ރައްޔިތުންގެ މަޖިލިސް

އެސްޖީ އައްޔަނުކުރާ އުސޫލަށް ބަދަލުގެންނާތީ ފާޑުކިޔުން

ކައުންސިލްތަކުގެ އެންމެ އިސް އިދާރީ މުވައްޒަފުގެ ގޮތުގައި ހުންނަވާ ސެކްރެޓަރީ ޖެނެރަލް (އެސްޖީ) އައްޔަނުކުރާ އުސޫލު ބަދަލުކުރަން ހުށަހެޅި އިސްލާހަށް މަޖިލީހުގެ މެމްބަރުންގެ ފާޑުކިޔުން އަމާޒުވެެއްޖެ އެެވެ.

އެސްޖީ އައްޔަނުކުރާ އުސޫލު ބަދަލުކުރަން ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ހުށަހެޅުއްވީ ގެމަނަފުށީ ދާއިރާގެ މެންބަރު އަހުމަދު ސައީދު އެވެ.

ބިލުގެ ބޭނުމަކީ ސިވިސް ސާވިސްގެ ވަޒީފާތަކަށް ކުރިމަތިލުމުގެ ފުރުސަތު ފާޅުކަން ބޮޑު ގޮތެއްގައި ހުޅުވާލައި އެކަށީިގެންވާ ހަމަހަމަ ފުރުސަތުތަކެއް ހުރިހާ އެންމެނަށްވެސް ހޯދައިދިނުން ކަމަށް ސައީދު ވިދާޅުވި އެވެ. ހަަމަ އެހެންމެ ސިވިލް ސާވިސްގެ ގާނޫނުގައި ބުނެފައިވާ ގޮތަށް ސިޔާސީ ގޮތުން ވަކި އަތަކަށް ނުޖެހި އަދި ވަކި ފަރާތެއްގެ ރުހުން ހޯދަން މަސައްކަތް ނުކުރާ ޕްރޮފެޝަނަލް މިންގަނޑަކުން ހިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން ކަމަށެވެ.

ލާމަރުކަޒީ ގާނޫނުގައި މިހާރު އޮންނަ ގޮތުން ސިވިލް ސާވިސް ކޮމިޝަނުން ކައުންސިލްތަކަށް ސެކްރެޓަރީ ޖެނެރަލް އައްޔަނުކުރަނީ ކައުންސިލްތަކުގެ ލަަފަޔާއެކު އެވެ. ނަމަވެސް އަލަށް ގެންނަ އިސްލާހުގައި ކައުންސިލްގެ ލަފާ ހޯދަން ނުޖެހޭ ގޮތަށް ވަނީ ހުށަހަޅާފަ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބިލަށް ބަހުސް ކުރައްވަމުން ބިލްގައި ބައިވެރިވި ތިން މެމްބަރުން ވެސް ވަނީ އެ އިސްލާހާ ދެކޮޅުކަން ހާމަކުރައްވާފަ އެވެ.

ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝަފީގު ވިދާޅުވީ މީގެ ކުރިން ކައުންސިލްތަކަށް ދިމާވި އެންމެ ބޮޑު އެއް ގޮންޖެހުމަކަށް ވެގެން ދިޔައީ އެ ކައުންސިލްތަކުގެ އިދާރީ މުވައްޒަފުންގެ އެއްބާރުލުން ނުލިބުން ކަމަށެވެ. އަދި ކައުންސިލްގެ ލަފާގެ މަތިން ސިވިލް ސާވިސްގެ ކޮމިޝަނުން ސެކްރެޓަރީ ޖެނެރަލް އައްޔަނުކުރާ ގޮތަށް ލާމާރުކަޒީ ގާނޫނަށް އިސްލާހު ގެނައީވެސް އެ ގޮންޖެހުންތަކުން އަރައިގަތުމުގެ ގޮތުން ކަމަށެވެ.

"އެ ގާނޫނަށް އަމަލުކުރަން ފަށައި އާ ކައުންސިލްތައް އިންތިހާބުވެ ދުވަސްކޮޅެއްވާ އިރަށް އަޅުގަނޑުމެންނަށް މި ފެނުނީ އެ އުސޫލު ބަދަލުކުރަން ހުށަަހަޅާފައި އޮއްވާ. އަޅުގަނޑު ދެކޭ ގޮތުގައި މިއީ އެއް ގޮތަކަށް ވެސް ކަމުދާ އުސޫލެއް ނޫން. މި ގޮތް ބަދަލުކުރުން އެއީ ރަަނގަޅު ގޮތެއް ވެސް ނޫން." މުހައްމަދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިނިސްޓްރީތަކުގެ އެންމެ އިސް ސިވިލް ސާވިސްގެ މުވައްޒަފެއްގެ ގޮތުގައި ހުންނަވާ ޕާމަނަންޓް ސެކްރެޓަރީ ވެސް އެ މަގާމަށް އައްޔަނުކުރަނީ މިނިސްޓަރުގެ ލަފަޔާ އެކުގައި ކަމަށެެވެ.

"ޕާމަނަންސް ސެކެޓްރީންވެސް މި ނަންގަވަނީ ވަޒީރުންގެ ލަފާގެ މަތިން ހަމަ މި ދެންނެވި ސަބަބަށްޓަކައި" މުހައްމަދު ވިދާޅުވި އެވެ.

ބިލަށް ބަހުސް ކުރައްވަމުން އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހްމަދު ވިދާޅުވީ ލާމަރުކަޒީ ގާނޫނު އެކުލަވާލީ ގިނަ ބައެއްގެ ލަފާ ހޯދުމަށް ފަހުގައި ކަމަށާއި އެހެންކަމުން ކައުންސިލްތަކަށް އެސްޖީން އައްޔަނުކުރާއިރު ކައުންސިލްތަކުގެ ލަފާ ހޯދަން މިހާރު އޮންނަ އުސޫލު އެގޮތުގައި ބާއްވަން ތާއިދުކުރައްވާ ކަމަށެެވެ.