ޑިޒާސްޓާ މެނޭޖްމެންޓް ސެންޓަރު

މޯނިންވިއު އަލިފާނުގެ ގެއްލުން 1.3 މިލިއަން ރުފިޔާއަށް

Jun 13, 2021

މއ. މޯނިންވިއުގައި މިދިޔަ މަހު ހިނގި އަލިފާނުގެ ހާދިސާގައި އަށް ގޭބިސީއަކަށް ޖުމްލަ 1.3 މިލިއަން ރުފިޔާގެ ގެއްލުން ލިބިފައިވާ ކަމަށް އެސެސްމެންޓްތަކުން ދައްކައިފި އެވެ.

ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)ގެ ޑެޕިއުޓީ ސީއީއޯ އުމަރު ފިކުރީ މިއަދު ވިދާޅުވީ އަލިފާނުގެ ހާދިސާއާއި ގުޅިގެން މޯނިންވިއު އަށް ލިބުނު ގެއްލުމުގެ އެސެސްމެންޓް އެންޑީއެމްއޭ އާއި އެމްއެންޑީއެފް ގުޅިގެން ހަދާފައިވާ ކަމަށެވެ. އެގޮތުން ގޭގެ އޮނިގަނޑަށް ލިބުނު ގެއްލުމާއި ހިފާ ގެންގުޅޭ ސާމާނަށް ލިބުނު ގެއްލުމުގެ އެސެސްމެންޓް ހެދި ކަމަށް ވިދާޅުވި އެވެ.

އެ އިމާރާތާ ގުޅިފައިވާ އަށް ގޭ ބިސީއަކަށް ލިބުނު ގެއްލުމުގެ އެސެސްމެންޓް އެންޑީއެމްއޭ އިން ވަނީ ނިންމާފަ އެވެ.

އެ އެސެސްމަންޓްތަކަށް ބަލާއިރު ގޭބިސީތަކުގެ އޮނިގަނޑަށް ލިބުނު ގެއްލުމުގެ އަގު 150،000ރ. އަށް ވުރެ ދަށް ނަމަ ޖުމްލަ އަދަދަށް ސަރުކާރުން ފައިސާ ދޭނެ ކަމަށް އުމަރު ވިދާޅުވި އެވެ. ނަމަވެސް އެ އަދަދަށް ވުރެ ބޮޑު ވެއްޖެނަމަ އެހީގެ ގޮތުގައި ދޭނީ ބަރާބަރު 150،000ރ. އެވެ.

އުމަރު ވިދާޅުވީ އެސެސްމެންޓްތަކާއި ގުޅިގެން ދިރާސާކުރެވުނު ގެއްލުންތައް ފޫބެއްދުމުގެ ގޮތުން ގެއްލުން ލިބުނު މީހުންނަށް އެންޑީއެމްއޭ އިން ޖުމްލަ އެހީގެ ގޮތުގައި ހަތް ލައްކަ ރުފިޔާ ފޯރުކޮށްދޭން ނިންމައިފައިވާ ކަމަށެވެ.

"މިއީ ބަދަލަށް ބަދަލު ދިނުމުގެ ބަދަލުގައި ސަރުކާރުން ފޯރުކޮށްދޭ އެހީތެރިކަމެއް،" އުމަރު ވިދާޅުވި އެވެ.

އާއިލާތަކަށް އެހީގޮތުގައި ދޭން ނިންމާފައިވާ ފައިސާގެ އިތުރުން އާއިލާތަކަށް ވަގުތީ ހިޔާ ހަމަޖެއްސުމަށާއި ރިލީފް އެހީ ފޯރުކޮށްދިނުމަށް 342،00ރ. ހަރަދުކޮށްފައިވާ ކަމަށްވެސް އުމަރު ވިދާޅުވި އެވެ.

އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު ފަރާތްތައް އާންމު ހާލަތަށް ރުޖޫއަ ކުރުމަށް އިމާރާތުގައި ކުއްޔަށް އުޅުނު ދެ އާއިލާއެއް އެފަދަ އެހެން ތަނަކަށް ބަދަލުވުމަށް އެހީ ފޯރުކޮށްދީފައިވާއިރު ގެ މަރާމާތު ކުރުމަށް ހޭދަވާ ދުވަސްތަކުގައި ބޯހިޔާވަހިކަން ހޯދުމަށް އެންޑީއެމްއޭ އިން ވަނީ އެހީވެފަ އެވެ. އެ ދެ އާއިލާއަށް 92،300ރ. ވަނީ ދީފަ އެވެ.

މޯނިންވިއު އަކީ އެއްގޯތީގައި ދެ އިމާރާތް ހުންނަ ގެއެކެވެ. މިދިޔަ މަހުގެ 27 ވަނަ ދުވަހު ހިނގައި ދިޔަ އަލިފާނުގެ ހާދިސާގައި މި ގޭގެ ހުޅަނގަށް ހުރި އިމާރާތް ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވެ އެވެ.

ރޯވިއިރު މޯނިންވިއު ގޭގައި 56 މީހަކު ދިރިއުޅެނެވެ. މީގެތެރޭގައި 18 އަހަރުން ދަށުގެ 17 ކުޑަކުދިން ހިމެނެ އެވެ. އެމީހުން ވަގުތީ ގޮތުން އެންމެ ފުރަތަމަ ބަދަލުކުރީ ޣިޔާސުއްދީން ސުކޫލުގައި ގާއިމްކުރި އެވަކުއޭޝަން ސެންޓަރަށެވެ. އަލިފާން ރޯވި ހުޅަނގު ފަރާތުގެ އިމާރާތުގައި ފަސް އާއިލާއެއްގެ 32 މީހަކު ދިރިއުޅެމުން ދިޔަ އެވެ. އެމީހުން ފަހުން ވަނީ ވަގުތީ ގޮތުން ގެސްޓް ހައުސްތަކަށް ބަދަލުކޮށްފަ އެވެ.

އަލިފާނުގެ ހާދިސާގައި މޯނިންވިއުގައި ދިރިއުޅުނު 32 ފަރާތަކަށް ވަގުތީ ހިޔާ ވަނީ ފޯރުކޮށްދީފަ އެވެ. މީގެތެރެއިން 14 މީހުން އަދިވެސް ތިބީ ވަގުތީ ހިޔާގައި ގެސްޓް ހައުސްތަކުގަ އެވެ.