ރައްޔިތުންގެ މަޖިލިސް

ވޯޓުލީ ގޮތް ލީކުވި މައްސަލަ ބަލަނީ ސިއްރުކޮށްގެން

ޑިފެންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހަސަން ޒަމީލް ސޮއިކުރައްވާ މަޖިލީހަށް ފޮނުއްވި ސިޓީއާ ގުޅިގެން އޭނާގެ އިމްތިޔާޒުގެ މައްސަލަ ބަލަން ނުފެންނަ ކަމަށް މެންބަރުން ވޯޓު ދެއްވި ގޮތުގެ މައުލޫމާތުތައް އާންމުވި މައްސަލަ ބެލުން ސިއްރުކޮށްގެން ކުރިއަށް ގެންދަން ނިންމައިފި އެެވެ.

މިމަހުގެ ހަވަނަ ދުވަހުގެ ރޭ އިމްތިޔާޒު ކޮމެޓީން ސިއްރުކޮށްގެން ބޭއްވި ބައްދަލުވުމުގައި ޒަމީލްގެ މައްސަލަ ބަލަން ނުފެންނަ ކަމަށް ނިންމައި ބައްދަލުވުން ނިންމާލިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ވޯޓު ދިން ގޮތް ސޯޝަލް މީީޑިއާގައި އޮތީ ލީކުކޮށްލައިފަ އެވެ.

އެ މައްސަލަ ހޫނުވެ މެމްބަރުންނަށް މަރުގެ އިންޒާރުވެސް ލިބެމުން ދިޔުމުން އެކަން ހިނގައިދިޔަ ގޮތް ބަލަން މިހާރު ވަނީ ސަބް ކޮމެޓީއެއް އެކުލަވާލައިފަ އެވެ. އެ ކޮމެޓީގެ މުގައްރިރަކަށް މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ އަދި ނައިބަކަށް މަނަދޫ ދާއިރާގެ މެމްބަރު މުހައްމަދު ހާރޫން މިއަދު ވަނީ އައްޔަނުކޮށްފަ އެވެ.

އިމްތިޔާޒު ކޮމެޓީގަިއ ވޯޓު ދިން ގޮތުގެ މައުލޫމާތު ލީކު ކޮށްލީ އެ ކޮމެޓީގައި އިންނެވި މެމްބަރެއް ކަަމަށް ބައެއް މެންބަރުން ތުހުމަތު ކުރައްވަ އެވެ.

ސަބް ކޮމެޓީން މިއަދު ބޭއްވި ބައްދަލުވުމުގައި ހާރޫން ވިދާޅުވީ އެ މައްސަލަ ބަލާއިރު ތުހުމަތުކުރެވޭ މެމްބަރުގެ ނަން އާންމުކޮށް ހުޅުވާލައިގެން ކުރިއަށްދާ ބައްދަލުވުމެއްގައި ކިއުން ރަނގަޅު ނޫން ކަމަށެވެ.

"އަޅުގަނޑުމެން އެއް މެމްބަރު އަނެއް މެމްބަރަކަށް ތުހުމަތުކުރެވޭ މައްސަލައަކަށް ވެފައި އެގޮތަށް އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް ތުހުމަތުކުރާއިރު އާންމުކޮށް ހުޅުވާލައިގެން އެކަން ގެންގޮސްފިއްޔާ ރަނގަޅު ނުވެދާނެ ހީވޭ" ހާރޫން ވިދާޅުވި އެވެ.

ހާރޫންގެ ހުށަހެޅުއްވުމަށް ތާއިދުކުރެއްވީ ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއް ލަތީފް އެވެ. ވޯޓަށް ފަހު އެ މައްސަލަ ސިއްރު މައްސަލައެއްގެ ގޮތުގަައި ކުރިއަށް ގެންދަން މުގައްރިރު ރާއީ ނިންމެވީއެވެ.

އެމްޑީޕީގެ ސާފު މެޖޯރިޓީއެއް އޮތް އިމްތިޔާޒު ކޮމިޓީއަށް ޒަމީލްގެ މައްސަލަ ބަލަން ހުށަހެޅުއްވީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ. ކޮމިޓީގައި އެ މައްސަލަ ބަލަން ނުފެންނަ ކަމަށް ހުށަހެޅުއްވީ ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ ދަނގެތީ ދާއިރާގެ މެންބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް އެވެ.

އެ މައްސަލަ ބޭރުކޮށްލަން ވޯޓު ދެއްވި އެމްޑީޕީގެ މެންބަރުންގެ ތެރޭގައި ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސަނީފް އާއި ގަމު ދާއިރާގެ މެންބަރު މުހައްމަދު ވިސާމް އާއި ކޮމަންޑޫ ދާއިރާގެ މެންބަރު ހުސައިން ވަހީދު އާއި މިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާ އެވެ.