މޯލްޑިވްސް ޕޮލިސް ސާވިސް

އަންހެނަކު ބަންދުކޮށްގެން ގެންގުޅޭ ކަމަށް ބުނާ މައްސަލައެއް ބަލަނީ

އައްޑޫ ސިޓީ މަރަދޫގައި އަންހެނަކު ބޭރަށް ނުދެވޭ ގޮތަށް ގަދަކަމުން ގެ އެއްގައި ގެންގުޅޭ ކަމަށް ބުނެ ދެކެވޭ ވާހަކަތަކާއި ގުޅިގެން އެެކަން ބަލަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.

ބަންދުކޮށްފައިވާ ކަަމަށް ބުނާ އަންހެން މީހާ ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ އޭނާ ސީރިއަށްދާން އުޅޭ ކަމަށް ބުނެ ފުލުހުންނަށް ދޮގު މައުލޫމާތުތަކެއް ދީ ގޭގައި ބަންދުކޮށްގެން ގެންގުޅެމުންދާ ކަމަށެވެ. ގެއިން ބޭރަށް ނިކުމެވެނީ މައިންބަފައިންނާއެކު ކަމަށާ އިންޓަނެޓާއި ފޯނު ބޭނުން ކުރުންވެސް މަނާކޮށްފައިވާ ކަމަށެވެ.

އެ ޕޯސްޓްކޮށްފައިވަނީވެސް ސިއްރުން ކޮންމެވެސް ގޮތަކުން ހޯދި ފޯނަކުން ކަމަށް ބުނެފައިވެއެވެ.

ގެއަކީ ޖަލެއް ކަމަށް ސިފަކޮށް އޭނާ ބުނީ ކޮޓަރީގައި ހުންނަނީ އިލެކްޓްރޯނިކް ތަޅެއް ހަރުކޮށްފައި ކަމަށާ އަމިއްލައަށް ކޮޓަރިން ބޭރަށް ނިކުންނަށްވެސް ފުރުސަތެއް ނެތް ކަމަށެވެ. އަދި އޭނާއަކީ ސީރިއާއަށް ދާން އުޅޭ މީހެއް ކަމަށް އާއިލާއިން ދެކުނަސް އެއީ ހަގީގަތެއް ނޫން ކަމަށް ބުނެފައިވެއެވެ.

އެ ޕޯސްޓް ވަރަށް ބޮޑަށް ވައިރަލްވެ އެތައް ބަޔަކު ދަނީ އެ މައްސަލަ ބަލަން ކަމާގުޅޭ އިދާރާތަކަށް ގޮވާލަމުންނެވެ.

ފުލުހުން މިރޭ ބުނީ އައްޑޫ ސިޓީ މަރަދޫގައި އަންހެނަކު ބޭރަށް ނުދެވޭ ގޮތަށް ގަދަކަމުން ގެ އެއްގައި ގެންގުޅޭ ކަމަށް ބުނެ ދެކެވޭ ވާހަކަތަކާއި ގުޅިގެން ބަލަންޖެހޭ ކަންކަން ޖެންޑާ މިނިސްޓްރީ އާ ގުޅިގެން ބަަލަމުން ގެންދާ ކަމަށެވެ. އިތުރު އެއްވެސް ތަފްސީލެއް ނުދެއެވެ.