އަބްދުﷲ ޝާހިދު

އާންމު މަޖިލިސް ކުރިއަށް ގެންދާނެ ގޮތުގެ ލަފާ ހޯދަނީ

Jun 16, 2021

ކުރިއަށް އޮތް ދައުރުގައި އދ. އާންމު މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދާނެ ގޮތަކާ މެދު ކަމާ ގުޅޭ ބޭފުޅުންނާ އެކު ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މަޝްވަރާތައް ފަށައިފި އެވެ.

އާންމު މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދާނެ ގޮތަކާ މެދު މަޝްވަރާކުރުމަށް ކުރިއަށް ގެންދާ ބައްދަލުވުންތަކުގައި މިއަދާ ހަމައަށް ޝާހިދު ވަނީ 35 ގައުމަކުން އދ.އަށް ކަނޑައަޅުއްވާފައި ތިއްބަވާ ދާއިމީ މަންދޫބުންނާއި ބައްދަލުކުރައްވާފަ އެވެ.

އިންތިހާބު ކާމިޔާބު ކުރެއްވުމަށްފަހު ޝާހިދު އެންމެ ފުރަތަމަ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ އާންމު މަޖިލީހުގެ މަސައްކަތްތައް އެމަނިކުފާނުގެ ރިޔާސަތުގައި ފެއްޓެވުމުގެ ކުރިން އެ މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދާނެ ގޮތަކާ މެދު ފުޅާދާއިރާ އެއްގައި މެންބަރު ގައުމުތަކުގެ ކަމާ ގުޅޭ ބޭފުޅުންނާ މަޝްވަރާ ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.

އދ.ގެ އާންމު މަޖިލީހުގެ ރައީސް ހޮވުމަށް މިމަހުގެ ހަތްވަނަ ދުވަހު ބޭއްވި އިންތިހާބު ކާމިޔާބުކުރައްވާ އާންމު މަޖިލީހުގެ ކުރިއަށް ދައުރުގެ ރައީސްގެ މަގާމު ޝާހިދު ހޯއްދެވީ އަފްޣާނިސްތާނުގެ ކުރީގެ ހާރިޖީ ވަޒީރު ޑރ. ޒަލްމާއި ރަސޫލްއާ ވާދަކުރައްވައިގެންނެވެ.

މިއީ ރާއްޖޭގެ ތާރީހުގައި އދގެ މިހާ އިސް މަގާމަކަށް ދިވެއްސަކު އިންތިޚާބުވި ފުރަތަމަ ފަހަރެވެ. އދ.ގެ އާންމު މަޖިލީހަކީ އެ މަޖިލީހުގެ އެންމެ މަތިން ދެވަނަ ގުނަނެވެ.

އާންމު މަޖިލީހުގެ ރިޔާސަތާ ޝާހިދު ރަސްމީކޮށް ހަވާލުވެވަޑައިގަންނަވާނީ މިއަހަރުގެ ސެޕްޓެމްބަރު މަހު އެވެ.

އދގެ އާންމު މަޖިލީހުގެ 76 ވަނަ ރައީސް ކަމަށް އިންތިހާބުވެ ވަޑައިގަތުމަށްފަހު ޝާހިދު ވަނީ އެމަނިކުފާނުގެ ހާއްސަ މަންދޫބަކަށް ރާއްޖެއިން އދ. އަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ތިލްމީޒާ ހުސައިން ހަމަޖައްސަވާފަ އެވެ. އާންމު މަޖިލީހުގެ ރައީސްގެ ޗެފް ޑި ކެބިނެޓްގެ މަގާމަށް ހަމަޖައްސައިފައި ވަނީ އެމްބެސެޑަރު ނަގަރާޖް ނައިޑޫ ކުމާރެވެ.