ހަބަރު

ހަކުރު ބަލި ހުންނަ މީހުންނަށް ހެލްތު މިނިސްޓްރީން ހިލޭ ގްލޫކޯ މީޓަރު ދެނީ

ދުނިޔޭގެ ފެންވަރުގައި މިއަދު ފާހަގަކުރަމުންދާ ހަކުރު ބަލީގެ ދުވަހާ ގުޅިގެން ހެލްތު މިނިސްޓްރީން، ހަކުރުބަލި ހުންނަ މީހުންނަށް ބަލި ޓެސްޓު ކުރަން ބޭނުންކުރާ ގްލޫކޯ މީޓަރު ބަހަން ނިންމައިފި އެވެ.

ހަކުރު ބަލީގެ ދުވަހާ ގުޅިގެން ދަމަނަ ވެއްޓާ ގުޅިގެން އެ މިނިސްޓްރީން މިއަދު ހަކުރުު ބައްޔަށް ޓެސްޓުކޮށްދޭ ހެލްތު ސްކްރީނިން ޕްރޮގްރާމެއްވެސް ބާއްވާނެ އެވެ.

ޑައިބެޓިކް ސްކްރީނިން ކުރިއަށްދާނީ މިއަދު ހަވީރު 4:00 އިން 6:00 އަށް ދަމަނަވެށީގަ އެވެ.

"އަވަސް" އަށް މައުލޫމާތުދެއްވަމުން ދަމަނަވެށީގެ ސީނިއާ މެޑިކަލް އޮފިސަރު ޑރ. އައިޝަތު އަރޫނާ ވިދާޅުވީ، ލޭގައި ހަކުރު ހުރި މިންވަރު ދެނެގަންނަން ސްކީރިން ކޭމްޕެއް މިއަދު ހަވީރު ދަމަނަވެށީގައި ކުރިއަށްދާނެ ކަމަށެވެ. އެ ކޭމްޕުން ހުރިހާ އުމުރެއްގެ މީހުންނަށް ހަކުރު ބައްޔާ ހިތުގެ ބަލި އަދި ލޭގެ ޕްރެޝަރު ޗެކު ކުރުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށާ، އެހެންކަމުން ވީހާވެސް ގިނަ ބަޔަކު ސްކްރީނިންގައި ބައިވެރިވުމަށް އެދިލައްވާ ކަމަށް އަރޫނާ ވިދާޅުވި އެވެ.

އަރޫނާ ވިދާޅުވީ، ހަކުރުބަލީގެ ދުވަހުގެ މުނާސަބަތާ ގުޅުވައިގެން ހެލްތު މިނިސްޓްރީން މާލޭގައި ތިބި ހަކުރުބަލި ހުންނަ މީހުންނަށް ބަލި ޓެސްޓުކުރަން ބޭނުންކުރާ ގްލޫކޯ މީޓަރު ބަހަން ނިންމާފައިވާ ކަމަށެވެ. އެގޮތުން ދަމަނަ ވެށީގައި ރަޖިސްޓްރީވެފައިވާ ބަލި މީހުންނާ، ހަކުރުބަލި ހުންނަ އުމުރުން ދުވަސްވީ މީހުންނަށް އެ މިނިސްޓްރީން ގުޅައިގެން މެޝިން ހަވާލުކުރާނެ ކަމަށް އަރޫނާ ވިދާޅުވި އެވެ.

"ދަމަނަ ވެށީގައި ރަޖިސްޓްރީ ވެފައި ނެތަސް، ހަކުރު ބަލި ހުންނަ ބޭފުޅަކު ވެއްޖިއްޔާ މިއަދު ސްކްރީނިން ކުރިއަށްދާއިރު އެތަނަށް އައިސް އަޅުގަނޑުމެން ކައިރީ އެދިލުމުން ގްލޫކޯ މީޓަރު ލިބޭނެ. އަޅުގަނޑުމެން މިހާރު ވާނީ ޑައިބެޓިކް ސޮސައިޓީއަށް ވެސް މިކަން އަންގާފަ،" ޑރ އަރޫނާ ވިދާޅުވި އެވެ.

ހަކުރު ބަލީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ޑައިބެޓިކް ސޮސައިޓީން ވަނީ މިއަދު ވަނީ ހުޅުމާލޭގައި ތިން ގަޑި އިރުގެ ފެތުމުގެ ޕްރޮގްރާމެއް ވެސް ބާއްވާފަ އެވެ.

ހަކުރު ބައްޔަކީ ގައިން ގަޔަށް ނާރާ ބަލިތަކުގެ ތެރެއިން ރާއްޖޭގައި އެންމެ ބާރު ސްޕީޑެއްގައި އިތުރުވަމުން އަންނަ އެއް ބައްޔެކެވެ. ދުނިޔޭގެ 81 އިންސައްތަ މީހުން ގައިންގަޔަށް ނާރާ ބަލިތަކުގައި މަރުވާކަމަށް ދިރާސާތަކުން ދައްކާއިރު ހަކުރު ބައްޔަކީ ގައިންގަޔަށް ނާރާ ބަލިތަކުގެ ތެރޭގައި ހިމެނޭ އާއްމު ބައްޔެކެވެ.