ޖިންސީ ގޯނާ

ދަރިވަރަކާ ބެހުނު ކަމަށް ތުހުމަތުކުރެވޭ ޓީޗަރު ސަސްޕެންޑްކޮށްފި

Jun 13, 2021
1

ނ. އަތޮޅުގެ ރަށެއްގައި ދަރިވަރަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތުކުރެވޭ ދިވެހި އަންހެން ޓީޗަރު ސަސްޕެންޑް ކޮށްފި އެވެ.

އެޑިޔުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަހްމަދު އަލީ މިއަދު އަވަސް އަށް ވިދާޅުވީ ޓީޗަރުގެ މައްސަލަ މިނިސްޓްރީގެ ސަމާލުކަމަށް އައުމާ އެކު މިމަހުގެ 10 ދުވަހުގެ ރޭ އޭނާ ސަސްޕެންޑް ކޮށްފައިވާ ކަމަށެވެ.

"އަޅުގަނޑުމެން ވާނީ ސަސްޕެންޑް ކުރެވުނު ކަން ލިޔުމަކުން ވެސް މިހާރު އަންގާފައި،" އަހްމަދު ވިދާޅުވި އެވެ.

މިމައްސަލާގައި ފުލުހުން ބުނީ ނ، ފ، ބ، ޅ އަތޮޅު ހިމެނޭ ނޯތް ޕޮލިސް ޑިވިޝަންގައި ހިމެނޭ ރަށެއްގައި އިތުބާރު ކުރެވޭ މަގާމެއްގަައި ހުރެ 16 އަހަރުގެ ފިރިހެން ކުއްޖަކަށް 25 އަހަރުގެ އަންހެނަކު ޖިންސީ ގޯނާކުރި މައްސަލައެއް ބަލަމުންދާ ކަމަށެވެ.

މައްސަލަ ރިޕޯޓް ކޮށްފައިވަނީ މިމަހުގެ ނުވަވަނަ ދުވަހު ކަމަށްވެސް ފުލުހުން މައުލޫމާތު ދީފައިވެ އެވެ.

ފުލުހުން އިތުރަށް ބުނީ އިތުރު ކުދިންތަކަކަށްވެސް އެ އަންހެން މީހާގެ ފަރާތުން ޖިންސީ ހާނިއްކަ ލިބިފައިވާ ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ.

މި މައްސަލައާ ގުޅިގެން އުމުރުން 25 އަހަރުގެ އެ އަންހެން މީހާ އަދި ހައްޔަރުކޮށްފައެއް ނުވެ އެވެ.

ތުހުމަތު ކުރެވޭ އަންހެން ޓީޗަރަކީ އޭނާ ބެހުނު ކަމަށް ބުނާ ދަރިވަރު ކިޔަވަމުން ދިޔަ ރަށުގެ މީހަކާ އިނދެގެން އެ ރަށުގައި ދިރިއުޅުނު ޅ. އަތޮޅު ރަށެއްގެ މީހެކެވެ. މައްސަލަ ފެންމަތިވުމާ އެކު އޭނާ ވަނީ އަމިއްލަ ރަށަަށް ބަދަލުވެފަ އެވެ.

އަންހެން ޓީޗަރުގެ މައްސަލަ ޖެންޑާ މިނިސްޓްރީން ވެސް ދަނީ ބަލަމުންނެވެ.