ޑްރައިވިން ލައިސަންސް

ރާއްޖޭގެ ލައިސަންސް އެހެން ގައުމުތަކުގައި ބޭނުންކުރެވޭ މުއާހަދާއަށް ރުހުން ދީފި

ރާއްޖޭގެ ޓްރާންސްޕޯޓް މިނިސްޓްރީން ދޫކުރާ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ބޭރުގެ އެހެން ގައުމުތަކުގައި ބޭނުންކުރެވޭ ގޮތް ހަދަން ބައިނަލްއަގުވާމީ ދެ މުއާހަދާއެއްގައި ބައިވެރިވާން މަޖިލީހުން ރުހުން ދީފި އެވެ.

"ވިއެނާ ކޮންވެންޝަން އޮން ރޯޑް ޓްރެފިކް 1968" އާއި "ވިއެނާ ކޮންވެންޝަން އޮން ރޯޑް ސައިން އެންޑް ސިގްނަލްސް 1968" ގައި ރާއްޖެއިން ބައިވެރިވާން ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހުށަހެޅުއްވީ މިދިޔަ މާޗު 15 ގައެވެ.

ރައީސް ހުށަހެޅުއްވި ގޮތަށް އެ ދެ މުއާހަދާގައި ރާއްޖެއިން ބައިވެރިވާން މަޖިލީހުގެ ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީން އޮތީ ރުހުން ދީފަ އެވެ.

އަދި އެކަމާ ގުޅޭގޮތުން މަޖިލީހުގެ ތަޅުމުގައި މިއަދު ނެގި ވޯޓުގައި ފެންނަ ކަމަށް 48 މެމްބަރަކު ވޯޓު ދެއްވި އެވެ. ނުފެންނަ ކަމަށް އެއްވެސް މެމްބަރަކު ވޯޓެއް ނުދެއްވަ އެވެ.

ވިއެނާ ކޮންވެންޝަންގެ އެ ދެ މުއާހަދާގައި ބައިވެރިވުމުން، އެ ދެ މުއާހަދާގައި ބައިވެރިވެފައިވާ ގައުމަކުން ދޫކުރާ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އެއް ގައުމު އަނެއް ގައުމުގައި ބޭނުންކުރެވޭނެ އެވެ. މި ދެ މުއާހަދާގައި ބައިވެރިވުމުން މެންބަރު ހުރިހާ ގައުމެއްގައި މަގުމަތީގައި ބޭނުންކުރާ ނިޝާންތައް ބައިނަލްއަގުވާމީ މިންގަނޑަށް ފައްތައި އެއް މިންގަނޑަކަށް ބަދަލުކުރަން ޖެހޭނެ އެވެ.