މޯޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ

އިޒްރޭލުން ރާއްޖެއަށް ދަތުރުކުރާ ވާހަކަ ދޮގުކޮށްފި

ސިޔާސީ އެއްވެސް ގުޅުމެއް ނެތް، އިޒްރޭލާއި ރާއްޖެއާ ދެމެދު ސީދާ ދަތުރުތައް ފަށަން ތައްޔާރުވަމުންދާ ކަމަށް ދެކެވޭ ވާހަކަތައް ރާއްޖޭގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން ދޮގު ކޮށްފި އެވެ.

އެ އޮތޯރިޓީން މި ވާހަކަތައް ދޮގު ކުރީ "އިޒޭލްހަޔޮމް" ކިޔާ އެ ގައުމުގެ ނޫހެއްގައި އިޒްރޭލުން ރާއްޖެއަށް ވައިގެ ދަތުރުތައް ފަށަން ތައްޔާރުވަމުން އަންނަ ކަމަށް ބުނާ ވާހަކަތަކެއް ރިޕޯޓް ކުރުމާ ގުޅިގެންނެވެ.

ސިވިލް އޭވިއޭޝަން އޮތޯރިޓީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ރާއްޖެއާއި އިޒްރޭލާއި ދެމެދު ވައިގެ ދަތުރުފަތުރުތައް ކުރަން ހަމަޖައްސާފައިވާ ކަމަށް ދެކެވޭ ވާހަކަތަކަކީ ހަގީގަތާއި ހިލާފު އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް ކަމަށެވެ. އަދި ރާއްޖެއާއި އިޒްރޭލާއި ދެމެދު ވައިގެ ދަތުރުފަތުރު ކުރުމާއި ގުޅޭ ގޮތުން މިހާތަނަށް އެއްވެސް ވަރަކަށް މަޝްވަރާ ކޮށްފައި ނުވާ ކަމަށާއި ދަތުރު ކުރަން އެއްވެސް އެއާލައިނަކަށް ހުއްދަ ދީފައިވެސް ނުވާނެ ކަމަށެވެ.

އެ އޮތޯރިޓީން ބުނީ ދިވެހި ސަރުކާރުން އެފަދަ ހުއްދައެއް ދޭން ވިސްނާފައި ވެސް ނުވާ ކަމަށާއި އިޒްރޭލާއި ދެމެދު ވައިގެ ދަތުރުފަތުރު ކުރުމާއި ގުޅޭ އެއްބަސްވުމެއް ވެސް މިހާތަނަށް ހަދާފައި ނުވާ ކަމަށެވެ.

ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު ޒުހައިރު މިއަދު އަވަސް އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އިޒްރޭލުން ރާއްޖެއަށް ދަތުރުތަކެއް ފަށަން އުޅޭ ކަމަށް ބުނެ ބަޔަކު ދައްކާ ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް ކަމަށެވެ.

"ރޯ ބުހުތާނު ދޮގު. އިޒްރޭލާއި ދިވެހިރާއްޖެއާ ދެމެދު އެއާ ސާވިސަސް އެގްރިމެންޓެއްވެސް މިހާތަނަށް ނެތް ކޮށްފައެއް،" ދެކެވޭ ވާހަކަތައް ދޮގު ކުރައްވަމުން ޒުހައިރު ވިދާޅުވި އެވެ.

ރޯ ބުހުތާނު ދޮގު! އިޒްރޭލާއި ދިވެހިރާއްޖެއާ ދެމެދު އެއާ ސާވިސަސް އެގްރިމެންޓެއް ވެސް މިހާތަނަށް ނެތް ކޮށްފައެއް،
ސްޓޭޓް މިނިސްޓަރު އަހްމަދު ޒުހައިރު | ޓްރާންސްޕޯޓް މިނިސްޓްރީ

އޭނާ އަދި ވިދާޅުވީ ރާއްޖެއަށް ދަތުރު ކުރުމަށް ހުއްދަ ދީފައިވާ އެއާލައިނަކުން އިޒްރޭލުގައި ޓްރާންސިޓް ކޮށްފައި ރާއްޖެ އަންނަ ނަމަ އެގޮތަށް ކުރާ ދަތުރެއް ސިވިލް އޭވިއޭޝަން އޮތޯރިޓީން ނުހުއްޓުވާނެ ކަމަށެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ މީޑިއާ އޮފިޝަލަކު އަވަސް އަށް ވިދާޅުވީ އިޒްރޭލާއި ރާއްޖެއާ ދެމެދު އެއްވެސް އިރެއްގައި ސީދާކޮށް ކުރާ ދަތުރުތަކެއް ނޯންނަ ކަމަށެވެ. އަދި އިޒްރޭލުން ރާއްޖެއަށް އާދެވޭ ގޮތް ހަމަޖެހިފައި ވަނީ އެއާ ސީޝެލްސް ރާއްޖެއަށް ކުރާ ދަތުރުތަކުގައި ބައެއް ފަހަރު އިޒްރޭލުގައި ޓްރާންސިޓް ކޮށްފައި އަންނާތީ ކަމަށް ބެލެވޭ ކަމަށެވެ.

"ނަމަވެސް އެކަމަށް ސިވިލް އޭވިއޭޝަން އޮތޯރިޓީން ހުއްދަ ދީފައިވާ ގޮތެއް ޖެހޭނީ އެ އޮތޯރިޓީ މެދުވެރިކޮށް ސާފު ކުރަން. އެއީ އެމްއޭސީއެލް އިން ކުރާ ކަމެއް ނޫން،" އެ އޮފިޝަލް ވިދާޅުވި އެވެ.

އިޒްރޭލުގެ ޓްރެވަލް އޭޖެންސީއަކާއި ހަވާލާދީ އިޒްރޭލްގެ ނޫހުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި މިއަހަރުގެ ސެޕްޓެމްބަރު ހަޔަކުން އޮކްޓޯބަރު މަހުގެ ހަވަނަ ދުވަހުގެ ނިޔަލަށް އިޒްރޭލުން ރާއްޖޭގެ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް ކޮންމެ ހޯމަ ދުވަހަކު ދަތުރުތަކެއް ބާއްވާނެ އެވެ. އަދި އެދަތުރުތައް ކުރަން ހަމަޖައްސާފައިވަނީ ސީޝެލްސްގެ ގައުމީ އެއާލައިން، އެއާ ސީޝެލްސް މެދުވެރިކޮށެވެ.

އެއާ ސީޝެލްސްގެ ދަތުރުތައް ރާއްޖެއަށް ފަށާފައި ވަނީ މިދިޔަ އަހަރުގެ ތެރޭގަ އެވެ. ނަމަވެސް ކޮވިޑްގެ ހާލަތު ގޯސްވެފައިވާތީ އެއާ ސީޝެލްސްގެ ރާއްޖެއަށް ކުރާ ދަތުރުތައް މިވަގުތަށް ވަނީ މެދުކަނޑާލާފަ އެވެ. އެމްޑީޕީގެ ކުރީގެ ސަރުކާރުގައި ވެސް އަދި މިހާރު މިއޮތް އެމްޑީޕީގެ ސަރުކާރު އައި ފަހުން ވެސް ޔަހުދީ އިޒްރޭލާ ގާތް ކަން ބާއްވާ ކަމަށް ގިނަ ބައެއްގެ ތުހުމަތުތައް އޮވެއެވެ.