ރައްޔިތުންގެ މަޖިލިސް

ހިސާން ބިލު: އާންމުންގެ ހިޔާލަށް ހުޅުވާލައިފި

މުސްލިމަކާ ދިމާއަށް ކާފަރެކޭ ބުނުން ކުށަކަށް ހަދަން ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން ހުށަހެޅި ބިލަށް އާންމުންގެ ހިޔާލު ހޯދުމަށް ފުރުސަތު ހުޅުވާލައިފި އެވެ.

މަޖިލީހުގެ އިދާރާއިން މިރޭ ބުނީ އެ ބިލާ ގުޅޭގޮތުން އާންމުންގެ ހިޔާލު ހޯދުމަށް މިއަދުން ފެށިގެން ހުޅުވާލާ ކަމަށެވެ. އަދި ބިލަށް އެއްވެސް ހިޔާލެއް ނުވަތަ އިސްލާހެއް އޮތްނަމަ ޖޫން 22 ވަނަ ދުވަހުގެ މެންދުރު ކުރީ 12 ޖެހުމުގެ ކުރީން [email protected] އަށް މެއިލް ކުރުމަށް އެދޭ ކަމަށެވެ.

އެ ބިލުގެ އިބްތިދާއީ ބަހުސް ނިންމައި މަޖިލީހުގެ ޖުޑީޝިއަރީ ކޮމެޓީގައި ބިލާ ގުޅޭ އިތުރު ދިރާސާތައް ވަނީ ފަށައިފަ އެވެ.

ބިލާ ގުޅޭގޮތުން ޖުޑީޝިއަރީ ކޮމެޓީން ބޭއްވި ބައްދަލުވުމުގައި ކޮމެޓީގެ މުގައްރިރު އަދި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ވިދާޅުވީ ބިލުގެ ބާވަތުން އާންމުންގެ އިތުރުން އިސްލާމިކް މިނިސްޓްރީން ހިޔާލު ހޯދުން މުހިންމު ކަމަށެވެ. ހަމަ އެހެންމެ ޕްރޮސިކިއުޓާ ޖެެނެރަލް އޮފީހަށް ލިޔެގެން ހިޔާލު ހޯދަން ވެސް އޭނާ ހުށަހެޅުއްވި އެވެ.

"މިއީ ހިޔާލު ފާޅުކުރުމާއި ހައްގުތަކާ ބެހޭ ބިލަކަށް ވާތީ ހިއުމަން ރައިޓްސް ކޮމިޝަނަށް ވެސް ބިލަށް ކޮމެޓީ ކޮމެންޓް ހޯދުމަށް" އިމްތިޔާޒް ރޭ ވިދާޅުވި އެވެ.

އެ ތިން މުއައްސަސާއިން ވެސް އެ ބިލާ ގުޅޭގޮތުން ދެކޭ ގޮތް އަންނަ ހޯމަ ދުވަހުގެ ކުރިން ހޯދައި އަދި އެ ބިލުގެ މަސައްކަތް އަންނަ ބުދަ އަށް ނިންމަލާން ރޭ ވަނީ ނިންމައިފަ އެވެ. އިމްތިޔާޒް ވިދާޅުވީ އަމާޒަކީ މި ދައުރުގެ ތެރޭގައި އެ ބިލު ފާސް ވެގެން ދިއުން ކަމަށެވެ.

ބިލާ ގުޅޭގޮތުން އިދިކޮޅު ޕީޕީއެމް / ޕީއެންސީ އަދި މިނިވަން މެމްބަރުންގެ އިތުރުން އެމްޑީޕީގެ ބައެއް މެމްބަރުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ހާއްސަކޮށް ދީނީ އިލްމުވެރިންނަށް ކަންކަން އޮންނަ ގޮތް ބުނެދިނުމަށް ވެސް ބިލުގެ ސަބަބުން ހުރަސް އެޅިގެންދާނެ ކަމަށް މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވި އެވެ. ނަމަވެސް ދީނީ ނަސޭހަތް ދިނުމަށް ހުރަސް އުޅޭ ގޮތަށް ބިލުގައި މަނާ ކުރެވޭނަމަ ކޮމިޓީގެ މަރުހަލާގައި އެކަން އިސްލާހު ކުރަން ހިސާން އެދިވަޑައިގެންނެވި އެވެ.