ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް

މަހްލޫފު މައްސަލަ ދަނީ ދިރާސާ ކުރަމުން: ޕީޖީ

Jun 15, 2021
5

ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފުގެ މައްސަލަ އަދިވެސް އޮތީ ދިރާސާ ކުރުމުގެ މަރުހަލާގައި ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅިގެން މަހްލޫފްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕީޖީ އޮފީހަށް މައްސަލަ ފޮނުވާފައި ވަނީ މިދިޔަ ބުދަ ދުވަހު އެވެ.

ޕީޖީ އޮފީހުގެ އޮފިޝަލަކު މިއަދު އަވަސް އަށް ވިދާޅުވީ މަހުލޫފްގެ މައްސަލައިގައި ދައުވާކުރުމާ މެދު އަދި ވަކި ގޮތެއް ނިންމާފައި ނުވާ ކަމަށެވެ. އެކަމަކު ވަރަށް އަވަހަށް އެމައްސަލާގައި ގޮތެއް ނިންމާނެ ކަމުގައިވެސް ވިދާޅުވި އެވެ.

މިނިސްޓަރު މަހްލޫފްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި މައްސަލަ ފޮނުވާފައި މިވަނީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގެ ތެރޭގައި ހިންގާފައިވާ ކޮރަޕްޝަނާއި، ހިޔާނާތާއި، މަނީ ލޯންޑްރިންގެ މައްސަލަތައް ބެލުމަށް ފުލުހުންނާއި، އެސެޓް ރިކަވަރީ ކޮމިޝަނާއި އަދި އެންޓި-ކޮރަޕްޝަން ކޮމިޝަނުން ކުރިއަށް ގެންދިޔަ ޖޮއިންޓް އިންވެސްޓިގޭޝަންގެ ތަހުގީގުގެ ތެރޭގައި، ކުށްކޮށްގެން ހޯދާފައިވާ ފައިސާ މަހްލޫފަށް ލިބިފައިވާ ކަމަށް ފާހަގަކުރެވިފައިވާތީ އެމައްސަލަ ތަހުގީގު ކުރުމަށްފަހު އެވެ.

މަހްލޫފްގެ މައްސަލާގައި އޭސީސީން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ މަހްލޫފް މަޖިލީހުގެ މެންބަރަކަށް ހުންނެވިއިރު މަޖިލީހުގައި އޭރު ފާސްކުރި ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް)ގެ ބިލަށް ވޯޓު ދިނުމާއި ޕީޕީއެމްގައި ދެމި ހުރުމުގެ މުގާބިލުގައި 33،000 ޔޫއެސް ޑޮލަރު މަހްލޫފަށް ލިބިފައިވާ ކަން އެނގޭ ކަމަށެވެ.

އެސީސީން ދައުވާ ކުރަން ޕީޖީ އޮފީހަށް ފޮނުވި ދުވަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މަހުލޫފު މަގާމުން އެކަހެރިކޮށްފަ އެވެ. މަހްލޫފު މީގެ ކުރިން ވިދާޅުވެފައި ވަނީ މި މައްސަލައިގައި ދައުވާ ކުރާ ހިސާބުން އަމިއްލަފުޅަށް މަގާމުން އިސްތިއުފާ ދެއްވާނެ ކަމަށެވެ.

އެމްއެމްޕީއާރުސީގެ 1.3 ބިލިއަން ރުފިޔާގެ ހިޔާނާތުގެ ފައިސާ ޖަމާކުރި އެސްއޯއެފްގެ ކުންފުނީގެ އެކައުންޓުން މަހުލޫފްގެ އަމިއްލަފުޅު އެކައުންޓަށް 33،000 ޑޮލަރު ޖަމާކޮށްފައިވާ މައްސަލާގައި މީގެ ކުރިންވެސް މަހުލޫފް ސަސްޕެންޑްކޮށް މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރި ކުރި އެވެ. އެއީ ފެބްރުއަރީ 14، 2019 ގައެވެ.

ނަމަވެސް އޭސީސީ އާއި ޕޮލިހުން އެއްވެސް މައްސަލައެއް ނެތްކަން ޔަގީން ކޮށް ދިނުމުން އޭޕްރީލް 16، 2019 ގައި މަހުލޫފްގެ ސަސްޕެންޝަން ނިމުމަކަށް ގެނެސް މަގާމުގެ މަސްއޫލިއްޔަތުތައް އަލުން ހަވާލު ކުރެއްވި އެވެ.