މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ

އެމްކިއުއޭގެ ސީއީއޯއަކަށް ހަންނާން

މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގެ ސީއީއޯގެ މަގާމަށް ބޭފުޅަކު އައްޔަން ކުރައްވައި އެ އޮތޯރިޓީގެ އެޑްވައިޒަރީ ބޯޑު އުފައްދަވައި ބޯޑަށް މެންބަރުން އައްޔަން ކުރައްވައިފި އެވެ.

ރައީސުލްޖުމްހޫރިއްްޔާގެ އޮފީހުން ބުނީ ދިވެހިރާއްޖޭގެ މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނުގެ ދަށުން އުފައްދަވާފައިވާ "މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ" އަށް އެ ގާނޫނުގައި ބަޔާންކުރާ ގޮތުގެ މަތިން ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ މިއަދު އައްޔަންކުރައްވާފައި ވަނީ ދަފްތަރު ނަންބަރު 2968، ޑރ. އަބްދުލްހަންނާން ވަހީދު ކަމަށެވެ. ޑރ. އަބުދުލްހަންނާން މި މަގާމަށް އައްޔަން ކުރައްވާފައި ވަނީ ސްޓޭޓް މިނިސްޓަރުގެ މަގާމާއި އެއް ފެންވަރުގައެވެ. މި ގާނޫނުގެ ދަށުން "މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ" އުފެއްދެވުމުގެ ކުރިން ވެސް އެ އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަގާމު ފުރުއްވަމުން ގެންދެވީ އަބުދުލްހަންނާނެވެ. މީގެ އިތުރުން ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން އެންޑް ޓްރެއިނިން (ޓިވެޓް) ގެ ސީއީއޯގެ މަގާމާއި އަދި ތައުލީމީ ދާއިރާގެ އެކިއެކި މަގާމުތައް ޑރ. އަބުދުލްހަންނާން ފުރުއްވާފައިވެއެވެ. ހަންނާން ޕީއެޗްޑީ ހާސިލުކުރައްވާފައި ވަނީ އެޑިއުކޭޝަންގެ ދާއިރާއިން އޮސްޓްރޭލިޔާގެ ކްއީސްލޭންޑް ޔުނިވާސިޓީ އޮފް ޓެކްނޮލޮޖީ އިންނެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ މިއަދު ވަނީ "މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރީޓީގެ އެޑްވައިޒަރީ ބޯޑް" މިއަދު އުފައްދަވައި އެ ބޯޑަށް މެންބަރުން އައްޔަން ކުރައްވާފައެވެ.