ރައީސް މުހައްމަދު ނަޝީދު

ސާޖަރީއަށްފަހު ނަޝީދުގެ ހާލުކޮޅު އަންނަނީ ރަނގަޅުވަމުން

"ހައެއް ފަހެއް" ގެ ހަމަލާގައި ޒަހަމްވެވަޑައިގަތުމަށް ފަހު ޖަރުމަނު ވިލާތުގައި އިތުރު ފަރުވާ ހޯއްދަވަމުންދާ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ހާލުކޮޅު މިހާރު ރަނގަޅުވަމުން އަންނަކަމަށް ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް ވިދާޅުވެއްޖެ އެވެ.

މިދިޔަ މަހު ހަވަނަ ދުވަހު ދިން ހަމަލާގައި ފުން ޒަހަމްތަކެއް ލިބިވަޑައިގެންނެވި ރައީސް ނަޝީދު މީގެ ކުރިން ވެސް އެތައް ސާޖަރީއެއް އޭޑީކޭއިން ހައްދަވައިފައިވާ އިރު މީގެ ދެ ދުވަސްކުރިން ވެސް ޖަރުމަނުގެ އަސްކަރީ ހޮސްޕިޓަލެއްގައި ވަނީ އިތުރު ސާޖަރީއެއް ހައްދަވައިފަ އެވެ.

އެ އޮޕަރޭޝަނަށް ފަހު އެމަނިކުފާނުގެ ހާލު ރަނގަޅުވަމުން އަންނަކަމަށް މަޖިލީހުގެ ރިޔާސަތު ފައްޓަވަމުން އަފީފް މިއަދު ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ހަބަރު ލިބޭގޮތުގައި އެމަނިކުފާނުގެ ހާލު އަންނަނީ ރަަނގަޅުވަމުން" އަފީފް ވިދާޅުވި އެވެ.

ރައީސް ނަޝީދުގެ ގެކޮޅު ގ. ކެނެރީގެއިން ނުކުމެ ވަޑައިގެން ކާރުކޮޅަށް އަރާވަޑައިގަންނަވަން އުޅުއްވަނިކޮށް މާލޭގެ ނީލޯފަރުމަގާއި މަޖީދީ މަގު ކަންމަތީގައި ޕާކްކޮށްފައި އޮތް ސައިކަލެއްގައި ހަރުކޮށްފައި އޮތް އައިއީޑީއެއް ގޮއްވާލައިގެން ދިން ހަމަލާގައި އެމަނިކުފާނުގެ ހަށިކޮޅުގެ އެކި ތަންތަނަށް ރޭޒާ ފުއްތައް ވަދެ ބޮޑެތި ގެއްލުންތައް ލިބިވަޑައިގެން ފުރާނަފުޅަށްވެސް ނުރައްކާ ހިސާބަށް ދިޔައެވެ.

އެ ހަމަލާއާ ގުޅިގެން ފަސް މީހަކު ވަނީ ހައްުޔަރުކޮށްފައެވެ. ހަމަލާ ދިނުމުގައި އިސްކޮށް އުޅުނީ އައިއީޑީ ގޮއްވާލުމުގައި އުޅުނު އަހުމަދު އަދުހަމްކަމަށް ފުލުހުން ބުނެއެވެ.