއް މީހުން ވަނީ ބުނެފަ އެވެ.

އާތިފްގެ ވަކީލާއި އިންވެސްޓިގޭޝަން އޮފިސަރުގެ ވާހަކަތައް އަޑުއެހުމަށް ފަހު ގާޒީ ނިންމެވީ އާތިފް ބަންދުން ދޫނުކުރުމަށެވެ. އަދި އޭނާގެ ބަންދަށް މިހާރު ވަނީ އިތުރު 15 ދުވަސް ޖަހާފަ އެވެ.