ރައްޔިތުންގެ މަޖިލިސް

"ލާމަރުކަޒީ ނިޒާމް ބަދަލު ކުރަނީ އިންތިހާބުން ބަލިވީމަ"

ލާމަރުކަޒީ ނިޒާމަށް އިސްލާހު ގެންނަން އުޅެނީ ނިމިގެން ދިޔަ ކައުންސިލް އިންތިހާބުގައި އެމްޑީޕީން ބަލިވުމުން ކަމަށް މަޖިލީހުގެ ބައެއް މެމްބަރުން ތުހުމަތު ކުރައްވައިފި އެވެ.

ކައުންސިލްތަކުގެ އެންމެ އިސް އިދާރީ މުވައްޒަފުގެ ގޮތުގައި ހުންނަވާ ސެކްރެޓަރީ ޖެނެރަލް (އެސްޖީ) އައްޔަން ކުރާ އުސޫލު ބަދަލު ކުރަން ލާމަރުކަޒީ ގާނޫނާއި ސިވިސް ސާވިސްގެ ގާނޫނަށް ވެސް ވަނީ އިސްލާހު ހުށަހަޅައިފަ އެވެ.

މިހާރު އޮންނަ ގޮތުން ކައުންސިލްތަކަށް ސެކްރެޓަރީ ޖެނެރަލް އައްޔަނުކުރަނީ ކައުންސިލްތަކުގެ ލަަފަޔާއެކު ސިވިލް ސާވިސް ކޮމިޝަނުން އެވެ. ނަމަވެސް އަލަށް ގެންނަ އިސްލާހުގައި ކައުންސިލްގެ ލަފާ ހޯދާކަށް ނުޖެހޭނެ އެވެ.

ސިވިލް ސާވިސް ގާނޫނަށް އިސްލާހު ގެނައުމަށް ގެމަނަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސައީދު ހުށަހެޅުއްވި ބިލަށް މިއަދު ކުރި ބަހުސްގައި ގިނަ މެމްބަރުން އެ ބިލާ ދެކޮޅު ހެއްދެވި އެވެ. އަދި މިއީ ކައުންސިލް އިންތިހާބުގައި އެމްޑީޕީން ބަލިވުމުން ގެންނަން އުޅޭ އިސްލާހެއް ކަަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ އަދި އެމްޑީޕީގެ ބައެއް މެމްބަރުން ތުހުމަތުކުރައްވަ އެވެ.

އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު މިއަދު ވިދާޅުވީ އެތަކެއް ބުރަ މަސައްކަތަަކަށް ފަހު ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލުތަކަށް ފަހު ކައުންސިލް އިންތިހާބުގައި އެމްޑީޕީއަށް ކާމިޔާބު ނުލިބުނީތީ އެބާރު އަތުލަން އުޅުމަކީ އެމްޑީޕީ ސަރުކާރުގެ އިހުލާސްތެރިކަމާއި ތެދުވެރިކަމާމެދު ސުވާލު އުފައްދާނެ ކަމެއް ކަމަށެވެ. އެހެންކަމުން އެ އިސްލާހަށް ތާއިދު ނުކުރައްވާނެ ކަމަށެވެ.

"ގާނޫނަކަށް ގެންނަ އިސްލާހުވާން ޖެހޭނީ ހަގީގީ މާނައިގައި އިސްލާހަކަށް. ލާމަރުކަޒީގެ ބާރުކަނޑުވާލަން ނުވަތަ ހަލާކުކޮށްލަން ގެންނަ އިސްލާހަކީ އިސްލާހެއް ކަަމަށް އަޅުގަނޑު ގަބޫލުނުކުރަން." ވަހީދު ވިދާޅުވި އެވެ.

ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފް ވިދާޅުވީ ސަރުކާރުން ހުށަހެޅި އިސްލާހުން އެމްޑީޕީގެ ހެޔޮވެރިކަން ބައްޓަންވާގޮތް ފެންނަން ފަށައިފައިވާ ކަމަށެވެ. އަދި އެމްޑީޕީ ނޫން ޕާޓީއަކަށް ކައުންސިލް އިންތިހާބް ކާމިޔާބުނުވެއްޖެނަމަ ކައުންސިލްތަކުގެ ބާރުތައް ނަގާނެކަމަށް ކުރިން އެބޭފުޅުން ދެއްކެވި ވާހަކަތަކުގެ ހަގީގީ ކުލަ ޖެހެން ފަށައިފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.

" ތިމާމެން ބަލިވީމަ އެހެން ބަޔަކަށް ފުރުސަތު ދީގެން މަސައްކަތްކުރަން ބޭނުންނުވާކަން. ތިމާމެންނަކީ ހުދުމަހުތާރުވެރިންކަން މިއަދު ސާބިތުވެގެން މިދަނީ. " ލަތީފް ވިދާޅުވި އެވެ.

އެމްޑީޕީގެ ބިލެއްދޫ ދާއިރާގެ މެމްބަރު އަހްމަދު ހަލީމު (ދޮންބިލެތް) ވިދާޅުވީ އެ ބަދަލު ގެންނަން ބޮޑަށް މަސައްކަތް ކުރަނީ ރަށުގެ ކައުންސިލްތައް ނުލިބުނު ފަރާތްތައް ކަމަށެވެ.

އޭނާ ވިދާޅުވީ މީގެ ކުރިންވެސް ކައުންސިލްތަކުގެ ޒިންމާދާރުވެރިޔާއާ ހުރެ ކައުންސިލްތައް ހިންގަން ބޮޑެތި ގޮންޖެހުންތައް ކުރިމަތިިވިކަމަށާއި އެކަން އިސްލާހުކޮށް ކައުންސިލްތަކަށް ބާރުދީފައި ވަނިކޮށް ސިވިލް ސާވިސް މެދުވެރިވެގެން ކައުންސިލްތަކުގެ އިދާރީ އިސް މުވައްޒަފު ހަމަޖެއްސުން ބަަލައިިނުގަނެވޭނެ ކަމަށެވެ.

".. އަނެއްކާ އަޅުގަނޑުމެންނަށް ކައުންސިލް ނުލިބުމާ ގުޅިގެން ބައެއް އެ ރަށްރަށުގައި ތިއްބެވި އަޅުގަނޑުމެންގެ ބައެއް ފަރާތްތައް ބައެއް މެމްބަރުން ވަރަށް ބޮޑަށް ބަދަލުގެންނަން ބޭނުންވެގެން މިއުޅެނީ. މިއަދު އަޅުގަނޑު ހިތަށް އަރަނީ އަޅުގަނޑުމެން މަސައްކަތް ކުރަނީ ކައުންސިލްތަކުގެ ތާއިދު ހޯދާށޭ. ނުލިބުނީމާ އަނެއްކާ ގާނޫނު ބަދަލުކޮށްގެން ބާރުގަދަކުރަން އުޅުމަކީ ހުތުރުކަމެއް." ހަލީމް ވިދާޅުވި އެވެ.